( 19 ސެޕްޓެމްބަރ 2023 އާ ގުޅޭ )
"ރޭގަ..." ފަޒީލު އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އޭނާއަށް ބަސްތައް އަމުނާން ދަތިވެފައިވާ ކަހަލައެވެ.
"ރޭގަ ޕާޓީ ނިންމާފައި އަހަރެން ގެސްޓްހައުސްއަށް ދިޔައީ ފައިސަލްއާއެކީ." ޖެހިލުމެއްނެތި އަހަރެން ބުނެލީމެވެ.
"ދޮންބެތަ... އާނައަށް ތިހެން ހެދީ." އަހަރެންނަށް ނަޒަރު ސީދާކޮށްލައިގެން ހުރެ ފަޒީލު ސުވާލުކުރިއެވެ.
ފަޒީލު ކުރި ސުވާލަށް ޖަވާބުދޭން އަހަރެން ބޯޖަހާލީމެވެ. އަދި އަހަރެން ސަލާމަތްވީ ފައިސަލްއަށް ފާރަލަމުން ދިޔަ ފުލުހުންގެ ސަބަބުންކަން ބުނީމެވެ.
"އަހަރެންނަށް އެކައްޗެއް ވެސް ނުވިސްނޭ. އެމީހުން މާބޮޑު ތަފްސީލެއް ނުދިން. ދޮންބެއަށް ބޭނުންވާ އެއްޗެހި ހިފައިގެން ގޮސްފައި އަހަރެން މިއައީ... މި ރަށުގައި ވެސް ނުބަހައްޓާ އަތޮޅު ސްޓޭޝަނުގައި ބަހައްޓަން ދޮންބެ ގޮވައިގެން އެމީހުން ފުރައިފި. އެމީހުންނަށް އެ އުޅެނީ އޮޅުމެއް އަރައިގެން ކަންނޭނގެ. ދޮންބެ ކިހިނެއް މީހަކު މަރާނީ... ޝިފާލީ ގެއްލުވާލީ ދޮންބެއޭ ކިޔަނީ... އެ ވާހަކަ މުޅި ރަށުގައި އެ ދައްކަނީ." އިންތިހާ މާޔޫސްކަމުގައި ބޮލުގައި ފަޒީލަށް އަތްތިލަ ހިންގާލެވުނެވެ.
"އާދެބަލަ އިށީންނަން." އަހަރެން މިހެންބުނެ ފަޒީލު ގޮވައިގެން އައިސް ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އިށީނީމެވެ. އިތޫއާއި ޒަފަރު އަހަރެމެންނާއެކީ އައެވެ. އެމީހުން އަހަރެމެންގެ ކުރިމަތީ މަޑުކޮށްލައިގެން ތިއްބެވެ.
"އަހަރެން ވެސް ހިޔެއްނުކުރަން ފައިސަލްއަކީ އެހާ އަނިޔާވެރި މީހަކަށް ވެދާނޭ. އެނގޭތަ... އެންމެންނަށް ފައިސަލް ސިއްރުކުރާ ފަރާތެއް އޮވޭ. އޭނާ މީހުންނާ ގުޅުން ނުބާއްވަނީ އެހެންވެ. އޭނާގެ ހަޤީޤީ ސިފަ ފެނިދާނެތީ. އަހަރެން ފަޒީލަށް ކިޔާނުދޭ ވާހަކަތަކެއް އެބަހުރި... އެންމެ ފަހު ވަގުތާ ޖެހެންދެން އަހަރެން އައީ ފައިސަލްގެ ކަންކަން ސިއްރު ކުރަމުން. އަހަރެންނާ ރައްޓެހިވާން ފައިސަލް އެހި. އަދި އަހަރެމެން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ކިތަންމެ ދުވަހެއްވެއްޖެ. އެއްވެސް މީހެއް ކައިރީ އަހަރެމެންގެ ގުޅުމުގެ ވާހަކަ ނުދައްކަން ފައިސަލް ވަނީ އަހަރެން ލައްވާ ވަޢުދުކުރުވާފައި. އެންމެންގެ ކުރިމަތީ އޭނާ އަހަރެން ދަންނަ މީހަކަށް ވެސް ނުހަދާ. އެކަމަކު ދެ މީހުން އެކަނިވެއްޖެނަމަ ފައިސަލް އުޅޭނީ ނިކަން ލޯބިން. އޭނާގެ އެ ސިފަ ފެނުނު މީހަކީ އަހަރެން އެކަނި. އަހަރެން ކިޔާވަރުން ފައިސަލް ބުނީ އަހަރެމެންގެ ގުޅުމަށް ދުވަސްކޮޅެއް ވަންދެން އިހަށް މަޑުކުރުމަށް. ގާތް މީހުން ކައިރީ ފަހުން ވެސް ބުނެވިދާނެޔޭ. އެކަމަކު ފަހުންފަހުން އައިސް އަހަރެންނަށް ފައިސަލް ދައްކާ ވާހަކަ ޤަބޫލުކުރަން އުނދަގޫވީ. މުސްތަޤްބަލާމެދު ފައިސަލް ނުވިސްނާ. އޭނާ ސިއްރުކުރަނީ ކޮންކަމެއްކަން އަހަރެންނަށް އެނގުނީ ގެސްޓްހައުސްގައި އޭނާ ދިރިއުޅޭ ގޭގެ ތެރެއިން. ކިތަންމެ ރެއަކު ފައިސަލް އަހަރެންނަށް ކޮފީ ހަދައިގެން ގެނެސްދޭ. އަހަރެން ހައިރާންވޭ ކޮފީބޮއެގެން ބައެއް ރޭރޭ އެހާ އަވަހަށް ނިދޭތީ. ކިހިނެއްކަން ވަނީ އެނގުނީ ވެސް ދެން. އެރޭ އޭނާ ދިރިއުޅޭ ގޭގައި ތިބެ އަހަރެންނަށް ބޮވުނީ ފައިސަލް ބޯން ގެނައި ކޮފީތަށި. އަދި އޮޅުމަކުން އޭނާއަށް ބޮވުނީ އަހަރެން ކައިރީ ބޯން ބުނި ކޮފީތަށި. އެރޭ ފައިސަލްގެ ޚަބަރު ހުސްވީ. ގޭތެރެ ބަލަނިކޮށް ޝެލްފުތަކުގެ ފަހަތުގައި ހުރި ފާރުގެ ފަހަތުގައި ސިއްރު ކޮޓަރިއެއް ހުރިކަން އެނގުނީ. އަހަރެން ވަންއިރު އެތަނެކޭ އެކިއެކި ތަހުލީލުތައް ކުރާ ލެބޯޓްރީއެކޭ ތަފާތެއްނެތް. އެތަނުގައި ހުރި ކޮމްޕިއުޓަރުގައި ޝިފާލީގެ އެތައް ވީޑިއޯއެއް ހުރި. އެއީ ޝިފާލީއަށް ނޭނގި އޭނާގެ ކޮޓަރީގައި ސިއްރު ކެމެރާ ބަހައްޓައިގެން ރިކޯޑުކޮށްފައި ހުރި ވީޑިއޯ. ފައިސަލްއަކީ ރަނގަޅު މީހެއްނަމަ އަންހެން ކުއްޖަކު ދިރިއުޅޭ ކޮޓަރީގައި އެގޮތަށް ސިއްރު ކެމެރާ ހަރުކުރާނެތަ؟. ނުވިތާކަށް ފާޚާނާގައި ވެސް ހުރީ ކެމެރާ ހަރުކޮށްފައި. ބައެއް ވީޑިއޯތަކުގައި ޝިފާލީއާއެކު ފައިސަލް ވެސް ހުރި. އެ ވީޑިއޯތަކުން އެނގޭ އެ ދެ މީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންކަން. ދޭ ވާ ހެވިން ސެކްސް... ފަޒީލު ދެންބުނެބަލަ. އޭރު ޝައްކުވިތަ ޝިފާލީއާ ފައިސަލް އުޅެނީ ރައްޓެހިވެގެންކަން. އެމީހުންގެ ދެމެދުގައި އެހާ ގާތް ގުޅުމެއް ހިނގަމުން އައިކަން." އަހަރެން އެންމެފަހުން އަމާޒުކޮށްލި ޖުމްލައާއެކު އިސްޖެހިފައި އިން ފަޒީލު މަޑުމަޑުން ދެ ފަރާތަށް ބޯހޫރާލިއެވެ.
