ފެމިލީ ކޯޓް

މިދިޔަ މަހު މާލޭގައި 171 ކައިވެނި، 132 ވަރި

މާލޭގައި މިދިޔަ އޮގަސްޓު މަހު 171 ކައިވެނި ކުރިއިރު އެ މަހުގެ ތެރޭގައި 132 ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ފެމިލީ ކޯޓުގެ އޮގަސްޓު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ ކޯޓަށް ހުށަހެޅި ވަރީގެ މައްސަލަތަކާއި ކުރީ މަހު ނުނިމި ހުރި ވަރީގެ މައްސަލަތަކާ އެކު މިދިޔަ މަހު ވަރިއާ ގުޅޭ ޖުމްލަ 188 މައްސަލަ ފެމިލީ ކޯޓުން ނިންމާފައިވެ އެވެ.

ވަރީގެ މައްސަލަތަކުގެ ތެރެއިން ފެމިލީ ކޯޓުން މިދިޔަ މަހު އެންމެ ގިނައިން ނިންމާފައިވަނީ ވަރިވުމަށް އެދިފައިވާ މައްސަލަތަކެވެ. އެއީ 90 މައްސަލަ އެވެ.

މީގެ އިތުރުން ވަރިކުރުމަށް އެދި ހުށަހެޅި 39 މައްސަލަ މިދިޔަ މަހު ފެމިލީ ކޯޓުން ނިންމާފައިވާއިރު ވަރި ސާބިތުކުރުމަށް އެދި ހުށަހެޅި 58 މައްސަލަ އާއި ވަރިއާ މެދު ޝައްކުވެގެން ހުށަހެޅި އެއް މައްސަލަ އެ ކޯޓުން ވަނީ ނިންމާފަ އެވެ.

ފެމިލީ ކޯޓުން ބަލަހައްޓަމުން ދަނީ ހަމައެކަނި މާލޭގައި ކުރާ ކައިވެނިތަކާއި ވަރީގެ މައްސަލަތަކުގެ އިތުރުން އާއިލީ މައްސަލަތަކެވެ.