ރިޕޯޓް

ގާނޫނު އަސާސީ ހިމާޔަތްކުރުމާއި 65 އަހަރުގެ މަޖާ ސުވާލު!

ގާނޫނަށް އިސްލާހު ގެނެސް އޮޑިޓަ ޖެނެރަލް މަގާމުން ވަކިކޮށް އާ އޮޑިޓަ ޖެނެރަލަކު އައްޔަންކުރި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރި އެވެ. މި ދެ މައްސަލާގައި ވެސް ސަރުކާރާ ދެކޮޅު މަޖިލިސް މެންބަރުންގެ ވޯޓު ބައިބައިވެގެން ދިޔަ ތަން ފެނުނެވެ. އެކަމަކު އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ހެދުމަށް ގާނޫނު އަސާސީ އަށް އިސްލާހެއް ހުށަހެޅުމާ ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ސިޔާސީ އިދިކޮޅު ފަރާތްތައް އެއް އޮޑިއެއްގައި ދަތުރަށް ފަށަން މި ވަނީ ނިންމައިފަ އެވެ.

ގާނޫނަށް އިސްލާހު ގެނެސްގެން މި ކުރި ހުރިހާ ކަމަކީ ވެސް ގާނޫނު އަސާސީގެ ބައެއް މާއްދާތަކަށް ބަލާއިރު އެ މާއްދާތަކާ ފުށުއަރާ ކަންތައްތަކެއްގެ ގޮތުގައި ބެލެ އެވެ. ރައްޔިތުންގެ މަޖިލިސް ތެރޭގަ އާއި އާންމުންގެ މެދުގައި ވެސް މި ކަންކަމާ އެހާ ބޮޑަށް ހިޔާލު ތަފާތުވެގެން ދިޔައީ އެހެންވެ އެވެ. އެކަމަކު ސަރުކާރާ ދެކޮޅު ފަރާތްތަކުގެ ހިޔާލު އޭރު އެއްގޮތް ކޮށް ސަރުކާރު ޒިންމާދާރު ކުރުވަން އުޅުނު ތަނެއް ނުފެނުނެވެ. މީގެ މާނަ އަކީ ސަރުކާރުން ކަންކުރި ގޮތާ ދެކޮޅަށް ވާހަކަ ދެއްކި ނަމަވެސް އިދިކޮޅު ފަރާތްތަކުގެ މަސްލަހަތެއް ވެސް މި ކަންކަމުގައި އޮތުން ހެއްޔެވެ؟ ނޭނގެ އެވެ. އެކަމަކު ސަރުކާރުން ކުރި ކަންކަން ހުއްޓުވަން އިދިކޮޅު ފަރާތްތަކަށް އެއްގަލަކަށް ނޭރުނުކަން އެނގެ އެވެ.

ދެން އޮތީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތް ހަދަން ހުށަހެޅި އިސްލާހެވެ. މިއީ ސިޔާސީ ވާދަވެރިން، ހާއްސަކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެކެ ސަރުކާރު ގަންނަ ބިރަކުން އެމަނިކުފާނު އެއްފަރާތް ކޮށްލުމަށް ހުށަހެޅި އިސްލާހެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އިސްލާހު އަމާޒުވާ ސިޔާސީ ލީޑަރުންގެ ވާހަކަ ބާއްވާށެވެ. މިހާރު އޮތް ގޮތުން އަޅުގަނޑަށް ވެސް ވެރިކަމަށް ކުރިމައްޗެއް ނުލެވެ އެވެ. މިހެން ނުބުނާންވީ ކީއްވެގެން ހެއްޔެވެ؟ ވެރިކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް ހަދައިފި ނަމަ އަޅުގަނޑުގެ މަންމަ އާއި ބައްޕައަކަށް ވެސް ވެރިކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. މި ލިސްޓު ވަރަށް ދިގުވާނެ އެވެ. ހައްގުތައް އޮންނަން ވާނީ ހަމައެކަނި ސިޔާސީ ލީޑަރުންނަށް ހެއްޔެވެ؟

އުމުރުން 65 އަހަރު ވުމަކީ މިހާރު އިސްލާހު ހުށަހަޅާފައިވާ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ޝަރުތެއް ގެއްލިގެންދާ ކަމެކެވެ. އެހެންވީމާ 64 އަހަރާއި 11 މަސް ވެފައިވާ މީހަކަށް ވެސް ވެރިކަމަށް ކުރިމަތި ލެވޭނެ އެވެ. ރައީސް ކަމަށް އިންތިހާބުވާ ފަހުން 65 އަހަރު ވެއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ރައީސް ކަމުގެ ޝަރުތެއް ގެއްލި އެ ހިސާބުން ޖެހޭނީ ވެރިކަމުން ރިޓަޔާ ކުރަން ހެއްޔެވެ؟