"ޝިފާލީ ބޭނުންކޮށްފައި ހުރި ގަހަނާ ފައިސަލް އަހަރެންނަށް ހަދިޔާގެ ގޮތުގައި ދެމުންދިޔަކަން އެނގުނީ ވެސް ވީޑިއޯތައް ފެނިފައި. ޝިފާލީ އުޅުނުއިރު އޭނާ ގެންގުޅުނު ގަހަނާފޮށި ފައިސަލްގެ އެ ސިއްރު ކޮޓަރީގައި ހުރި." އަހަރެން މިހެންބުނުމުން ފަޒީލު ކުއްލިއަކަށް އަހަރެންނަށް ބަލާލިއެވެ.
"އަހަރެން ހަނދާން އެބަހުރި... އެ ފޮށްޓެއް އަހަރެން ނުއެއްދެކެން، އެކަމަކު ޝިފާލީގެ ފްރެންޑް އޭގެ ވާހަކަދެއްކި. އެ ނުފެނިގެން އެމީހުން ވަރަށް ހޯދި. ފުލުހުންނަކަށް ވެސް ނުފެނުނު." އަޖައިބުވެ އަންތަރީސްވެފައިވާ މީހަކުހެން ދެ ލޯ ބޮޑުކޮށްގެން އިނދެ ފަޒީލު ވާހަކަދެއްކިއެވެ.
"ޝިފާލީއަށް ފަހު ފައިސަލްގެ ވިކްޓިމްއަކަށްވީ އަހަރެން. އެކަމަކު އޭނާގެ ބޭނުން ނުފުދިގެން އުޅެނިކޮށް ހުރިހާކަމެއް ފަޅާއެރީ. ރޭ ފައިސަލް އަހަރެންނާ ދިމާކުރީ މަރާލަންކަން އެނގޭ. އަހަރެންނަށް އޭނާގެ ގޮތް އެނގުނީމަ. އޭނާގެ ހަޤީޤަތް އެހެން މީހަކަށް ކިޔާދީފާނޭތީ." އަހަރެން ބުނީމެވެ.
"ފަޒީލު. ކިތަންމެ ގާތްކޮށް އުޅުނަސް އަދި އެއީ ތިމާއާ އެއްލޭ ހިނގާ، އެއް ރަހިމު ޚިއްޞާކުރި މީހަކަށް ވިޔަސް... މީހެއްގެ ގޮތެއް ހަޤީޤަތުގައި ބުނާކަށް އަހަރެމެންނަކަށް ނޭނގޭނެ. އޭނާ ވިސްނާ ގޮތާއި ހިތުގައި ސިއްރު ކުރާ ކަންކަމެއް ނޭނގޭނެ. އަހަރެމެންގެ ކުރިމަތީގައި ފައިސަލްއަކީ ވަރަށް މަޑުމައިތިރި މީހެއް. މީހުންނާ މަސްހުނިވެގެން އުޅޭން ބޭނުންނުވާ މީހެއް. ބާރަށް އެއްޗެއް ބުނާއަޑެއް ނީވޭ. ހުނަރުވެރި މަސައްކަތްތެރިއެއް. އޭނާގެ އެ އުޅުމުން އަހަރެމެން އޭނާ ދުށީ ޒިންމާދާރު ހުލްގުހެޔޮ މީހެއްގެ ގޮތުގައި. އަދިކިރިޔާ މި އެނގުނީ އެއީ އޭނާ އަޅައިގެން އުޅުނު މޫނު މައްޗެއްކަން... ފަޒީލު. ތިހެން ނީނދެ މިވަގުތު ދެން ދޭ ގެއަށް. މިކަހަލަ ވަގުތެއްގައި މަންމަ އެކަނިކޮށްލާކަށް ނުވާނެ. ފަޒީލު ތިހާ ހާސްވެގެން އުޅޭއިރު މަންމަގެ ހާލު ހުންނާނީ ކިހިނެއް. ތި ޢާއިލާއަށް މީ ވަރަށް ދަތި ދުވަސްތަކަކަށްވާނެ. އެހެންވިޔަސް މިވަގުތު އޮތީ ކެތްތެރިވުން." ފަޒީލުގެ ކޮނޑުގައި އެއް އަތުން ހިފަހައްޓާލަމުން ޒަފަރު ބުންޏެވެ.
