އިލެކްޝަންސް ކޮމިޝަން

ބަރުލަމާނީ ގަރާރު ލިބިއްޖެ، މިދަނީ ގާނޫނީ ލަފާ ހޯދަމުން: އީސީ

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރު ލިބިފައިވާ ކަމަށާއި ގަރާރާ ގުޅޭ ގޮތުން ގާނޫނީ ލަފާ ހޯދަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އަންގާ ގޮތަށް ނިޒާމީ ވޯޓުގެ ގަރާރު މަޖިލީހުން ފާސްކުރީ އިއްޔެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކުރި ގަރާރު އެ ކޮމިޝަނަށް މިއަދު ލިބިފައިވާ ކަމަށެވެ.

"މިކަމާމެދު، ކޮމިޝަނުން އަމަލު ކުރާނޭ ގޮތުގެ ގާނޫނީ ލަފާ މިހާރު މިދަނީ ހޯދަމުން،" އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން މަޖިލީހަށް ގަރާރެއް ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. ގަރާރު މުޅި މަޖިލީހުން ނިންމި ގޮތަށް ފާސްކުރީ ވޯޓު ދެއްވި 35 މެންބަރުންގެ އިއްތިފާގުންނެވެ.

ގަރާރަށް އިސްލާހު ގެނެސް އިލްޔާސް ހުށަހެޅުއްވީ އޮކްޓޫބަރު 30 ގެ ކުރިން ވޯޓު ނެގުމަށެވެ. ގަރާރުގައި ކުރިން އޮތީ ނޮވެމްބަރު 30 ގެ ކުރިން މި ވޯޓު ނެގުމަށެވެ.

ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިއާޔަތްކުރާއިރު މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިހާބު ބޭއްވުމަށް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.