ފިނިޕޭޖް

މީރާ އާއި ޖުމާގެ ލޯބި ފަންޏެއް ނުކުރަން! މީރާ ދެކެ ޖޭއެއް ނުވޭ!

  • އޭނާ އަކީ މީރާގެ އެންމެ ބޮޑު ފޭން
  • ރަނގަޅު ދޮން މަންމައަކަށް މީރާ ނުވާނެ ކަމަށް ބުނި
  • އަދީބާ ގުޅުވައިގެން ދެކެވޭ ވާހަކަ ވެސް ދޮގުކުރި

މަރިޔަމް އައްޒަ ދަންނަނީ ކިހިނެތް ހެއްޔެވެ؟ ޔާރާ ފެމިލީއޭ ކިޔުނު ފިލްމީ ދާއިރާގެ އާއިލާއަކަށް ނިސްބަތްވާ އެންމެ ޒުވާން މޫނުގެ ގޮތުގައި ހެއްޔެވެ؟ ނުވަތަ އޭނާ އެންމެ މަޝްހޫރީ ކުރީގެ ފިރިމީހާ އިސްމާއިލް ޖުމައިހް (ޖުމާ) އާއެކު ފައްކާކޮށް އަދި އެހާ ހާމަކަން ބޮޑު ގޮތަކަށް "ފަޅާލި" ލޯބީގެ ޑްރާމާއަށް ހެއްޔެވެ؟

ނުވަތަ އައްޒައެއްގެ ވާހަކަ އަޑުއިވުނީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދުގެ އުނގަށް މި ދޭތެރެއަކުން ޖުމާ ވެއްޓިގަތުމުން މި ތިނެސްކަނެއްގައި ނަގައި އުފުލެމުން ދިޔަ ރާޅުތަކެއް ބިންދަން ފެށި ހިސާބުންތޯ އެވެ؟

ހަގީގަތަކީ އައްޒަގެ ހަޔާތަށް އަދި އޭނާގެ ހުނަރުވެރިކަމަށް ފާއިތުވި އަހަރުތަކުގައި ނިކަން ބޮޑަށް ހިޔަނި އެޅިފައިވުމެވެ. އަމިއްލަ އާއިލާގެ ތެރެއިން އޭނާގެ ކެރިއަރަށް އަދި ހުނަރުވެރިކަމަށް އެޅިފައި އޮތް ހިޔަންޏަކީ އޭނާގެ މަޝްހޫރު ދައްތަ އައިޝަތު ރިޝްމީގެ ހިޔަންޏެވެ. ޔާރާ ކުޑައިގެ ބޭރަށް ނުކުތުމުން ވެސް އޭނާ ފެންނަވަރެއް ނުވި އެވެ.

މާ މަޝްހޫރު ލަވަކިޔުންތެރިޔަކު އައިސް އޭނާގެ ހިތުގެ ބައިވެރިޔާ ވެސް ޖަހައިގެން ދިޔައީ އެވެ. އެއަށް ފަހު ފަލަ ސުރުހީއެއްގައި އޮތީ އައްޒަގެ ވާހަކައެއް ނޫނެވެ. އެ ދެ މީހުންގެ ވާހަކަ އެވެ.

އެހެންވީމަ ފަހަރެއްގައި މިއީ މި އައްޒައަކަށް ފަލަ ސުރުހީއެއް ދޭންވީ ނުވަތަ ހައްގުވާ ވަގުތެވެ. އޭނާ މިހާރު އެ ވަނީ ޔާރާ ކުޑައިގެ ދަށުން އަދި ހަޔާތުގައި ނެގި އެންމެ ފިނި ކުޑައިގެން ދަށުން ވެސް ނުކުމެ އާ އަމާޒުތަކަށް ހިފައިފަ އެވެ.

ތިރީގައި މިއޮތީ އައްޒަގެ ހާއްސަ އިންޓަވިއު އެވެ.

ޔާރާ ފެމިލީ އަކީ އާންމުން މުނިފޫހިފިލުމުގެ ނިކަން ބޮޑު ބައިވެރިއެއް. އެކަމަކު ޔާރާ ފެމިލީގެ އަޑު މިފަހަކަށް އައިސް މި އޮންނަނީ މުނިފޫހިފިލުމުގެ ދާއިރާގައި ވަރަށް މަޑުވެފައި. ޔާރާގެ ތަރި އޮއްސުނީތަ؟ އެއްވެސް ކަހަލަ އާ މަސައްކަތްތަކެއް އެބަ އުޅޭތަ؟

"ސީދާ ޔާރާ ޕްރޮޑަކްޝަންގެ މަސައްކަތެއް މިހާރު ނުކުރެވޭ. ކުރިން ވެއްޖެއްޔާމު ޓީމު އެއްކޮށް އޮންނަނީ އެކަމަށް. ދެން މިހާރުވެއްޖެއްޔާމު އައްޒަ އާއި ރިޝްމީ ފިލްމީ ދާއިރާގައި އުޅެންޏާމު ނުވަތަ ދަންޏާމު މި ޖެހެނީ މަންމަގެ ހެލްޕަކަށް އެދެން. އެހެންވީމަ އެންމެން އެއްކޮށް ވޯކްކުރަން ކުޑަކޮށް އުނދަގޫ. އެހެންވީމަޔާ ވެސް އެއްކޮށް. ދެން ބޮޑަށް ބޭރުން އެހެން މަސައްކަތްތައް ލިބޭތީވެ ބޮޑަށް އެ މަސައްކަތުގައި އުޅެވޭތީވެ ޔާރާ ޕްރޮޑަކްޝަން އެހާ ވޯކްނުކުރަނީ އަސްލުގައި."

"ހީއެއް ނުވޭ އަވަސް މުސްތަގުބަލެއްގައި ޔާރާ ޕްރޮޑަކްޝަންގެ އެއްޗެއް ފެނިދާނެހެންނެއް. އެކަމަކު ރިޝްމީމެން ހަދާ ފިލްމެއްގައި ޔާރާ ޕްރޮޑަކްޝަންގެ ޕާޓްނާޝިޕެއް އޮވެދާނެ."