ފަޒީލުގެ ނަޒަރު އަހަރެންނަށް ހުއްޓުނެވެ. އޭނާ ބުނީ މަންމައަށް އެ ޚަބަރު ލިބުނީއްސުރެ އަނގަޔަކުން ނުބުނާ ކަމެވެ. ވެގެން އުޅޭގޮތެއްގެ ތަފްސީލު ފަޒީލަށް ރަނގަޅަށް އޮޅުން ނުފިލާތީ އޭނާ އަހަރެން ހޯދަން އައީއެވެ. އެންމެފަހުން ފައިސަލް ދުށް މީހަކަށް ވާނީ އަހަރެން ވީމައެވެ. ފުލުހުން ހުރިހާ ތަފްސީލެއް ކިޔާނުދިނަސް އަހަރެންނަށް ފެނުނު ކަމެއްވިއްޔާ ފަޒީލަށް ކިޔާދިނީ އޭނާއަށް އެއްޗެއް ވިސްނޭތޯއެވެ. ފައިސަލްއަކީ މޫނު މައްޗެއްގެ ނިވަލުގައި ދިރިއުޅެމުން އަންނަ ގާޠިލެއްކަން ބުނެދޭށެވެ. މިއަދު އޭނާ ކުރި ކަންކަމުގެ ހެކި ލިބިއްޖެއެވެ. އަހަރެން ދެއްކި އެއްވެސް ވާހަކައެއް ދޮގު ކުރާކަށް ފަޒީލު މަސައްކަތެއް ނުކުރިއެވެ. އޭނާ އެ ވާހަކަތައް އަޑު އެހީ ފަރުވާތެރިކަމާއެކީއެވެ. ބުއްދީގޭ ބޭނުން ހިފަމުންކަން ދޭހަވެއެވެ. ބޭބެދެކެ ކިތަންމެ ލޯބިވިޔަސް އެ ބޭބެ ދިފާއުކުރެވެން ނެތްކަން ފަޒީލަށް އެނގެނީއެވެ. ޒަފަރުގެ ނަސޭހަތާއެކު އެކަން ޤަބޫލުކޮށް އޭނާ ތެދުވީ އެނބުރި ގެއަށް ދާށެވެ.
* * * * *
ދެ ދުވަސް ފާއިތުވީއިރު ރަށާއި އަތޮޅު ތެރޭގެ އިތުރުން ނޫސްތަކުގެ ސުރުޙީތަކުގައި ވެސް އެންމެ ހޫނުކޮށް ދެކެވެމުން އައީ ފައިސަލްގެ ވާހަކައެވެ. މައްސަލަ ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރި ފައިސަލް މާލެ ބަދަލުކުރަން އުޅޭކަން ހޫދު ބުންޏެވެ. މާލެ ބަދަލުކުރާ ގޮތަށް ކޯޓަށް ފައިސަލް ގެންދާނޭކަން ވެސް ބުންޏެވެ. ފައިސަލްގެ ކޭސްއާ ގުޅިގެން ޝާހިދާއެކީ ހޫދު ވެސް މާލެ ދާން އުޅޭކަން ބުންޏެވެ. އަދި އަހަރެން މާލެދާން ހުރިއްޔާ އޭނާއާއެކު ދާން އެންމެ ރަނގަޅުތޯ އެއްސެވެ.
