ހަބަރު

އުރީދޫ އިން 5G ތައާރަފު ކުރަނީ

އުރީދޫ އިން ފިފްތު ޖެނަރޭޝަން ނެޓްވޯކް (5G) ތައާރަފް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫ އިން ބުނީ އަންނަ ހަފްތާ ސްޕެއިންގެ ބާސިލޯނާގައި ބާއްވާ މޮބައިލް ވޯލްޑް ކޮންގްރަސްގައި އެކުންފުނީގެ އާ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލަން ރާވާފައިވާނެ ކަމަށާއި އެގޮތުން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އެކުންފުނިން ހިދުމަތްދޭ ގައުމުތަކަށް ތައާރަފް ކުރަން ނިންމާފައިވާ 5G ކަމަށެވެ.

މި ހިދުމަތް ތައާރަފް ކުރަން ނިންމީ އޫރީދޫ ނެޓްވޯކުތަކުގެ ސްޕީޑު އިތުރަށް ބާރުކޮށް ކަސްޓަމަރުންނަށް އިތުރަށް ފުރިހަމަ ހިދުމަތްތަކެއް ދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

"އުރީދޫގެ ހަލުވި ނެޓްވޯކުން އިގުތިސޯދީ އަދި އިޖުތިމާއީ ފައިދާތައް ލިބިދެވޭކަން މާކެޓުތަކަށް މިހާރު ވަނީ ދައްކުވާދީފައި، އެއީ އިތުރު ގިނަ މައުލޫމާތާއި ތައުލީމާއި ބަދަލުކުރުވަނި ހިދުމައްތަކަށް މީހުންނަށް ވާސިލުވެވޭނެ މަގު ފަހިކޮށްދީގެން. އަދި މިކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އަޅުގަނޑުމެން 5G ތައާރަފް ކުރަން ނިންމީ،" އުރީދޫގެ ސީއީއޯ ސައުދު ބިން ނަސީރް އަލް ތަނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައި ވަނީ ކަސްޓަމަރުންގެ ޑިމާންޑާއި 5G ބޭނުންކުރެވޭ ފަދަ ފޯނުތައް ލިބުނުހާ އަވަހަކަށް އުރީދޫ އިން 5G ތައާރަފްކުރާނެ ކަމަށެވެ.