ފިނިޕޭޖް

ކެރީ ވޮޝިންގްޓަންގެ އަމިއްލަ ހަޔާތާ ގުޅޭ ފޮތެއް

"ސްކެންޑަލް" އަދި "ޖެންގޯ އަންޗެއިންޑް"ގެ ތަރި ކެރީ ވޮޝިންގްޓަން، (46 އ) މެމުއާ "ތިކަ ދޭން ވޯޓާ" އެއް ނެރެފި އެވެ.

އިއްޔެ ރިލީޒްކުރި "ތިކާ ދޭން ވޯޓާ"ގައި ހައިރާންކުރަނިވި ގިނަ ކަންތައްތަކެއް ކެރީ ހާމަކޮށްފައިވެ އެވެ.

މި މެމުއާގައި ހިމެނޭނެ ކަމަށް ޕީޕަލް އަށާއި ދަ ނިއުޔޯކް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ކެރީ ބުނީ އެންމެ ބޮޑު ސިއްރަކީ އޭނާގެ އާއިލީ މައްސަލަ އެވެ.

2018 ގައި ޑީއެންއޭ ޓެސްޓް ހަދައިގެން ނަސްލާއި އާއިލީ ގުޅުން ދެނެގަންނަ "ފައިންޑިން ޔޯ ރޫޓްސް" ޝޯއަށް އަރާ ވާހަކަ ބުނުމުން، ކެރީގެ މައިންބަފައިން ހާމަކުރި ސިއްރުން މުޅިން ދުނިޔެ އެގޮތް މިގޮތްވި ކަމަށެވެ.

އެ ސިއްރަކީ ކެރީ ހޯދާފައިވަނީ ސްޕާމް ޑޯނާއެއް މެދުވެރިކޮށް ކަމަށްވުމުންނެވެ.

ކެރީ ބުނީ އޭނާ އަބަދުވެސް ބައްޕައާ ގުޅުމަށް މަސައްކަތްކުރި ނަމަވެސް ދެމީހުންގެ މެދުގައި ބޮޑު ގުޅުމެއް ނެތް ކަމަށެވެ.

ކެރީގެ މަންމަ އާއި ބައްޕަ ކުއްޖަކު ހޯދަން މަސައްކަތްކޮށް ނާކާމިޔާބުވުމުން، ކާކުކަން ނޭގޭ ސްޕާމް ޑޮނާއެއްގެ އެހީގައި ކެރީ ހޯދީ ކަމަށެވެ.

ކެރީގެ ހަގީގީ ބައްޕަ ހޯދަން މަސައްކަތްކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފަ އެވެ. އެއީ ސްޕާމް ޑޮނާއަކީ ކާކުކަން ދެނެގަނެވޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ.

ކެރީ ބުނީ ކުޑައިރު އެހެން ގެއަކު ހުންނަން ގޮސް ނިދާފައި އޮތްވާ، ފިރިހެން ކުއްޖަކު އޭނާގެ ގައިގައި އަތްލަން ނުވާ ގޮތަށް އަތްލި ކަމަށެވެ. ކެރީ ބުނީ އެ ފިރިހެން ކުއްޖާގެ ވާހަކަ އޭނާ އެއްވެސް މީހަކު ގާތު ނުބުނަން ނިންމީ، އެކަން ހާމަކުރުމުން ދެން ނިކުންނާނެ ނަތީޖާއާ އެ ފިރިހެން ކުއްޖާއާ ކުރިމަތިލުމުގެ ގާބިލުކަން ނަފްސާނީ ގޮތުން ނެތުމުން ކަމަށެވެ. އެހެންނަމަވެސް އެކަން ސިއްރުކޮށް، ހިފެހެއްޓުމުގެ އަސަރު ކެރީ އަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ކުރި ކަމަށެވެ.

ކޮލެޖް ދުވަސްވަރު ނުކައި ހުރުމާއި އެއްފަހަރާ މާގިނައިން ކެއުން ފަދަ އީޓީން ޑިސްއޯޑާ އާއި ބޮޑީ ޑިސްމޯފިއާގެ ސަބަބުން އަމިއްލަ ނަފްސަށް އިތުބާރު ކުޑަވެ، ވަރަށް ދަތިތަކާ ކުރިމަތިލި ކަމަށާއި އަމިއްލައަށް މަރުވާންވެސް ވިސްނި ދުވަސްވަރެއް ދިޔަ ކަމަށް ކެރީ ބުންޏެވެ.

ކެރީ ބުނީ އޭނާގެ މެމުއާ އަކީ ވަރަށް ޒާތީ ފޮތެއް ކަމަށާއި ކިޔުންތެރިންނަށް އެ ކަމުދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ކެރީ މަގުމަތީގައި ބައެއް މީހުންނަށް މި ފޮތް ބަހާފައިވެސް ވެއެވެ.

ކެރީގެ ޒަވާޖީ ހަޔާތަށް ބަލާއިރު ފިރިމީހާއަކީ އެކްޓަރު، ޕްރޮޑިއުސަރު އަދި ކުރީގެ އެމެރިކަން ފުޓްބޯލް ކުޅުންތެރިޔާ ނަމްދީ އަސަމޫގީއެވެ. މި ދެމަފިރިންނަށް ދެ ކުދިން ލިބިފައިވެ އެވެ.