މާލޭގައި ތިބި އަހަރެންގެ މަންމައާއި ބައްޕައަށް ރަށުގައި ހިނގައިގެން އުޅޭ ކަންތަކުގެ ޚަބަރު ލިބުމާއެކު ވެގެން އުޅޭ ގޮތެއް އޮޅުންފިލުވަން ގުޅިއެވެ. އަހަރެން މާލެ ދާން އުޅޭކަން އެމީހުން ކައިރީ ބުނީމެވެ. އަދި މާލެ ދެވުމުން ރަށުގައި ހިނގި ކަންކަން ކިޔާދޭން އެއްބަސްވީމެވެ. އަހަރެންނަށް ލިބިފައި ހުރި އަނިޔާއެއްގެ ވާހަކަ އެމީހުން ގާތު ނުބުނަމެވެ. ކަންބޮޑުވެ ހާސްވެގެން އުޅޭނެކަން އެނގޭތީއެވެ. އިތޫމެން ގެއިން ބޭރަށް އަހަރެންނަށް ވެސް ބޯދިއްކޮށްލެވޭކަށް ނެތެވެ. ފައިސަލް ހައްޔަރު ކުރިއިރު އަހަރެން އުޅެމުންދިޔައީ އޯޝަން ޕެރެޑައިސް ގެސްޓްހައުސްގައިކަން ނޭނގޭ މީހަކު މިހާރު ރަށުގައި ނެތެވެ. ވާހަކަ އޮޅުންފިލުވަން ސީމާއާއި އައިންތުގެ އިތުރުން އިތޫގެ ދޮންތަމެންގޭ މީހުން ވެސް އައެވެ. މީހުންގެ ސުވާލުތަކުން ކޮންމެ ފަހަރަކު އަހަރެން ސަލާމަތްކޮށްދެނީ ހޫދެވެ. އޭނާއާ ދެކޮޅަށް އެއްޗެއް ބުނާން ކެރޭ މީހަކު އެ ގުރޫޕުގައި ނެތެވެ. ސީރަތާއި އިތޫ ވެސް އަހަރެން ލައްވާ އެ ވާހަކަތައް ދައްކުވާން އެއްބާރުލުމެއް ނުދެއެވެ. ފަޒީލާއި އޭނާގެ މަންމަގެ ހާލަކީ ކޮބާކަމެއް ނޭނގެއެވެ. ފަހުން އަހަރެން ހޯދާކަށް ނާދެއެވެ. ޒަފަރާ ދިމާވިކަމެއް ނޫނީ ނުވާކަމެއް ވެސް ނޭނގެއެވެ. އޭނާ ވެސް ފަޒީލާ ގުޅިގެން ވާހަކައެއް ނުދައްކައެވެ.
އިތޫއަށް ވަޒީފާ ހަމަޖެހި އެއް ހަފްތާ ފަހުން ސުކޫލަށް ނުކުންނަން ޖެހޭކަން ބުނީ މެންދުރު ކާން ތިބެފައެވެ. އޭރު އެންމެން ޝަކުވާ ކުރަމުންދިޔައީ ކުރިޔާލާ ނުބުނެ ކުއްލިއަކަށް އަހަރެން ފުރަން ނިންމީމައެވެ. އެ ކުދިކިޔުންތައް އިތޫ ދިން އުފާވެރި ޚަބަރާއެކީ ވަގުތުކޮޅަށް މެދުކެނޑުނެވެ. އިތޫއަކީ އަހަރެންނަށް ލިބުނު ރަނގަޅު ރަޙުމަތްތެރިއެކެވެ. އޭނާގެ ޢާއިލާއިން އަހަރެންނަށް ބެހެއްޓި ގާތްކަން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެކަމަކު ދެން އެނބުރި އެ ރަށަށް އައުމުގެ ވިސްނުމެއް އަހަރެންގެ ނެތެވެ. އެކަމަކު އިތޫއާއި އޭނާގެ ޢާއިލާއިން މީހަކު އަހަރެން ދިރިއުޅޭ ފަސްގަނޑަށް އަތުވެއްޖެނަމަ ހެޔޮކަމުގެ ބަދަލު އަބަދުވެސް ދޭނަމެވެ.
