ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ނަތީޖާ އިއުލާންކުރުން މާދަމާއަށް ފަސްކޮށްފައިވާތީ ބައެއް ޑިމޮކްރެޓުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
ޑިމޮކްރެޓްސް އުފެއްދުމަށްފަހު މަގާމުތަކަށް ބޭފުޅުން ހޮވުމަށް ބޭއްވި ފުރަތަމަ އިންތިހާބު މިއަދު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔައީ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.
އިންތިހާބު ނިމުނުތާ އެތައް އިރެއް ވެގެން ދިޔައިރުވެސް ނަތީޖާ އިއުލާންކޮށްފައި ނުވާތީ ބައެއް އާންމު މެންބަރުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ޑިމޮކްރެޓުންގެ ރަސްމީ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ވަގުތީ ނަތީޖާ މާދަމާގެ ވަގުތެއްގައި އިއުލާންކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ނަތީޖާ އިއުލާންކުރުން މާދަމާއަށް ފަސްކުރި ވަކި ސަބަބެއް ބުނެފައެއް ނުވެ އެވެ.
ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ޕާޓީގެ ރައީސްއަށް ވާދަކުރައްވާ ދެ ބޭފުޅުންގެ މެދުގައެވެ. ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަނީ ޕާޓީގެ މަސްއޫލުވެރިޔާ އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.
ރަސްމީ ނަތީޖާ އިއުލާން ނުކުރަނީސް ދެ ބޭފުޅުންވެސް ވަނީ ކާމިޔާބީ އިއުލާންކުރައްވާފަ އެވެ.
ހަސަން ވިދާޅުވި ގޮތުގައި ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކަނީ ބޮޑު ތަފާތަކުން އޭނާއަށް އިންތިހާބު ކާމިޔާބު ވެފައިވާ ކަމެވެ.
"މިއަދު މުޅި ރާއްޖޭގައި އެ ހިންގުނީ މުހިއްމު ސިޔާސީ ހަރަކާތެއް. ދެން އޮތީ ހަގީގީ މަސައްކަތް ފަށައިގަތުން. ހުރިހާ މެންބަރުންނަށް މަރުހަބާ އާއި ޝުކުރު ދަންނަވަން،" ހަސަން ވިދާޅުވި އެވެ.
އަމްރުވެސް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ނަތީޖާއަށް ބަލާއިރު އޭނާއަށް ގިނަ ވޯޓު ލިބިފައިވާ ކަމަށާއި ނަމަވެސް ވަގުތީ ނަތީޖާ ނުލިބެނީސް ކާމިޔާބީ ރަސްމީކޮށް އިއުލާން ނުކޮށް މަޑުކުރައްވައިގެން ތިއްބެވީ ކަމަށެވެ.
ނަތީޖާ އިއުލާންކުރުން ފަސްކޮށްފައިވާތީ ކަންބޮޑުވުން ފާޅުކުރަމުންދާ ބައެއް މީހުން ބުނީ ރާއްޖޭގައި ބާއްވާ ހުރިހާ އިންތިހާބެއްގެ ނަތީޖާ އިންތިހާބު ނިމޭތާ ކުޑައިރުކޮޅެއްގެ ތެރޭގައި ލިބޭއިރު ޑިމޮކްރެޓިކް ޕާޓީން މާދަމާ ނަތީޖާ އިއުލާންކުރުމަކީ ޑިމޮކްރަސީގެ ހަމަތަކާ ބީރަށްޓެހި ގޮތެއް ކަމަށެވެ. ނަތީޖާ މިރޭ އިއުލާންކުރެވެންޖެހޭނެ ކަމަށްވެސް ބައެއް އާންމު މެންބަރުން ގެންދަނީ ބުނަމުންނެވެ.