ފިނިޕޭޖް

"ޕާސީ ޖެކްސަން އެންޑް ދި އޮލިމްޕިއަންސް"ގެ ޓްރޭލާ ނެރެފި

"ޕާސީ ޖެކްސަން އެންޑް ދި އޮލިމްޕިއަންސް"ގެ ޓްރޭލާ ނެރެފި އެވެ.

މި ޓީވީ ސީރީޒްއަކީ ރިކް ރިއޮޑަންގެ ވާހަކަ ސީރީޒްއަށް ބިނާކޮށްފައިވާ ސީރީޒެކެވެ.

މި ވާހަކަ ސީރީޒަށް 2010 ގައި "ޕާސީ ޖެކްސަން އެންޑް ދި އޮލިމްޕިއަންސް: ދަ ލައިޓްނިން ތީފް" އާއި 2013 ގައި "ޕާސީ ޖެކްސަން: ސީ އޮފް މޮންސްޓާސް"ގެ ނަމުގައިވެސް ފިލްމެއްވެސް ހަދާފައިވެ އެވެ.

މި ދެ ފިލްމަކީވެސް ވަރަށް ކާމިޔާބު ދެ ފިލްމެވެ. މީގެ އިތުރުން މި ވާހަކައަށް ބްރޯޑްވޭ މިއުޒިކަލް އެއްވެސް ނެރެފައިވެ އެވެ.

"ޕާސީ ޖެކްސަން އެންޑް ދި އޮލިމްޕިއަންސް"ގައި އުމުރުން 12 އަހަރުގެ ޕާސީ ޖެކްސަން އަށް އޭނާގެ "ލައިޓްނިން ބޯލްޓް" ވަގަށް ނެގިކަމަށް ތުހުމަތު ކުރުމުން، އާދަޔާ ހިލާފު ކަންކަން ފެނި، ބާރުތަކެއް ލިބެ އެވެ. އަދި ޕާސީގެ އެންމެ ގާތް ދެ ރަހްމެތްތެރިންގެ އެހީގައި އޭނާގެ ބާރުތައް ބޭނުންކުރަން ދަސްކޮށް، ސުލްހަވެރިކަން ގާއިމުކުރަން މަސައްކަތް ކުރެ އެވެ.

މި ސީރީޒްގައި ޕާސީގެ ރޯލް އަދާކުރަނީ ވޯކާ ސްކޯބެލް އެވެ. އަދި ގްރޯވާގެ ރޯލް އާރްޔަން ސިމްހަޑްރީ އަދާކުރާއިރު، އެނަބެތްގެ ރޯލް އަދާކުރަނީ ލިއާ ޖެފްރީޒް އެވެ. މިއީ ޒޫސްގެ ރޯލް އަދާކުރާ އެކްޓާ ލާންސް ރިޑިކް އެންމެ ފަހުން ފެނިގެންދާނެ ރޯލެވެ.

ލާންސް ވަނީ މިދިޔަ މާޗް މަހުގައި މަރުވެފަ އެވެ. އަދި މޭގަން މަލޭލީގެ އިތުރުން ލިން-މެނުއަލް މިރަންޑާ، ޓޯބީ ސްޓީވަންސް، ޖޭސަން މަޓްޒޫކާސް، ޖޭ ޑުޕްލާސް، އެޑެމް ކޯޕްލޭންޑް ފަދަ އެތައް ތަރިންނެއް ގެސްޓް ސްޓާރުންގެ ގޮތުގައި މި ސީރީޒް އިން ފެންނާނެ އެވެ.

"ޕާސީ ޖެކްސަން އެންޑް ދި އޮލިމްޕިއަންސް" ފުރަތަމަ ދެ އެޕިސޯޑާއެކު ރިލީޒްކުރާނީ ޑިސެމްބަރު 20، 2023 ގައެވެ. އަދި އޭގެ ފަހުން ކޮންމެ ހަފްތާއަކު އާ އެޕިސޯޑެއް ދައްކާނެ އެވެ.