ބައެއް މީހުން ބުނޭ އައްޒަ އާއި ކުރީގެ ފިރިމީހާ ޖުމާ މިފަހުން ނެރެން މަސައްކަތްކުރާ ލަވަ އަކީ ޖުމާ ކުރިން ރައްޓެހިވެގެން އުޅުނު، ލަވަކިޔުންތެރިޔާ މީރާ ވެލެންޓައިންސް ޑޭ އަށް ތައްޔާރުކުރި ލަވައާ ވާދައަކަށް އުފައްދާ ލަވައެކޭ. ކިހާ ވަރެއްގެ ވާހަކައެއްބާ އެއީ އަނެއްކާ؟

"ނޫން. ކުރިން ވެސް ބުނިހެން މިއީކީ އަޅުގަނޑުމެން އަމިއްލަ އަށް ހެދި ލަވައެއް ނޫން. މީރާމެން ވަކި ލަވައެއް ހަދާތީ ހެދި ލަވައެއް ވެސް ނޫން. އަޅުގަނޑުމެންނަށް ސްޓްރީކް ސްޓޫޑިއޯ އާއި ސްކެއާއިލެވެން ސްޓޫޑިއޯ އިން އައި އޮފާއެއްވީމަ އެ އޮފާ ގަބޫލުކުރީ. އެމީހުން ބޭނުންވީ ވެލެންޓައިންސް ޑޭ އަށް މި ލަވައެއް ވެސް ނެރެން. އެކަމަކު ދެން އެކަމެއް ވެސް ނުވިއެއް ނުން."

އެކްޓްރެސް އަކަށް ވާން ނުވަތަ ކެމެރާގެ ކުރި މައްޗަށް އަރައި މީހުން މުނިފޫހިފިލުވައިދޭ މީހަކަށް ވާން ނިންމި ހިސާބަކީ ކޮބާ އަދި ސަބަބަކީ ކޮބާ؟

"ދެން ހަމަ އެންމެނަށް ވެސް އެނގޭނެ މި ފީލްޑަށް އަޅުގަނޑަށް ވަދެވުނީ ފެމިލީ ތުރޫކޮށް. ފެމިލީ މިކަންތައްގަނޑުގައި އުޅޭތީވެ އޭގައި އިންވޯލްވްވެވިފައި ހުރި ވަރުން އަސްލު އިންޓްރެސްޓް އުފެދުނީ މިކަމަށް."

ކުރިން އައްޒަގެ އޮންނަނީ ބުޅި އިސްތަށިގަނޑެއް ނޫން. ކިހިނެތްވީ ބޯ އެއްކޮށް ފަހުން ފަންކޮށްލީ؟ ކީއްވެގެން ގެނައި ބަދަލެއްތަ މިއީ؟

"ބޮލަށް މި އައި ބަދަލަކީ އަސްލުގަ އަބަދު އެއްގޮތަކަށް ފެނުނީމަ ވެސް މީހުން ފޫހިވާނެތާ. އެހެންވީމަ ކުރީގައި އޮތް ބުޅި އިސްތަށިގަނޑު މާ ބިނަ ދުވަސްވެ އެއަށް ފޫހިވެގެން ފަންކޮށްލީ. ފަންއޭ ބުންޏަސް ރީބޮންޑިންއެއް ނަހަދަން. އަޔަންކޮށްލަނީ ދޭތެރެއަކުން. އެއީ ސްޓައިލް ޗޭންޖުކުރަން ވެގެން އަސްލުގައި."

"މިހާރު ވެސް ފެންވަރައިގެން ނުކުމެއްޖެއްޔާމު ހުންނަނީ ބުޅިކޮށް. އަޔަންކޮށްލީމަ ހުންނަނީ ފަންކޮށް. މިހާރު ވެސް ބުޅި އިސްތަށިގަނޑު ބޭނުމިއްޔާމު ބުޅި އިސްތަށިގަނޑު ވެސް ލިބޭ ގޮތަށް އޮތީ."

އައްޒަ ބަނޑުބޮޑުވެގެން ވަރަށް ފަލަވިއެއް ނޫންދޯ. އެކަމަކު ވިހައިގެން އެހާ ގިނަ ދުވަސްތަކެއް ނުވެ އެއްކޮށް ހިކިއްޖެ. އަދި މިހާރު ތިހުންނަނީ މާ ފަތިހަށިކޮށް. ތިހެން ހިކިކޮށް ރީތިކޮށް ނުވަތަ ދަރިއަކު ލިބުމަށް ފަހު ކުރީގެ ހިކި ދިރިއުޅުމަށް ހިތްކިޔާ މީހުންނަށް ކިޔައިދޭން އޮތީ ކޮން ސިއްރެއް ތީގައި؟

"އައްޒަ ހިކުނީ ވަރަށް ބޮޑު ކަންތައްގަނޑެއްގެ ދިމާވެގެން އެ ދުވަސްކޮޅު. އަސްލު ހީއެއް ނުކުރަން ބަނޑުބޮޑުވެގެން އެހާ ފަލަވީމަ އެގޮތަށް ހިކޭނެ ކަމަށް ވެސް. ކިތަންމެ މަސައްކަތްކުރިޔަސް ހިކޭނެ ކަމަކަށް ހީއެއް ނުކުރަން. އެކަމް ދެން ވިހައިގެން ގާތްގަނޑަކަށް ސިކްސް މަންތްސް ވަރުގަ ޑިވޯސްވީ."

"ދެން ޑިވޯސްވެގެން އެ އައި ޓެންޝަން އާއި ޑިޕްރެޝަންއާ އެ ހުރިހާ އެއްޗެއް އައިސްގެން ގާތްގަނޑަކަށް ވަން މަންތު ތެރޭގައި އައްޒަގެ ފިފްޓީން ކިލޯ ހަމަ އެއްކޮށް ދިޔައީ. ދެން އެ އަށް ފަހު އައި މަހު ވެސް ގާތްގަނޑަކަށް ފަސްކިލޯ ވަރު ހިކުނު. ދަމުންދަމުން ގޮސް ހިކުނީ. ހުރިހާ ކަންތަކާ ވިސްނާ މައިންޑް އަސްލު ބްލާސްޓްވެގެންނޭ ބުނެވޭނީ. ޖިމަކަށް ނުވަތަ އެކްސަސައިޒް ވެސް ނުކުރަން."

