ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް އިތުރު ވަގުތު ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މި ކަމަށް އެދުނީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި މިސިޓީގައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް އެ ކޮމިޝަނުން ކުރަންޖެހޭކަން ފާހަގަކޮށްފަ އެވެ.
އެގޮތުން ވޯޓާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި ވޯޓުލާ މީހުންގެ ރަޖިސްޓްރީ އެކުލަވާލުމާއި ވޯޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި ވޯޓާ ގުޅޭ ކަންކަމަށް ވަގުތު ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.
"މި އެންމެހާ ކަންކަމަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ މުއްދަތުތަކަށް ބަލާއިރު އެންމެ އަވަހަށް ވޯޓު ނެގުން ކުރިއަށް ގެންދެވޭނެ ތާރީހު ތި އިދާރާއަށް ފަހުން އަންގާނެ ކަމުގައި ދަންނަވަން،" އީސީގެ ސިޓީގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވޯޓު ކަރުދާހުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ސުވާލުގެ އިބާރާތް އޮންނަންވީ ގޮތާއި ނިޒާމީ ވޯޓުގެ ގަރާރުގައި ގޮވާލާފައިވާ ކަންތަކާ އެއްކޮޅަށް ހުރި ހުއްޖަތްތަކާއި ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައުލޫމާތު ކަރުދާހެއްގެ އިތުރުން އިންތިހާބަށް ބޭނުންވާ ބަޖެޓުގެ ކަންކަން އަވަހަށް ފާސްކޮށްދިނުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފަ އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން މަޖިލީހަށް ގަރާރެއް ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. މި ވޯޓު މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.