މުވައްޒަފުން ރިޓަޔާ ކުރަން ޖެހޭއިރު މުޅި ގައުމާ ހަވާލުވެ ހުންނަ މީހާ ރިޓަޔާ ކުރަންޖެހޭ އުމުރެއް ނޯންނަނީ ކީއްވެގެން ހެއްޔެވެ؟ ރައީސްކަން ކުރުމަށް ނުކުޅެދުންތެރިިވާ ހާލަތެއް އަތުވެއްޖެ ނަމަ ރައީސަކު ވަކިކުރެވޭ ގޮތަށް ގާނޫނު އަސާސީގައި އޮވެ އެވެ. އެކަމަކު މިހާ ހިސާބަށް ގޮސްގެން ވެރިކަމުން ދުރުކުރި ރައީސުން މުޅި ދުނިޔޭގެ ނިސްބަތުން ވެސް މަދެވެ. ރާއްޖެ ކަހަލަ، "ވެރިކަން ބޭނުން ނުވެ ތިއްބާ" ވެރިކަން ލިބޭ މީހުން މަގާމުން ދުރުކުރަން އުޅެފި ނަމަ ވާނީ ކިހިނެއް ކަމެއް ވެސް ނޭނގެ އެވެ.

ދެން އޮތީ އެހެން ގައުމުތަކުގައި ވެސް އޮންނަނީ މިހެންނޭ ކިޔާފައި އެގޮތަށް ތަބާވެގެން ތިބުމުގެ ސިޔާސަތެވެ. ދެން އެ ހިސާބުން ނިމުނީ އެވެ. އުހުނ ނުނިމެ އެވެ. އެހެން ގައުމުތަކުުގައި އޮންނަނީ ތިމާ ބޭނުންވާ ގޮތަށް ނަމަ އެއީ ރަނގަޅު ގޮތެވެ. އެހެން ގޮތަކަށް އޮންނަ ނަމަ ބުނާނީ ބަޔަކު އުޅޭހާ ގޮތަކަށް އުޅެން ނުޖެހޭ ކަމަށެވެ.

ހަމަ ކަމެއް ކޮށްލާއިރަށް ގާނޫނު އަސާސީއޭ ކިޔާފައި ސަރުކާރާ ދެކޮޅަކަށް ނުނިކުންނާނެ އެވެ. އެކަަމަކު ސިޔާސީ ގޮތުން ކަމެއް ބޭނުންވާ ކޮންމެ ފަހަރަކު ގާނޫނު އަސާސީއާ ކުޅެން ދިމާކުރާ ނަމަ އެކަމެއް ހުއްޓުވަން ޖެހޭނެ އެވެ. ނަމަވެސް އަހަރެމެންގެ މި އޮތީ ވަރަށް ފުރިހަމަ ގާނޫނު އަސާސީއެއް ހެއްޔެވެ؟

އެންމެން ވެސް ގަބޫލުކުރަނީ މިހާރު މި އޮތް ގާނޫނު އަސާސީ ބައްޓަންކުރީ މައުމޫން އަބްދުލް ގައްޔޫމްގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެންނަން ކަމަށެވެ. ގާނޫނު އަސާސީއެއް ހެދިޔަސް އެ ގާނޫނު އަސާސީއާ ގުޅުމެއް ނެތް ގާނޫނުތައް އިސްލާހު ނުކުރެވި ހުރުމުގެ ސަަބަބުން ދިމާވާ މައްސަލަތަކުގެ ވާހަކަ އަކީ އަލުން ތަކުރާރު ކުރަންޖެހޭ ވާހަކަތަކެއް ނޫނެވެ.

މިހާރު މި އޮތް ގާނޫނު އަސާސީ އަށް އިސްލާހެއް ގެންނާކަށް ނުވާނެ ހެއްޔެވެ؟ ނޫނެކެވެ. ގެންނަންޖެހޭ ކޮންމެ އިސްލާހެއް ވެސް ގެންނަން ޖެހޭނެ އެވެ. އެކަމަކު އެއީ ސިޔާސީ ފައިދާ އަށް ކުރާ ކަމަކަށް ވެގެން ނުވާނެ އެވެ. ވަކި މީހަކަށް ފައިދާއެއް ހޯދައިދޭން ކުރާ ކަމަކަށް ވެގެން ނުވާނެ އެވެ. ކުއްލިކުއްލި އަށް ހިތަށް އެރި ކޮންމެ ފަހަރަކު ކުރާ ކަމަކަށް ވެގެން ނުވާނެ އެވެ. އެހެންވެ ގާނޫނު އަސާސީ އަށް އިސްލާހެއް ގެންނަ ނަމަ މި ހުރިހާ ދިމާލަކަށް ނަޒަރު ހިންގަން ޖެހެ އެވެ. ގާނޫނު އަސާސީގެ ހިމާޔަތަށް ނިކުމެ ސަރުކާ ވައްޓާލާ ހިސާބަށް ދާން ޖެހޭ މިންގަނޑު ކަނޑައާނީ މި ހިސާބަކުން ނޫންހެއްޔެވެ؟