އައްޒަ އަދި މުޅި ޔާރާ ފެމިލީ ވެސް އެންމެ މަޝްހޫރީ ނަށަން. ނެށުމަށް މިވަރަށް ދެވިހިފީ ނުވަތަ މިވަރުގެ ފޯރިއެއް ތިގޭ ތެރޭގައި އަދި އައްޒަގެ ކިބައިގައި ވެސް ހިފީ ކިހިނެތްވެގެން؟

"އަސްލުވާގޮތަކީ އަޅުގަނޑަކީ ވަރަށް ސަކަރާތް ޖަހާ މީހެއް. ވަރަށް މަޖާކޮށް އަބަދުވެސް އުޅެން ބޭނުންވާ މީހެއް. އެންމެ ކުޑައިރުއްސުރެން ފެށިގެން ވެސް ރިޝްމީ، ކުޑާއްތަ ވެސް ވަރަށް ނަށާނެ. ދެން ދެ މީހުން ވެގެން ކުޑައިރު ފިލްމުތަކާއި ލަވަތަކާ އެއްޗެހި ބަލައިގެން ނަށާ ގޭގައި ހުންނަ ކާ މޭޒު މައްޗަށް އަރައިގެން ވެސް ގޭގެ އެންމެނަށް ޝޯ ވެސް ދޭނެ ނަށާލައިގެން."

އައްޒަގެ ފިލްމީ ހަޔާތުގައި މަންމަ، އައިމިނަތު ރަޝީދާ ސިފަކުރާނީ ކިހިނެތް؟ މަންމަ އަކީ ކިހާ ވަރެއްގެ ނުފޫޒެއްތަ؟

"ނުލިބޭނެ އެވަރުގެ މަންމައެއް. ބޭނުމެއް ވެސް ނޫން. ހުރިހާ ގޮތަކަށް ވެސް ޕާފެކްޓް. ކޮންމެ ކަމެއް ޖެހުނަސް ބެސްޓްފްރެންޑް. އަބަދުވެސް ކައިރީގައި ހުރޭ. މަންމަ އެގޮތަށް ހުރީމަ އެއްވެސް މީހަކު ނެތެކޭ ހިތަކަށް ނާރާ. އެކަންޏެކޭ ވެސް ހިތަކަށް ނާރާ. އަބަދުވެސް އެނގޭ މަންމަ އާއި ބައްޕަ ހުންނާނެކަން. ދެން ހާއްސަކޮށް މަންމަ."

"މަންމަ ބުނެގެނެއް ނޫން ފިލްމީ ދާއިރާ އަށް ވަނީ. މަންމަ ބުނީ ކޮންމެ ގޮތެއް ވިޔަސް ހިތްވަރުދޭން ހުންނާނަމޭ. މިހާރު ވެސް ޕްރޮޖެކްޓެއް ލިބިއްޖެ ނަމަ އެންމެ ފުރަތަމަ އަހާލެވެނީ މަންމަ ގާތު. ދެން ހަދަންވީ ގޮތެއް ބަލަން ވެސް."

މަންމަ އަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ވަރަށް މުހިންމު ޝަހުސިއްޔަތެއް. މަންމައަށްޓަކައި އައްޒަ އެއްފަހަރަކު ކުއްޖެގެ ބޮލަށް ބިއްލޫރިފުޅިއެއް ތަޅާލި ވާހަކައެއް އަޑުއިވުނު. މަންމަގެ ދިފާއުގައި އެގޮތަށް ނުކުންނަން ޖެހުނު ގޮތް ކިޔައިދީބަލަ؟

"ވަރަށް ލޯބިވޭ މަންމަ ދެކެ. ދެން އަޅުގަނޑަކީ ސްކޫލްގައި އުޅުނުއިރު ޑަބަލް ރުޅިގަދަ މީހެއް. ދެން ވީގޮތަކީ ސްކޫލްގައި އުޅުނު ދުވަހެއްގައި ކޮންމެވެސް ކުއްޖަކު ރުޅިއައިސްގެން މަންމައާ ބެހުނީ. މަންމައޭ ކިޔައިގެން ދެން ވަރަށް ހަޑިކޮށް ވާހަކަ ދެއްކީ. އޭތި ދެން ޑައިޖެސްޓެއް ނުކުރެވުނު. އެއީ އިންޓަވަލް ގަޑި. އޭރު ކެންޓީނުން ލިބޭނީ ކޯކް ވެސް ބިއްލޫރި ފުޅީގައި. ދެން އެ ގަޑީގަ އަތުގަ އޮތީ ކޯކްފުޅި. ދެން ޖެހުނީ ދޯ."

އަބަދުވެސް އިވެނީ ރިޝްމީ އަކީއޭ ތިއާއިލާގެ އެންމެ އަލިގަދަ ތަރިއަކީ. އެހެންކަންވެސް ނޭނގެ. އައްޒަގެ ފިލްމީ ހަޔާތަށް ފެށުނީއްސުރެން ރިޝްމީގެ ހިޔަނި މި ވަނީ ވަރަށް ބޮޑަށް އެޅިފައި. އެކަން އިހްސާސްކުރެވޭތަ ނުވަތަ މި ވާހަކަ އަނެއްކާ ގަބޫލުކުރަންތަ؟

"އަސްލު އޭތި އިހްސާސެއް ނުކުރެވޭ. ރިޝްމީގެ ހިޔަނި އަޅުގަނޑުގެ މަސައްކަތަށް ނުވަތަ ކެރިއާއަށް އެޅިފައި ހުންނަ ކަމުގެ އިހްސާސެއް ނުކުރެވޭ. އެއަށް ވުރެ ދެ މީހުން ކްލޯޒް. އެކަމަކު އަބަދުވެސް ގަބޫލުކުރެވޭ އައްޒަ އަށް ވުރެ ކޮންމެ ގޮތެއްވިޔަސް ކުޑާއްތަ (ރިޝްމީ) މޮޅު. ދެން އަނެއްކާ މާކުރިން ނުކުމެއްޖެ. މާ އެކްސްޕީރިއަންސްޑް."

