ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މާލޭގައި 20 އަހަރުވީ މީހުންނަށް ގޯތި ދެނީ އުތުރު ތިލަފަޅުން

މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނަށް ދޫކުރަން ނިންމާފައިވާ ގޯތިތައް ދޫކުރާނީ އަސްކަރީ ބަނދަރެއް ތަރައްގީކުރަމުން އަންނަ އުތުރު ތިލަފަޅުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއުލާންކުރައްވައިފި އެވެ.

މާލޭގެ ގަލޮޅު ކަންމަތީގައި މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ ރައްޔިތުންނާއި މާލޭގެ ދަފްތަރުގައި ތިބީ މީހުން މާލޭގައި ދިރިއުޅޭތީ އެ މީހުންގެ އަސްލު ރަށުންވެސް އަދި މާލެ އިން ވެސް ގޯތި ލިބުމަށް ދަތިވެފައިވާ ކަމަށެވެ. އެހެންވެ އެފަދަ މީހުންނަށް އަމާޒުކޮށްގެން ގޯއްޗާއި ފްލެޓް ލިބޭ ސްކީމެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު އިރާދަކުރެއްވިއްޔާ މި ނިންމަނީ އަނެއްކާވެސް އާ ހައުސިން ސްކީމެއް ފެށްޓުމަށްޓަކައި. އޭގެތެރޭގައި މާލޭގައި ދިރިއުޅޭ އަޅުގަނޑުމެން މިކިޔާ ދަފްތަރުގައި ޖެހިފައިވާ 20 އަހަރަށް ވުރެ ގިނަ ދުވަހު ތިބި މީހުންނާއި އަދި މާލޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅޭކަން ކަށަވަރުކޮށްދޭން ހުރިހާ އެންމެންނަށް އިރާދަކުރެއްވިއްޔާ އެ ހައުސިން ސްކީމުގެ ތެރެއިން އަޅުގަނޑުމެން ފްލެޓާއި ގޯތި ދޫކޮށްދޭނަން،" ރައީސް އެރޭ ވިދާޅުވި އެވެ.

މާލޭގައި ދިރިއުޅޭ މީހުންނަށް ދޫކުރާ ގޯތިތަކާ ގުޅޭގޮތުން ރައީސް ސޯލިހް މިރޭ ވިދާޅުވީ އެ ގޯތިތަކުގެ ސްކީމުގެ މައުލޫމާތު މިރޭ އިއުލާންކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ގޯތިތައް ދޫކުރާނީ އިދިކޮޅު ފަރާތްތަކުން އިންޑިއާ އިން ހިސާރުކޮށްގެން އުޅޭ ކަމަށް ބުނާ އުތުރު ތިލަފަޅުން ކަމަށެވެ. މިގިންތީގައި ހިމެނޭ އެންމެނަށް ވެސް މި ސްކީމުން ގޯތި ދޭނެ ކަމުގައި ވިދާޅުވި އެވެ.

'"އެތަނުގައި [އުތުރު ތިލަފަޅުގައި] ދިވެހިން ދިރިއުޅޭނީ. ބޭރު މީހުންނެއް ނޫން އުޅޭނީ. މާލޭން ވިލިމާލެއަށް، ވިލިމާލޭން ގުޅިފަޅަށް، ގުޅިފަޅުން ތިލަފުށްޓަށް، ތިލަފުށިން ގިރާވަރު ފަޅަށް، ގިރާވަރުފަޅުން އުތުރުތިލަފަޅަށް، ބްރިޖުުން އެތަން ގުޅިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިން ބޭނުންވާ ކަންކަން ކޮށްދޭނީ މިސަރުކާރުން ކަމަށެވެ. އަދި ދިވެހިން ބޭނުންވާ އުފާވެރި އަމާން ރާއްޖެއެއް ހޯދައިދޭނީ އެމްޑީޕީގެ މިސަރުކާރުން ކަމަށްވެސް ވިދާޅުވި އެވެ.

މާލެ ސަރަހައްދުން އިތުރު 4،000 އަށް ވުުރެ ގިނަ ގޯއްޗާއި އިތުރު 6،000 ފްލެޓް ދޫކުރަން ނިންމިކަން ސަރުކާރުން އިއުލާން ކުރީވެސް މިއަދުގެ ވަގުތެއް ގައެވެ.

މިސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް ޝަރުތު ހަމަވި 19،842 މީހަކަށް އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި 16،923 މީހަކަށް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.