މުހައްމަދު އަސްލަމް

އެމްޑީޕީއާއި ޑިމޮކްރެޓުންނަކީ އެއް ފިކުރެއް: އަސްލަމް

އެމްޑީޕީ އިން ވަކިވެގެން ދިޔަ ބޭފުޅުންތަކެއް އިސްވެ ތިއްބަވައިގެން އުފައްދާފައިވާ ދަ ޑިމޮކްރެޓްސްއާއި އެމްޑީޕީއަކީ އެއް ފިކުރެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގެ ހުޅުދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އަސްލަމް ވިދާޅުވީ ޑިމޮކްރެޓްސް އަކީ ވަކި ސިޔާސީ ޕާޓީ އަކަށްވީ ނަމަވެސް އެ ޕާޓީގައި ތިބީ ރައްޔިތުން ބޭނުންވާ ކަހަލަ ވެރިކަމެއް ގެނައުމަށް އެމްޑީޕީއާ އެކު މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ. އެހެންކަމުން ފިކުރުގެ ގޮތުން އެ ދެ ޕާޓީއަކީ އެއްބައެއް ކަމުގައި ވިދޅާުވި އެވެ.

"މިއީ ވަރަށް ގާތް ގުޅުމެއް އޮތް އެއް އާއިލާއެއް ކަމުގައި އަޅުގަނޑު ދެކެނީ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ޑިމޮކްރެޓުންގެ ބައެއް ބޭފުޅުން ދުރުގައި ތިބި ނަމަވެސް އެބޭފުޅުނަށް ދުރަށް ދެވޭނީ ވަކި ވަރަކަށް ކަމަށެވެ. ޑިމޮކްރެޓުންނަކީ އެހާވެސް ގާތް ބަޔަކަށް ވާތީ އިސްލާހަށް ފެށި މަސައްކަތްތަކުގައި އެކުގައި މަސައްކަތް ކުރުމަށް އަސްލަމް ވަނީ ޑިމޮކްރެޓުންނަށް ދައުވަތުވެސް ދެއްވާފަ އެވެ.

ޑިމޮކްރެޓްސް އަކީ މިއަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން އުފެއްދި ޕާޓީ އެކެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވާދަކުރައްވާ 15،600 ވޯޓު ހޯއްދަވައި ތިންވަނަ ހޯއްދެވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހާއި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ޑިމޮކްރެޓުންގެ ތާއީދު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ޑިމޮކްރެޓުން މިހާރު ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމާފަ އެވެ.

ޑިމޮކްރެޓުންގެ ވެރިންގެ ގޮތުގައި ތިއްބެވި އިސް ބޭފުޅުން ފާޅުގައި ގެންދަވަނީ ރައީސް ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ޑިމޮކްރެޓުންގެ އާންމު ބައެއް މެންބަރުން ގެންދަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ކުރެވޭ މަސައްކަތްތަކުން ޑިމޮކްރެޓުންގެ ތާއީދު ލިބެމުންދާ ކަމަށާއި ޑިމޮކްރެޓުންގެ ހުރިހާ މެންބަރުންގެ ތާއީދުވެސް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އެއާއެކީގައި މިއިންތިހާބު ކާމިޔާބުކުރަން ދެވަނަ ބުރު ކާމިޔާބުކުރަން ވަރަށް ބޮޑަށް ފަސޭހަވެގެން އެބަދޭ،" ރައީސް ވިދާޅުވި އެވެ.