"އަސްލު ވަރަށް ކޮމްފަޓަބްލް ދެ މީހުން. އަޅުގަނޑު މިއޮތްހާ ދުވަހު މި މަސައްކަތުގައި އުޅުނީ ހޮބީއަކަށް. އެކަމަކު ކުޑާއްތަ އެ އުޅެނީ ހަމަ މިކަމަށް ހުސްވެގެން. އެހެންވީމަ އެ ތަފާތުކަން ނޭނގެ އެ ފެންނަނީ."

އެކްޓިންގެ ދާއިރާ އަށް ބަލައިފި ނަމަ މަންމަ، އައިންތު އަކީ ރާއްޖޭގައި ނެތް ފެންވަރުގެ ތަޖުރިބާކާރު ބަތަލާއެއް. ރިޝްމީ ވެސް އެ ދަނީ އެ ދިމާލަށޭ ބުނެވިދާނެ. އައްޒަ އަށް ގަބޫލުކުރެވޭތަ އައްޒަގެ އެކްޓިންގެ ފެންވަރު ވެސް އެ ހިސާބަށް ހިއްލާލެވިދާނެހެން؟ ކޮން ކަހަލަ މަސައްކަތްތަކެއްތަ ކުރެވެނީ އެކްޓިން ރަނގަޅުކުރުމަށް ނުވަތަ ކޮބައިތަ މި ދާއިރާގައި އައްޒަގެ އަމާޒަކީ؟

"އެކްޓިންގެ ފެންވަރު އެއީ އަމިއްލަ އަށް މަސައްކަތްކުރީމަ ރަނގަޅުވާނެ ކަމެއްކަން އޮތީ މިހާރު އެނގިފައި. އެހެންވީމަ ކޮންމެ ގޮތެއްވިޔަސް މީގައި އޮންނާނީ އަޅުގަނޑު ކުރި ހިތްވަރެއް. ކުރި މަސައްކަތެއް. މިސާލަކަށް މި ދާއިރާ އިން ކުރިއަށް ދާން ބޭނުން ނަމަ އަޅުގަނޑުމެން މީގެ ތެރެއަށް ބޮޑަށް ވަންވަރަކަށް އެނގޭ ރަނގަޅުކުރެވޭނެކަން."

"ކުޑާއްތަ ވެސް އެއީ ވަންއިރު ވަރަށް ވީކުކޮށް އުޅުނު ކުއްޖެއް. އެކަމަކު މިހާރު ޓޮޕް ލެވެލްގަ އެބައުޅެވޭ. އެހެންވީމަ ވައި ކާންޓް އައި؟."

އައްޒައަކީ އަބަދުވެސް ވަރަށް ޕޯޝް ލައިފްސްޓައިލެއްގައި އުޅޭ މަންޒަރު ފެންނަ މީހެއް. ސޯޝަލް މީޑިއާގައި ޝެއާއެކުރާ ފޮޓޯތަކުން އެ ފެންނަނީ ހަމަ އަސްލަށް ވެސް އައްޒަގެ ހަގީގީ ދިރިއުޅުމާއި މިޒާޖުތަ؟

"ސޯޝަލް މީޑިއާގައި ޕޯސްޓްކުރަނީ ޑެއިލީ ލައިފްގައި ހިނގާ ކަންތައްތައް ޝެއާކުރުމުގެ ނިޔަތުގައި. ދަރިފުޅު ގޮވައިގެން ބޭރަށް ދިޔަޔަސް ފޮޓޯއެއް ނަގާލާފައި ލަނީ. ކޮންމެހެން ދެއްކޭކަށް ނުވަތަ އަޅުގަނޑުގެ އަސްލު ނޫން އެހެން މީހެއްގެ ގޮތުގައި ދައްކާކަށެއް ވެސް ނޫން. އާންމު ދިރިއުޅުން."

ބައެއް މީހުން ބުނޭ އައްޒަކީ ވަރަށް ދެއްކުންތެރިކަން ބޮޑު މީހެކޭ ވެސް. އައްޒަ ތިއީ ފޮނި ނުވަތަ އެބުނާ ގޮތަށް ތިމާގެ މޮޅުކަން ދައްކައިގެން މީހުންގެ ސަމާލުކަން ހޯދަން މަސައްކަތްކުރާ މީހެކޭ ބުނެވިދާނެތަ؟

"މީހުންގެ ސަމާލުކަން ހޯދާކަށް އަސްލު ބޭނުމެއް ނޫން. ކޮންމެ ގޮތެއްވިޔަސް އަޅުގަނޑަކީ އާންމުން ދަންނަ މީހެއް. މީހުންނަށް އިނގޭނެ އަޅުގަނޑު. އަސްލު އަޅުގަނޑު މި އިންސްޓަގްރާމް ކުރާވަރަށް ކުރާ އެހެން ކުދިން ވެސް އުޅޭ. ތަފާތަކީ އެ ކުދިން އެހާ ވަރަކަށް ނޭނގޭ. އެކަމަކު މިސާލަކަށް އަޅުގަނޑު ކަމެއްކޮށްފި ނަމަ އެންމެނަށް އެކަން އެނގޭ. ހައިލައިޓްވޭ. އެއީ ތަފާތަކީ."

