(އެނެމް ފަހުގެ އެޕިސޯޑާ ގުޅޭ)
އާލިޔާއާއި ބައްދަލުކުރާނެ ހިތްވަރު ނެތި އެންމެ ފަހުން ސައުން ކުދިންނާއި މިޝްކާ ގޮވައިގެން ބޭރަށް ފުރައިގެން ދިޔައީއެވެ. ނަވާލުއާ އެހެން މުއައްޒަފުން އެކި ތަންތަނުން ވަޒީފާ ހޯދައިގެން އެއްމަސް ކުރިން ވަނީ ބަދަލުވެފައެވެ. އެހެންކަމުން ފަހުގެ ޚަބަރުތައް އެންމެ ތާޒާކޮށް ނަވާލުއަށް ވަނި ނުލިބިފައެވެ. އެކަމަކު ސައުން ދިރިއުޅުން ބަދަލުކުރީ ޗައިނާއަށް ކަން ވަނީ އެނގިފައެވެ. އެއީ ކުންފުނީގެ ލިޔެކިޔުން ތަކާއި ހިއްޞާގެ ލިޔެކިޔުންތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. އާލިޔާއާ މެދު ކަންތައްކުރާ ގޮތާއި މެދު ހިތްހަމަނުޖެހިގެން ނަވާލު އެއްޗެކޭ ބުނިފަހުން އެއްވެސް ކަމެއް ނަވާލުއައި ހިއްޞާއެއް ނުކުރެއެވެ. ކުރިން އޮތް ގާތްކަމަށް ވަނީ ބުރޫ އަރާފައެވެ. ވީމާ ނަވާލު ވެސް އެހާބޮޑަށް ސައުންނާއި ވާހަކަ ދައްކައެއް ނޫޅެއެވެ.
މިޝްކާ އަބަދުވެސް ނަވާލުއަށް ޝައްކު ކުރެއެވެ. ސައުންނާއި އާލިޔާ ގުޅުވުމުގައި މެދުވެރިއެއްގެ ދައުރު ކުޅުނީ ނަވާލު ކަމަށް ގަބޫލުކުރެއެވެ. ފަހުންފަހުން އައިސް އޮފީހުގެ ބައެއް ކަންތައްތަކުގައި މިޝްކާ ނުކުމެ އުޅުނު އިރު މައްސަލަތަކެއް ކުރިއޭޓް ކޮށްގެން ނަވާލުގެ ވަޒީފާ ވަނީ ބަދަލު ކޮށްފައެވެ. ސައުންނާއި ސީދާ ސީދާ ބައްދަލުވުމުގެ ފުރުޞަތު ވަނީ ހަނިކޮށް ފައެވެ. މީގެ ކުރިން ހުރިހާ ލިޔެކިޔުމެއްގެ ޕުރޫފް ބަލައި ސޮއި ކުރުމަށް ސައުންގެ އަތްމައްޗަށް ލިޔެކިޔުން ގެންދާނީ ނަވާލުއެވެ. ފަހުން އެކަން ވަނީ އެހެން ކުއްޖަކާއި ހަވާލު ކޮށްފައެވެ. އެކަމާއި ހިތްހަމަނުޖެހި ހުރެ ނަވާލު ދިޔައީ ވަޒީފާ ބަދަލުކުރުމުގެ ވިސްނުން ގެންގުޅެމުންނެވެ. މިހުރިހާ ރޭވުމެއްގެ އަޑީގައި ވެސް މިޝްކާ ސާމިލުވަމުން ދިޔައީ ސައުނަށް ނޭނގިއެވެ.
އާލިޔާގެ ހިތުގައި ވަނީ އެކަނިވެރި ކަމެވެ. ބަދުނަޞިބު ހަޔާތެއްގެ ވޭނީ ޒަޚުމުން ހިތް ދިޔައީ ފަނާ ކުރަމުންނެވެ. ވިންދުގެ ދިރުން ދިޔައީ ނެތެމުންނެވެ. ނޭވާލެވުނަސް ހިތުގެ ހާސްކަމާއި ފޫހިކަން ދިޔައި އިންތިހާއަށް ބޮޑުވަމުންނެވެ.
