ވެރިކަމަށް ވަޑައިގެން ފަސް އަހަރުގެ ތެރޭގައި ޔޫޒަބަލް ރިޒާވް 500 މިލިއަން ޑޮލަރަށް ވުރެ މައްޗަށް ގެންދިއުމަކީ އަމާޒެއް ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒުގެ އިގްތިސާދީ މެނިފެސްޓޯގެ މައުލޫމާތު ހިއްސާކުރުމަށް މިރޭ މީރުމާ ހޮޓެލްގައި ބޭއްވި ފޯރަމެއްގައި މުއިއްޒު ވިދާޅުވީ ދައުލަތުގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް ފުދުންތެރި ދައުލަތެއް ބިނާކުރުމަށް މިސަރުކާރުން ކުރާ މަސައްކަތެއް ފެނިގެން ނުދާ ކަމަށެވެ. އެކަމަކު އޭނާގެ ވެރިކަމެއްގައި މިހާރު 15 ޕަސަންޓްގައި އޮތް ބަޖެޓް ޑެފިސިޓް ސިންގަލް ޑިޖިޓަކަށް ހެދުމަކީ އުއްމީދެއް ކަމުގައިވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުނުއިރު ރިޒާވްގައި 612 މިލިއަން ޑޮލަރު ހުރި ކަމަށެވެ. ނަމަވެސް މިހާރު ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 150 މިލިއަން ޑޮލަރު ކަމުގައި ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު ދެރައެއް. ރިޒާވް މިހާ ވަރަށް ތިރިވުމަކީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް،" ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުމަށް ފައިސާ ރައްކާކުރަން ރައީސް ޔާމީން ވެރިކަމުގައި އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި 300 މިލިއަނެއްހާ ޑޮލަރު ހުއްޓާ މިސަރުކާރު ވެރިކަމާ ހަވާލުވެ އެ ފަންޑުގައި ހުރި ޑޮލަރު ދިވެހި ރުފިޔާއަށް މާރުކޮށްފައިވާ ކަމަށް ވިދާޅުވެ މުއިއްޒު ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ އަމާޒަކީ އެސްޑީއެފަށް އަލުން 500 މިލިއަނެއްހާ ޑޮލަރު ޖަމާކޮށް އެ ފައިސާ އިންވެސްޓްކޮށްގެން ފަންޑުގައި ހުންނަ ފައިސާ އިތުރުކުރުން ކަމަށެވެ. އޭރުން ސަރުކާރުން ދައްކަންޖެހޭ ދަރަނި ދެއްކުމަށް ދުރާލައި ފައިސާ އެއްކުރެވިފައި ހުންނާނެ ކަމަށްވެސް ވިދާޅުވި އެެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މިސަރުކާރުން ކަންކުރައްވާ ގޮތަށް ވުރެ ހުރިހާ ގޮތަކުންވެސް ކަންކަން ކުރާ ގޮތް ރަނގަޅުވެފައި ފުރިހަމަ ވާނެ ކަމަށެވެ.