ސަޕޯޓަރުން ނުވަތަ ފޭނުންގެ އިހްތިރާމް ހޯދައި އެކަން ދެމެހެއްޓުމަށް އަދި ބެލުންތެރިންގެ މެދުގައި ވެސް އިހްތިރާމްކުރެވޭ ފެންވަރުގެ ނަމޫނާއެއް ދެއްކުމަށް ކިހާ މަސައްކަތެއް ކުރެވޭތަ؟

"ވަރަށް ބޮޑަށް ޑިސިޕްލިން ހިފެހެއްޓޭތޯ ބަލަން. އަޅުގަނޑު ކިރިޔާ ވެސް ދަންނަ މީހެއް ނަމަ ނުބުނެވޭނެ މިއީ ހަޑިކޮށް އުޅޭ ގޯސްކޮށް އުޅޭ މިވެނި ކަމެއް ކުރާ މިވެނި އެއްެޗެއް ބޯ މީހެކޭ ނުބުނެވޭ. އަމިއްލަ ސެލްފަށް އަޅުގަނޑު ރެސްޕެކްޓްކުރަން. އެ ރެސްޕެކްޓް އެހެން މީހުން ވެސް އަޅުގަނޑަށް ދޭން ބޭނުން. ދެން އަގު ވައްޓާލަން މީހުން ހަދަހަދައިގެން ދައްކާ ވާހަކައަކަށް އައި ކާންޓް ހެލްޕް ދޯ."

މިހެން އުޅެލާފައި ދޭތެރެއަކުން ސޯޝަލް މީޑިއާ އަށް ބޯކޮށްޕާލާއިރު ފެނިދާނެ އައްޒަގެ ބަރަހަނާ ފޮޓޯތަކެކޭ ބުނާ ފޮޓޯތަކެއް އެނބުރޭ މަންޒަރު. އަބަދުވެސް ފޭކު ފޮޓޯތަކެއް ކަމަށް ވަނީ އެއީ. އައްޒަ އަށް ކިހާ ވަރެއްގެ ޔަގީންކަމެއް ދެވިދާނެތަ އައްޒަގެ ފޭނުންނަށް އައްޒަގެ އެފަދަ އެއްވެސް ފޮޓޯތަކެއް ލީކުނުވާނެ ކަމުގެ؟

"5000 ޕަސެންޓް. ދެން ދެވެން އޮތް އެންމެ މައްޗަކުން ދޭނަން. އެއީ މިހާރު ކޮންމެ ގޮތެއް ވިޔަސް ހެނދުނު ހޭލާއިރު ވެސް ކުއްޖަކު ގުޅާލާފައި ބުނެލަފާނެ އައްޒާއޭ އެބައުޅެއޭ އައްޒާގެ ނިއުޑް ފޮޓޯތަކެއް ލީކުވެގެން. އެކަމަކު އެއްވެސް ހާހެއް ވެސް ނުވޭ ދެރައެއް ވެސް ނުވޭ. އެވަރުގެ ގެރެންޓީ އިނދޭ. އެވަރުގެ އެއްޗެއް ނުނިކުންނާނެކަން."

"މިހާރު ދެން އަޅުގަނޑުގެ ލީކުނުވާ ފޮޓޯއެއް ނެތް. އެކަމަކު ފެންނަށް ފޮޓޯއެއް ވެސް އެކަހަލަ."

މީހުން ބުނޭ ހަގީގީ ލޯތްބަކީ ޖުމާ އާއި އައްޒައާ ދެމެދު އޮތް ހިތާއި ހިތުގެ ގުޅުމޭ. ދެ މީހުންނަށް ވެވުނު ލޯބި އައްޒަ ސިފަކުރާނީ ކިހިނެތް؟ މީހުން އެ ބުނާ ހަގީގީ ލޯބިތަ ވެވުނީ؟ ޖުމާއާ ދިމާވެ، ލޯބީގައި ދީވާނާވުމުގެ ކުރިން މި ފެންވަރަށް ލޯބިވެވުނު އެއްވެސް މީހަކު ހަޔާތަށް އައިތަ؟

"ޖުމާ އައުމުގެ ފަހުން އަޅުގަނޑުގެ ލައިފަކަށް އިތުރު ލޯބިވެރިއެއް ބިޓެއް ނާދޭ. އަދިވެސް ނާދޭ. އޭގެ ކުރިން ނަގާފައި ހުރި ބޯއިފްރެންޑުން ވެސް މިވަރެއް ނުވޭ. ދުވަހަކު ވެސް ހީއެއް ވެސް ނުކުރަން މި ވަރަށް މީހަކު ދެކެ ލޯބިވެވޭނެއެކޭ ވެސް. އަސްލު ވެދާނެ އެހެން މީހުންނާ އެކު ޝެއާ ނުކުރެވޭ މޮމެންޓްސް ޖުމާއާ އެކު ޝެއާކުރެވިފައިހުރީމަ ކަމަށް ވެސް."

ދެ މީހުން ވަރިވިޔަސް އަދިވެސް ދެ މީހުންގެ ދެމެދުގައި އޮތް ލޯތްބެއް މަރެއް ނުވޭދޯ؟ ނުވަތަ ބުނެވިދާނެތަ ދެ މީހުންގެ ދެމެދުގައި މިހާރު އޮތް ދަމާ ބާރަކީ ދަރިފުޅު އީތަން ކަމަށް؟

"ޑިވޯސްވެގެން ދެން މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ ދޯ. އެކަމަކު ވާ ގޮތަކީ އީތަން (އައްޒަ އާއި ޖުމާގެ ދަރިފުޅު) ހުންނާތީ ދެ މީހުން މި ޖެހެނީ ކޮންމެ ގޮތެއްވިޔަސް ކޮމިއުނިކޭޓްކުރަން. އީތަންގެ ކަންތަކާ ދެ މީހުން ވަރަށް ރަނގަޅަށް ޑީލްކުރަން. އެހެންވީމަ އީތަންގެ ބައްޕައަށްވީމަ އަބަދުވެސް އިނދޭ އެ ލޯބި. އިންނާނެތާ އެޓޭޗްމަންޓެއް ފާޑެއްގެ."

"ދެން އަބަދު ފެނި، އަބަދު އެކުގައި އުޅެން ޖެހުނީމަ ހުންނާނެ ދުރުނުވެނޭ ގޮތެއް. ދެން ލޯބިވޭ އަބަދުވެސް."

