ދުނިޔެ

މިސްރުގައި ރިޔާސީ އިންތިޚާބު ޑިސެމްބަރު 10-12 ގައި

މިސްރުގައި ރިޔާސީ އިންތިހާބު އަންނަ ޑިސެމްބަރު 10-12 ގައި ބާއްވާނެ ކަމަށް އިންތިހާބާ ބެހޭ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

މި އިންތިހާބު ބާއްވާނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިބީ އަންނަ އަހަރު ކުރީ ކޮޅު އެވެ.

މަޝްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި މިއީ މިސްރުގައި ރިޔާސީ އިންތިހާބެއް ބާއްވަން އެންމެ ރަނގަޅު ދުވަސްވަރެއް ނޫނެވެ. ސަބަބަކީ މިސްރަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ދަތިތަކާ ހެދި -- އާންމު ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވެދާނެތީ އެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ރިޔާސީ ރައީސްކަމުގެ އިތުރު ދައުރަކަށް ވާދަކުރައްވާނެކަން އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ސީސީއަށް ސަޕޯޓް އޮންނަ ދައުލަތު މުއްސަސާތަކުން ސީސީއަށް ތާއީދުކޮށް މެސެޖްތަކާއި އިޝްތިހާރުތައް ދަނީ ހަދަމުންނެނެވެ.

ސީސީ، 68، މިސްރުގެ ރައީސްގެ މަގާމުގައި ހުންނަވާތާ ނުވަ އަހަރު ވެއްޖެ އެވެ. އޭނާ އެންމެ ފުރަތަމަ ރައީސްކަމަށް ވަޑައިގަތީ 2014 ވަނަ އަހަރެވެ. އެއަށް ފަހު 2018 ގައި ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސީސީ މިފަހަރު ވެސް ރައީސްކަމަށް ވާދަކުރައްވާނެ އެވެ. އަދި އިންތިހާބު ވެސް ކާމިޔާބުކުރައްވާނެ އެވެ.

މި އިންތިހާބުގައި ވާދަކުރައްވާނެކަން މިހާރު ވެސް އިއުލާންކުރައްވާފައިވަނީ އިދިކޮޅު ލީޑަރު އަހްމަދު އަލްތަންތާވީ އާއި މިސްރުގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ފަރީދު ޒަހްރާން އެވެ.

އިންތިހާބުގައި ވޯޓުލުން އޮންނާނީ -- ނެޝަނަލް އިލެކްޝަން އޮތޯރިޓީގެ ޗެއާމަން ވަލީދު ހަސަން ހަމްޒާ ވިދާޅުވި ގޮތުގައި -- ޑިސެމްބަރު 10، 11 އަދި 12 ގައެވެ.

އިންތިހާބުގައި ވާދަކުރަން އެދޭނަމަ އޮކްޓޯބަރު ފެށުމާ އެކު ފޯމުތައް ހުށަހެޅޭނެ ކަމަށް އިލެކްޝަން އޮތޯރިޓީން އޮތީ ބުނެފަ އެވެ.

ކެންޑިޑޭޓުންގެ ލިސްޓް ނޮވެމްބަރު ނުވައެއްގައި ފައިނަލް ކުރުމަށްފަހު -- ނޮވެމްބަރު 29 ނިޔަލަށް ކެމްޕޭނަށް ފުރުސަތު ދޭ ގޮތަށް އޮތީ ހަމަޖައްސާފަ އެވެ. އިންތިހާބު ކާމިޔާބުކުރާ ކެންޑިޑޭޓެއް އިއުލާންކުރަން ހަމަޖައްސާފައި އޮތީ ޑިސެމްބަރު 18 އެވެ.

ރިޔާސީ އިންތިހާބަށް ފަހު އިންތިހާބު ކާމިޔާބުކުރައްވާ ކެންޑިޑޭޓަކަށް އެންމެ ބުރަ ކަމަކަށް އޮންނާނީ ގައުމުގެ އިގުތިސާދު ހަމައަކަށް އެޅުވުމެވެ.

ދުނިޔޭގެ މާލީ އިދާރާތަކުގެ ލަފާގެ މަތިން ގައުމުގެ އިގުތިސާދު އިސްލާހު ކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަވަސްކުރުން ރައީސްއަކަށް އިންތިހާބުކުރެވޭ ބޭފުޅަކަށް ވާޖިބު ހާލަތަކަށް އަންނާނެ ކަމަށް އިގުތިސާދީ މާހިރުން ވިދާޅުވެ އެވެ.