މެންދުރު ކައިގެން ނުކުތް ގޮތަށް ހޫދު ފިޔަވައި އެންމެން އުޅެގަތީ އަހަރެންނަށް ހަދިޔާ ތައްޔާރުކުރާށެވެ. ހޫދު ބުނެފައި އޮތީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރަށް އަހަރެމެން ބަލާ ލާންޗު އަންނާނޭ ކަމެވެ. އެންމެން އެކި ދިމާއަށް ދިއުމުން ގޭތެރެއަށް ފަޅުކަން ވެރިވިއެވެ. އެންމެން އަންނަން ވާއިރަށް އަހަރެން އައީ ކޮޓަރިއަށެވެ. ފޮށިތައްޔާރު ކުރުމުގައި އިންދާ ކޮޓަރިއަށް ހޫދު އައިސް ވަނެވެ. އަހަރެން އެއްވެސް އެއްޗަކަށް ބޭނުންވޭތޯ ހޫދު އަހާލިއެވެ. ނޫނެކޭ ބުނަން އަހަރެން ބޯހޫރުވާލީއެވެ. ހޫދު އައިސް ހުޅުވާލީ އަލަމާރިއެވެ. އެއީ އޭނާގެ ކޮޓަރިއެވެ. އޭނާ ބޭނުންކުރާ އެއްޗެހި ހުރިތަނަކީ އެއީއެވެ. ހޫދު އަލަމާރިން ނެގި ދަބަސް ގެނެސް އެނދުމަތީ ބެހެއްޓިއެވެ. އޭނާ ބޭނުންވާނޭ އެއްޗެހި ދަބަހަށް އަޅަންފެށިއެވެ.
"މާލޭގައި ހުއްޓަސް އަހަރެން ގުޅާނަން... ފޯނު ނަގައްޗޭ." ދަބަހަށް އެއްޗެހި އަޅަން ހުރެފައި ހޫދު ބުންޏެވެ. ފޮށިކައިރީ ކުޑަކަކޫ މައްޗަށް ތިރިވެ އިނދެފައި އަހަރެން ތެދުވެ ހޫދަށް ބަލާލީމެވެ.
"ފައިސަލްގެ މައްސަލަ ނިމެންދެން އާނަގެ އެއްބާރުލުން ބޭނުންވާނެ... ކޯޓަށް އާނަ ދާންޖެހޭނެ." އަހަރެން އެއްޗެކޭ ނުބުނެ ގިނައިރުވެގެން ހޫދު ވާހަކަދެއްކިއެވެ.
"ހޫދު ގުޅީމަ އާންސާ ކުރާނަން." އަހަރެން ބުނެލީމެވެ. އަދި އަހަރެން އަތުގައި އޮތް ހޫދު ދިން ދެ ފޯނު ނަގައި އެނދުމަތީ ބާއްވާލީމެވެ. އަނބުރާ އެނާއަށް ރައްދުކޮށްދޭން ގަސްދުކޮށެވެ.
"މީގެ ބޭނުމެއް ދެން ނުޖެހޭނެ." ފޯނުތަކަށް ބަލާލާފައި އަހަރެން ބުނީމެވެ. ހޫދު ހަމައެކަނި ބޯޖަހާލީއެވެ.