"މިސާލަކަށް އީތަން ނެތް ނަމަ ދެ މީހުން ވެސް މޫވްއޮންކޮށްގެން ޖުމާ ވެސް އެހެން މީހަކާ މެރީ ވެސްކޮށްފާނެކަން ނޭނގެ. އަޅުގަނޑަށް ވެސް އެހެން މީހަކާ މެރީކުރެވިފަކަން ނޭނގެ އޮންނާނީ. އެކަމަކު އީތަން ހުރީމަ އެ ޑިޒިޝަން އެހެން ދިމާލަކަށް ނަގަން ނުކެރިގެން މި އުޅެނީ."

އައްޒަގެ އުނގުން ޖުމާ ދެން ގޮސް ވެއްޓުނީ މީރާގެ އުނގަށް. އެ ދެ މީހުންގެ ލޯބީގެ ވާހަކަ އަކީ ރާއްޖޭގައި އެންމެ މަޝްހޫރުވި އެއް ލޯބީގެ ކުޅިގަނޑޭ ވެސް ބުނެވިދާނެ. އައްޒަ އަށް އެ ދެ މީހުންގެ ލޯބި ނަގައިގަނެވުނު ގޮތް ނުވަތަ ސިފަވި ގޮތް ކިޔައިދީފާނަންތަ؟

"ޖުމާ އާއި މީރާގެ ރިލޭޝަންޝިޕަކީ އެއްގޮތަކަށް ވެސް ހީނުކުރާ ކަމެއް. އެންމެ ފުރަތަމަ އެ ވާހަކަ އަޑުއިވުނީމަ ހިތަށް އެރީ، އާނ އޯކޭއޭ. ވަރަށް ކޫލްއޭ. އެއީ ކޮންމެ ގޮތެއްވިޔަސް އަޅުގަނޑަށް އެނގޭ ޖުމާއާ ރައްޓެހިވެގެން އަޅުގަނޑަކަށް ދެން އެކަހަލަ ގޮތަކަށް ނޫޅެވޭނެކަން. އެހެންވީމަ ހީ ހޭޒް ޓް މޫވްއޮން ސަމްޑޭ ދޯ. އެ ޑިޒިޝަން އޭނަ އެންމެ ފުރަތަމަ ނެގީމަ އަސްލު ވަރަށް އުފާވެސްވި."

މީހުން ބުނޭ އައްޒަ ދޫކޮށްލާފައި މީރާ ކަހަލަ ޅަ ކުއްޖަކާ ޖުމާ ރައްޓެހިވުމަކީ އައްޒަ އެކަމަކާ ވަރަށް ޖޭވާ ކަމެކޭ؟ އަދި މީރާ ދެކެ އައްޒަ ނިކަން ރުޅި ވެސް އަންނަ ވާޙަކަ. ކޮބައިތަ މި ވާހަކަތަކުގެ ހަގީގަތަކީ؟

"އަޅުގަނޑު މީރާ ދެކެ އަސްލު ޖޭއެއް ނުވޭ. އެއްވެސް ވަރަކަށް ނުވޭ. އެއީ އަނެއްހެން ބަލަންޏާމު ޓެލެންޓްވައިސްކޮށް ބެލިޔަސް އެއީ މުޅިން އެހެން ފީލްޑެއް. އަޅުގަނޑު މިއީ މުޅިން އެހެން ފީލްޑެއް. އަޅުގަނޑަށް ހީވަނީ އަޅުގަނޑު މީރާ ދެކެ ޖޭ ވަނީއޭ ބަޔަކު ބުނާ ނަމަ އެހެން އެ ބުނަނީ ވެސް މަސައްކަތާ ގުޅުވައިގެންހެން."

"އަނެއްހެން ޖޭވާންވީ ސަބަބެއް ވެސް ނެތް. ހަސަދަވެރިކަމެއް ވެސް ނެތް. ރުޅިވެރިކަމެއް ވެސް ނެތް. މީރާ މިހާރު ވެސް ދޭތެރެއަކުން ގުޅާލާފައި ވާހަކަ ދައްކާލާނެ."

ލަވަކިޔުންތެރިއެއްގެ ގޮތުގައި އަދި ޖުމާގެ ކުރީގެ ބިޓެއްގެ ގޮތުގައި އައްޒަ، މީރާ ސިފަކުރާނީ ކިހިނެތް؟

"މިހާރު ވެސް ދޭތެރެއަކުން އަޅުގަނޑުގެ ކާރަށް ބައެއް މީހުންނާ އެކު އެރޭ ގަޑިތަކުގައި ހުންނާނީ މީރާގެ ލަވަޖެހިފައި. ދެން އެމީހުން ބުނާނެ އަދިވެސް މީރާގެ ލަވަހޭ އަޅުގަނޑު ޖަހަނީ. އަޅުގަނޑު އަބަދުވެސް އެމީހުންނަށް ދޭ ޖަވާބަކީ މީރާ އަކީ ވަރަށް ޓެލެންޓެޑް ކުއްޖެކޭ. މީރާގެ ލަވަތައް ވަރަށް ރީއްޗޭ. މީރާގެ އަޑު ވަރަށް މެޖިކަލްއޭ."

"މީރާގެ ފޭންއެއް އަސްލު އަޅުގަނޑަކީ. އައި ފޭންހާ ހަމަ. ލަވަ ޖަހަން ވެސް ޖަހަން މީރާގެ. ބޭނުމެއް ވެސް ނުވޭ މީގެ ތެރެއަށް ޕާސަނަލް ކަމެއް ވައްދާކަށް ވެސް."

