ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އުޅުންތައް އިސްލާހުކުރަން އަޒުމު ކަނޑައަޅުއްވާ: ރައީސް

އުޅުންތަކާއި ގުޅުންތައް އިސްލާހުކުރުމަށް އަޒުމު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބާގައި އެމަނިކުފާނު މިއަދު ފޮނުއްވި ހިތާބު ގައެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބާ ފާހަގަކުރާއިރު އަޒުމު ކަނޑައަޅަންވީ އިތުރު އެކަލޭގެފާނުގެ މާތް ސީރަތުން ލިބިދޭ ފިލާވަޅުތަކުން، އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިސްލާހު ކުރުމަށް ކަމަށެވެ.

ރައީސްގެ ހިތާބުގައި ވަނީ ކީރިތި މާތް ނަބިއްޔާގެ މުޅި ސީރަތުން ވެސް ފެންނަ އެންމެ އުސް ކުރިބޯއްޓަކީ ސުލްހަވެރިކަމާއި އަމާންކަންކަމުގައި ފާހަގަކުރައްވާފަ އެވެ. ކީރިތި ރަސޫލާ އެންމެ އިސް މަސްއޫލިއްޔަތަކަށް ހެއްދެވީ މީސްތަކުން ސުލްހަވެރި ކުރެއްވުމާއި މުޖުތަމައު އަމާން ކުރެއްވުން ކަމުގައި ވިދާޅުވި އެވެ. އަދި އިސްލާމީ ދައުވަތު ފެތުރުއްވުމުގައި ދެމެހެއްޓެވި އަސާސަކީ ވެސް މީސްތަކުންނަށް އަފޫކުރެއްވުމާއި އޯގާތެރިވުމާއި އެހީތެރިވުމުގެ މަތިވެރި ސިފަތައް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

މިހިތާބުގައި ވަނީ ކީރިތި ރަސޫލާ އަމަލީ ގޮތުން ދެއްކެވި އަދަބު އަހްލާގުގެ މަތިވެރި ސިފަތަކުގައި ހިފައިގެން އަމިއްލަ ދިރިއުޅުން ބާއްޖަވެރިކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށްވެސް އެދިވަޑައިގެންފަ އެވެ. އެގޮތުން މައިންބަފައިންނަށް ކަމޭހިތުމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދެމެހެއްޓުމާއި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ ނަބަވީ ރިސާލަތުގެ އެންމެ މުހިއްމު އަސާސްތައް ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި ވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި އިސްލާމީ ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ ވެރިންނަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމު އަހުންނާއި އުހުތުންނަށް މި މުނާސަބާގެ ތަހުނިޔާއާއި ހެޔޮއެދުންތައްވެސް ފޮނުއްވާފަ އެވެ.