އިންޑިއާއާ ގުޅުވައިގެން ދޮގު ހަބަރު ފަތުރާ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ގޮވާލައިފި އެވެ.
ހައި ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާގެ ޑިޕްލޮމެޓުންނާއި އެ ގައުމުގެ މަސައްކަތްތެރިންނާ ގުޅޭގޮތުން ދިވެހިންގެ މެދުގައި ރުޅިވެރިކަން އުފެއްދުމަށް ރާވައިގެން ދޮގު ހަބަރު ފަތުރާ ކަމަށެވެ.
ދޮގު ހަބަރު ފެތުރުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ހީނަރުކުރުމާއި ބިރުވެރިކަމެއް އުފެއްދުމުގެ ބޭނުމުގައި ކަމަށް ހައި ކޮމިޝަނުން ދެކެ އެވެ.
ހައި ކޮމިޝަންގެ ބަޔާނުގައި ބުނެފައިވަނީ އިންޑިއާއިން ނެއިބާހޫޑް ފަސްޓް ޕޮލިސީގެ ރާއްޖެއަށް އިސްކަންދޭ ކަމަށެވެ. އެހެންކަމުން ދޮގު ހަބަރު ފެތުރުމަކީ ބަލައިގަނެވޭ ކަމަކަށް ނުވާތީ އެ މައްސަލަތައް ބެލުމަށް ގޮވާލާފައިވެ އެވެ.
އިންޑިއާއާ ގުޅުވައިގެން ދޮގު ހަބަރު ފަތުރާ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މީގެކުރިން ކޮށްފައިވާ ޓްވީޓެއްގައިވެސް ގޮވާލާފައިވެ އެވެ.
ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން އިންޑިއާ އަށް އެންމެ ބޮޑަށް ފާޑުކިޔާ މައްސަލައަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނާ މައްސަލަަ އެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އަސްކަރީ ބޭނުމެއްގައި ރާއްޖޭގައި އެއްވެސް ބޭރުގެ ގައުމެއްގެ ސިފައިން ނެތް ކަމަށް ވިދާޅުވެފަ އެވެ.