މީރާ ބުނީ ޖުމާ ދެކެ ވެވުނީ ހަގީގީ ލޯތްބެއް ނޫނޭ. ވެދާނެތަ އެހާ ފަސޭހައިން އެ ދެ މީހުން ވަކިވީ އެހެންވެގެން ކަމަށް؟ އެކަމަކު ބައެއް މީހުން ކިޔާ އަޑު އިވޭ މީރާ އާއި ޖުމާ ރުޅިވާން ޖެހުމުގެ އަސްލަކީ އައްޒަ ކަމަށް ވެސް. އެއީ ކިހާވަރެއްގެ ހަގީގަތެއްތަ؟

"ނޭނގޭ އަޅުގަނޑަކަށް. މީރާ ދޯ އުޅުނީ ޖުމާއާ ރައްޓެހިވެގެން އޭރު. އެ ދެމީހުންގެ ދެމެދުގައި ހިނގައި ދިޔަ ކަންތަކެއް އަސްލު އަޅުގަނޑަކަށް ނޭނގޭ. ވެދާނެ މީރާ އަށް ވެވުނީ ހަގީގީ ލޯބި ނޫން ކަމަށް ވެސް."

"އެކަމަކު އޭރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ކަމަށްވެއްޖެއްޔާމު ވަރަށް ބޮޑަށް ހަގީގީ ލޯބިވެގެން، ހަމަ ދުރުނުވެވިގެން ކަމަށް އަޑުއިވިފައި އޮތީ. ދެން އަޅުގަނޑަކަށް ނޭނގޭ ފަހުން ވީ ގޮތެއް."

މީހުން ބުނޭ އެ ދެ މީހުން ރުޅިވީ އައްޒައާ ހެދިއޭ؟

"ނޫން ނޫން ނޫން. އެ ދެ މީހުން ރުޅިވީ ގައިމު ވެސް އައްޒައާ ހެދިއެއް ނޫން. އެވަރު ގެރެންޓީ އެބައޮތް. އެމީހުން ރުޅިވެގެން ޖުމާ އާއި އަޅުގަނޑާ އީތަންއާ އޮތް ގުޅުން ރަނގަޅުވެގެން. އަނެއްހެން އަޅުގަނޑު އެ ދެ މީހުންގެ ދޭތެރެއަށް ގޮސް ފަނިހަދައިގެން އެ ދެ މީހުން ދުރުކޮށް ޖުމާ އަޅުގަނޑުގެ ގާތަށް ގެނައީކީއެއް ނޫން."

ދެ ވަނަ ފަހަރަށް ޖުމާއާ ކައިވެނިކޮށްފާނަންތަ؟

"މިސާލަކަށް މި އިންޓަވިއުގައި އަޅުގަނޑު ބުނީ ނުއިންނާނަމޭ. ކިޔާފައި ގޮސް ފަހުން އިނދެއްޖެއްޔާމު އަޅުގަނޑަށް އެނގޭ މި އިންޓަވިއު އަންނާނީ އަނެއްކާ ރިޕީޓްވެގެންކަން. އެހެންވީމަ އެހެން ވާކަށެއް ބޭނުމެއް ނޫން. ކުރިއަށް ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެ. އެހެންވީމަ ނޭނގޭ އަދި ވާނެ ގޮތެއް."

މިސާލަކަށް ޖުމާ އާއި އައްޒަ އަލުން ކައިވެނިކޮށްގެން އުޅެނިކޮށް ޖުމާ ބޭނުންވީޔޯ ދެ ވަނަ އަންބަކު ވެސް. ދެ އަންބަށް ޖުމާއާ އެކު އުޅެން އޭރުން އެއްބަސްވާނަންތަ؟

"ހަމަ ގައިމު ވެސް ދެ އަންބަކަށް ނުއިންނާނަން. އަދި ދުވަހަކު ވެސް ހިތަކު ނެތް ދެއަންބަކަށް މީހަކާ އިންނާނަމެކޭ."

ބުނެވިދާނެތަ ޖުމާ އާއި އައްޒަގެ ކައިވެނި ހަލާކުވެ ރޫޅިގެން ދިއުމުގެ އަސްލަކީ ޖުމާއޭ. ނުވަތަ ކޮބައިތަ އޭގައި ކުށްވެރިވާ މީހަކީ. އަނެއްކާ އެ މީހަކީ އައްޒަތަ؟

"ކުރިން ވެސް ބުނެފައި އޮންނާނެ. ޖުމާއާ އަޅުގަނޑު ވަރިވާން ޖެހުނީ ހަމަގައިމުވެސް އަޅުގަނޑުގެ ފޯލްޓެއް ފެނިގެން އަޅުގަނޑުގެ ކުށެއް އޮވެގެނެއް ނޫން. ޖުމާއަކަށް ނުދެއްކޭނެ މިސާލަކަށް އަޅުގަނޑު މިވެނި މީހެއްގެ ކައިރިއަށް ދިޔައީއޭ. ދޮގުހަދައިގެން މިވެނި ކަމެއް ކުރީއޭ. އެކަހަލަ އެއްވެސް ފޯލްޓެއް އޮވެގެނެއް ނޫން."

"ދެ މީހުންގެ ދެމެދުގައި އޮތް މިސްއަންޑަސްޓޭންޑިންއެއް މިސްކަނެކްޝަންއެއް ބޮޑުވެގެން ދިޔަދިޔައީނުން ގޮސް ދެ މީހުންނަށް އެއްކޮށް ދޭން ނޫޅެވޭނޭ ހިތަށް އެރީމަ ވަރިވާން ނިންމީ."

ޖުމާ އަކީ އައްޒަގެ ދަރިފުޅު އީތަންގެ ބައްޕަ. ޖުމާ ގޮސް މީރާއާ ކައިވެނިކުރި ނަމަ އީތަންގެ ދޮން މަންމައަކަށް ވާނީ މީރާ. އެކަމަކު އެހެނެއް ނުވި ދޯ. އީތަން އަށް ދޮން މަންމައަކު ނުލިބި މީރާ އާއި ޖުމާގެ ލޯބި ނިމުމަކަށް އައުމަކީ އައްޒަ އަށް ލިބޭ ކިހާ ވަރެއްގެ ހިތްހަމަޖެހުމެއްތަ؟

"މިސާލަކަށް ޖުމާއާ މީރާ މެރީކުރީޔޯ. މެރީ ކުރި ނަމަވެސް ޖުމާގެ ވައިފަކަށް ލިބެން ޖެހޭ ރެސްޕެކްޓް އަޅުގަނޑުގެ ފަރާތުން ލިބޭނެ. ހުރިހާ ކަމެއްގައި ވެސް ރަނގަޅަށް ވާހަކަ ދައްކައިފި ނަމަ ވަރަށް ކޯޕަރޭޓިވްވާނެ އަޅުގަނޑު."

