އޭވިއޭޝަން ދާއިރާގެ މުސާރަތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ސޯސަން ޖަގަހައިގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ފަންނީ މީހުން ކުރަމުންދަނީ މުހިއްމު މަސައްކަތްތަކެއް ކަމަށެވެ. އެހެންވެ ހަމަހަމަ އުސޫލަކުން ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނައުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އެވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުންގެ މުސާރަތައް ދިރާސާކުރަމުންދާ ކަމަށެވެ.
“ޕައިލެޓުންނާއި އިންޖިނިއަރުންނާ އަދި ކްރޫއިންނާ އެހެން ގޮސް އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ އެތައް ބައިވަރު މުވައްޒަފުން އެބައުޅޭ. މިހާރު އަޅުގަނޑުމެން ވާނީ އޭވިއޭޝަން ދާއިރާގެ މުސާރަ ރިވިއުކުރުމުގެ މަސައްކަތް ފަށާފައި. ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި އެއާ ކްރޫއިންނާ މިހެން ގޮސް މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުމެއް ލަސްތަކެއް ނުވެ ލިބިދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،” ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވަނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ސިފައިންނާއި ފުލުހުން ހިމެނޭ ގޮތަށް ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފަ އެވެ.
ރައީސް ސޯލިހްގެ ވެރިކަމުގައި މިދިޔަ އަހަރުގެ މެއި އެއްވަނަ ދުވަހު ވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްފަ އެވެ. އަދި މިއަހަރުގެ މެއި އެއްވަނަ ދުވަހުން ފެށިގެން ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްފަ އެވެ.