ފާއިތުމިވީ ދެތިން ދުވަހުގެ ތެރޭ އަހަރެންނަށް ފާހަގަވީ ހޫދަށް ބަދަލުތަކެއް އަތުވެއްޖެކަމެވެ. އެހެންޏާ އަހަރެން ފެންނައިރަށް އޭނާ ކޮންމެވެސް ކަހަލަ ސަމާސާއެއް ކޮށްލާނެއެވެ. ލާނެތް އެއްޗެއް ބުނެނުލާ ނުހުރެވޭނެއެވެ. ނަމަވެސް ފައިސަލް ހައްޔަރު ކުރި ރެއިން ފެށިގެން ހޫދު ފެންނަނީ ކަމަކަށް ގެއްލި ހިމޭންވެފައި ހުންނަތަނެވެ. އަހަރެންނާ މާގިނަ ވާހަކަތަކެއް ނުދައްކައެވެ. އޭނާގެ ދެ ލޮލުން ފާޅުވާ ޝުޢޫރު ތަފާތެވެ. އެ ދެ ލޯ ހީވަނީ އަހަރެން ކައިރީ ވާހަކައެއް ބުނަން ބޭނުންވެފައިވާ ހެންނެވެ. ކަމަކާ ކެތްތެރިކަން ކުޑަވެފައިވާ ހެންނެވެ. ސިއްރު ބެލުންތަކުން އޭނާ އަހަރެންނަށް ބަލާލެއް ވެސް ގިނަކަން ފާހަގަވެއެވެ. އަހަރެންނަށް ބަލާލެވޭ ކޮންމެ ފަހަރަކު ހޫދުގެ ނަޒަރު ހުންނަނީ އަހަރެންނަށް ހުއްޓިފައެވެ. އަދި އަހަރެންނަށް އެނގުމާއެކު ނަޒަރު ބަދަލުކޮށްލައެވެ.
ހިމޭންކަމުގައި އަހަރެމެން ދެ މީހުން ވެސް ދަތުރަށް ތައްޔާރުވީމެވެ. ދަބަސް ތައްޔާރުކޮށް ނިމުމުން އެ ހިފައިގެން ހޫދު ނުކުތީއެވެ. އަހަރެން ފޮށި ލައްޕާލާފައި އައިސް އެނދު އަރިމަތީ އިށީނީމެވެ. ހޫދުގެ ހިމޭންކަން އަހަރެންގެ ހިތް ނުތަނަވަސްކުރުވަންވީ ކީއްވެކަމެއް ނޭނގިފައެވެ. ސިކުނޑި ބުރަވީ އެކަމާ ނުވިސްނުމަށެވެ. މާލެ ދެވުމުން ހުރިހާކަމެއް ހަމައަކަށް އެޅިދާނެކަމެވެ. އަހަރެން ޤަބޫލުކުރަން ބޭނުމީ ވެސް އެގޮތެވެ. އަހަރެންގެ ދިރިއުޅުން ދެން ހަމައަކަށް އެޅޭނީ ޢާއިލާގެ ގާތަށް ދެވުނީމައެވެ. މި ރަށް ދޫކޮށް ދެވުނީމައެވެ.
އެރެއެވެ. ހެނދުނުން ފުރަން އޮތެއްކަމަކު އިތޫގެ ދެމަފިރިންނާއި ސީރަތާ އަނގަތަޅަން އިނދެފައި ނިދަން އައީ އެކެއް ޖެހިފަހުންނެވެ. އެމީހުން އެއްޗެހި ހޯދައިގެން އައީ ކޮންކޮން ތަނަކުން ކަމެއް ވެސް ނޭނގެއެވެ. ކުޑަ ޑަބިޔަލަކާއި ދެ ފޮށިގަނޑު ހަދިޔާގެ ގޮތުގައި ބަންދުކޮށްފައި ހުއްޓެވެ. ފުރުވަން އެކަކުވެސް އައިސްގެން ނުވާނޭކަން ހޫދު އޮތީ އަންގާފައެވެ. އެހެންވިޔަސް އިތޫއާއި ޒަފަރު އަންނާނަންކަން އަހަރެން ކައިރީ ބުންޏެވެ.
"ކާކު؟." ފާޚާނާއިން ނުކުމެގެން އައިސް އެނދުގައި ހަމަޖެހިލި ހިނދު ދޮރުގައި ޓަކި ޖަހާލި އަޑު އިވުނީއެވެ. މީހަކު އަނގައިންނެއް ނުބުންޏެވެ. އެހެންވެ އަހަރެން އެނދުން ފައިބައިގެން އައިސް ދޮރު ކައިރީ ހުއްޓިލައި އަނެއްކާ ވެސް ކާކުތޯ ތަކުރާރުކޮށްލީމެވެ.
"ހުޅުވާލަފާނަންތަ؟." އިވުނީ ހޫދުގެ އަޑެވެ.
(ނުނިމޭ)