"އެ ދެމީހުން ރުޅިވީމަ އަސްލު އުފަލެއް ނުވޭ. ކުރިން ވެސް ބުނިން ޖުމާ ކައިރީގައި (މީރާ) އާއެކު އުޅެވޭތޯ އަދިވެސް މަސައްކަތްކުރާށޭ ވެސް."

މީރާ ބުނޭ އީތަން އަކީ އަބަދުވެސް އޭނާ އަށް ވަރަށް ހާއްސަ ކުއްޖެކޭ. އީތަންގެ ދޮން މަންމައަކަށް ވުމުގެ ފުރުސަތު ލިބުނު ނަމަ ހުރިހާ އުފަލަކާއި ލޯތްބެއް ވެސް ހޯދައިދޭނަމޭ. އައްޒަ ގަބޫލުކުރަންތަ އެ ފުރުސަތު މީރާ އަށް ލިބުނު ނަމަ އީތަން އަށް ރަނގަޅު "މަންމައަކަށް" މީރާ އަށް ވެވިދާނެ ކަމަށް؟

"ތިއީކީ އެއްވެސް ގޮތަކަށް އަޅުގަނޑު ގަބޫލުކުރާނެ ވާހަކައެއް ނޫން. މިސާލަކަށް އީތަންގެ ދޮން މަންމައަކަށް މީރާ ވީ ނަމަ އަޅުގަނޑެއް ނުބުނާނަން މީރާ އަކީ އީތަންއަކަށް މިގޮތަށް މަންމައެއްގެ ލޯބި ދީގެން އެގޮތަށް އުޅެވޭނެ ކުއްޖެކޭ. އަޑުއިވިފަ ހުރި ވާހަކަތަކުން އަޅުގަނޑަކަށް ހީއެއް ނުވޭ މީރާ އަށް އީތަން އަށް މަންމައެއްގެ ލޯބި، ހަމަގައިމުވެސް އަޅުގަނޑު މި ދޭ ގޮތަކަށް މަންމައެއްގެ ލޯބި ނުދެވޭނެ."

"އެ ހަމަ ގެރެންޓީ ކަމެއް."

މީރާ އާއި ޖުމާއެއްގެ ވާހަކަ ހާދަ ގިނަވެއްޖެއޭދޯ. އެހެން މީހެއްގެ ވާހަކަ ފަށަމާ ހިނގާ. މީހުން ބުނޭ ކުރީގެ ނައިބު ރައީސް އަދީބަކީ އައްޒަގެ ނިކަން ގާތް ރައްޓެއްސެކޭ. ކިހާ ވަރެއްގެ ގުޅުމެއްތަ ދެ މީހުންގެ ދެމެދުގައި އޮތީ؟

"އެއީ ހުސް ދޮގު. އަދީބާ އަޅުގަނޑާ ނޯންނާނެ ހަމަ އެއްވެސް ގުޅުމެއް. އެ ވާހަކަ ވަރަށް ދޮގުކުރަން. އެއީކީއެއް އެއްވެސް ތެދެއް ނޫން. އެއީ ފެތުރިގެން އުޅުނު ވަރަށް ދެރަކޮށް ދިޔަ ވާހަކައެއް. ވަރަށް ދެރަވި އަޅުގަނޑަށް ވެސް ނޭނގި ހުއްޓާ ފެތުރިގަތް ވާހަކައެއް. އަޅުގަނޑު އެފަހަރު ދިޔައީ ޑިވޯސްވި ފަހުން ލިބުނު ޓުއަރިޒަމް ފެއާއަކަށް. ދިޔައީ ވެސް ގޮމަ ގްރޫޕްގެ ފަރާތުން އެމީހުންނާ އެކު. މިކޮޅަށް އައިއިރު އޮތީ އެ ވާހަކައެއް ފެތުރިފައި."

"ނޭނގެ ކިހިނެތް، ކީއްވެގެން ކަމެއް ވެސް."

ކޮބާ ހިނގާ ދެން ނިންމާލަމާ ދޯ. އެކަމަކު ނިންމާލުމުގެ ކުރިން މޯލްޑިވިއަން އައިޑޮލްއާ ބެހޭ ގޮތުން ޖެހޭނެ ކޮންމެވެސް އެއްޗެއް ބުނެލަން. ކޮބައިތަ މި ޝޯ އިން އައްޒަ އަށް އެންމެ ކަމުދާ ތިން ލަވަކިޔުންތެރިންނަކީ؟

"ހުރިހާ ކުދިން ވެސް ވަރަށް މޮޅު. ލައިޝާ ވަރަށް ރަނގަޅު. ދެން އިޝާން. ދެން ޝަލަބީ."

އެ ލަވަކިޔުންތެރިއެއްގެ އަޑުން ރިކޯޑްކުރާ ލަވައަކަށް ނަށާލަން އައްޒަ ބޭނުންވާ ލަވަކިޔުންތެރިޔަކު އެބަހުރިތަ މި ޝޯގައި؟

"އެ ތިން މީހުން ވެސް އޯކޭ. ތިން މީހުންގެ ތެރެއިން ދާނީ ޑުއެޓަކަށް. ދެ ފިރިހެން ކުދިން ލައިގެން އެ ލަވަކިޔުއްވާނީ."

  • ފޮޓޯގްރެފީ: މިލްޒީރޯ ނިޝާން
  • ސްޓައިލިސްޓް: ނޫރާ
  • މޭކަޕް އާޓިސްޓް: ޖަސްޓިން
  • ވޯޑްރޯބް: ރިވެންޖު