ހުސައިން އަމްރު

ޑިމޮކްރެޓުންގެ ރައީސްކަމަށް ވާދަކުރާނަން: އަމްރު

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ފަރާތުން ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓުންގެ ރަނިންމޭޓް ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓުންގެ އިންޓަރިމް ކައުންސިލް ބައްދަލުވުމުގައި މިއަދު ވަނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބު މިއަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ފާސްކޮށްފަ އެވެ.

ޕާޓީގެ މި ނިންމުމާ އެކު އަމުރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީގެ އިންތިހާބު އިއުލާންކުރުމާ އެކު އޭނާ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.

"މިކަމުގައި އެންމެހާ ޑިމޮކްރެޓުންގެ އެއްބާރުލުމާ ތާއީދު ދެއްވުން އެދި ދަންނަވަން،" އަމްރު ވިދާޅުވި އެވެ.

ޑިމޮކްރެޓުންގެ އިސް ބައެއް އެހެން ބޭފުޅުންވެސް ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށް އެނގިފައިވެ އެވެ.

ޑިމޮކްރެޓުންގެ އެތެރޭގެ އިންތިހާބު ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ބާއްވަން ހުށަހެޅުއްވީ އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް އެވެ.

ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވަނީ ޕާޓީއެއް ރަޖިސްޓްރީ ކުރާތާ ތިން މަސް ތެރޭގައި އިންތިހާބު ބާއްވަންޖެހެ އެވެ. އެހެންކަމުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ޑިމޮކްރެޓުންގެ އިންތިހާބު ބާއްވަންޖެހެ އެވެ.

ޑިމޮކްރެޓުންގެ އިންތިހާބު ޑިސެމްބަރު ދެވަނަ ދުވަހު ބާއްވަން އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ތިބި 31 މެންބަރުންގެ އިއްތިފާގުން ފާސްކުރީ އެ ތާރީހުގައި އިންތިހާބު ބާއްވާނަމަ ޖޫރިމަނާ ކުރާނެކަން އެނގިގެންނެވެ.

ޑިމޮކްރެޓުންގެ އެތެރޭގެ އިންތިހާބު ޑިސެމްބަރަށް ފަސްކުރީ ކުރިއަށް އޮތް ޑިސެމްބަރު މަހު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ވޯޓެއް ނެގޭނެ ކަމަށް ބަލައި އެ ވޯޓަށް އެ ޕާޓީން ތައްޔާރުވުމަށެވެ.