ނަމަވެސް... މިއަދު އެގޮތަށް ހިތާމަކުރާން އިންނާކަށް ހާލަތު ތަނެއް ނުދެއެވެ. އެއަށް ވުރެ ޒިންމާ ވަނީ ބޮޑުވެފައެވެ. އެންމެފަހުން ވަޒީފާއެއް ހޯދައިގެން ގޭގެ މާހައުލުން ބޭރަށް ނުކުތުމުގެ ވިސްނުން އިސްކުރިއެވެ. އެއީ ސައުން ފުރައިގެން ދިޔަތާ ދެމަސް ފަހުންނެވެ.
ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެނުނީ ހައިރާން ކަމެވެ. ބަދަލުވެފައިވާ ހަށިގަނޑާއި އެކުގައި އައިސްފައިވާ ބޮޑު ބަދަލެވެ. އޮފީހުގެ ކަންތައްތަކުގައި މަސްޢޫލު ވެވުމާއެކު އެމާހައުލަށް ހޭނި ބީރައްޓެހިކަން ފިލާދިޔައެވެ. ވުމާއެކު ވީރާނަވެ، ނިވެމުން ދިޔަ ހަޔާތުގެ މަތިން ހަދާން ނެތެމުން ދިޔައެވެ. ބަނޑުގައި ނުތުފާއެއްގެ ގޮތުގައި ބޮޑުވަމުން އައި ދަރިންގެ ސަބަބުން އުއްމީދުގެ ބައްތި ދިއްލެމުން ދިޔައެވެ.
އެހެނަސް... އެ އުފަލާއި އުއްމީދުގައި ކުލަޖައްސައި ދޭނެ އިތުރު ބައިވެރިއެއް މިއަދަކު ނެތެވެ. އެކަނިވެރި ރޭތަކުގެ ނިދިން މަހުރޫމުވާ ހިނދު ފިރުމައިދޭނެ އޯގާތެރި އަތެއްނެތެވެ. ހިތަށް ލިބޭ ހަމައެކަނި އުފަލަކީ ހިރެމުންދާ ދަރިންގެ ހަރަކާތް ތަކެވެ. އެވަގުތު ހިތަށްއެލިބޭ އުފަލަކީ މައެއްގެ ހިތުގައި އުފެދޭނެ އެންމެ މަތިވެރި އުފަލެވެ.
މާބނަޑުވުމުގެ ސަބަބުން ލިބޭ އުނދަގޫތައް އާލިޔާއަށް ސިފަކުރެވެމުން ދިޔައީ ބަޔާންކުރަން ނޭނގޭ އުފަލެއްގެ ގޮތުގައެވެ. ހެދުނުގެ އިރާއެކު މޭނުބައި ކުރުމަށްފަހު އެ އުފެދޭ ހިހޫކުޅާއި އެކުގައި އެވާ އުނދަގޫތައް ބަލައި ގަނެވުނީ މަންވަންތަކަމުގެ ލޯބީގެ ޖަޒުބާތުގެ ވިންދުކަމުގައެވެ. މައިވަންތަކަމުގެ ކުލުނުގެ ބޮޅުތައް ގެތި ވަރުގަދަވަމުންދާ ކަމުގެ އަލާމާތެއްގެ ގޮތުގައެވެ.
އެހާ ހިސާބުން ކުރިމަގަށް ޓަކައި ރަސްމަގު ކުރެހުން އެޅިގެން ދިޔައެވެ. މާދާމާގެ ޕުލޭންތައް ހިތުގައި ކުދިންނަށްޓަކައި ބިންވަޅުކަނޑާ ނަގަމުން ދިޔައެވެ. އެހެނަސް އެހިޔާލުތަކާއި އެކުގައި ދެލޯ ފެންކަޅި ވަމުން ދިޔައެވެ. މަޑު މަޑުން ކޯތާފަތުގައި ކަރުނަ ބީހިލާ ކޮންމެ ފަހަރަކު ހިތުގެ ވޭނީ ޒަޚަމު އާލާވަމުން ދިޔައެވެ. ކުދިންނަށްޓަކައި ފުރިހަމަ އާއިލާގެ ހުވަފެން ފުރިހަމަ ކުރާނެ ގޮތަކާއި މެދު ކަންބޮޑުވަމުން ދިޔައެވެ.
އާލިޔާ އިނީ ބަލިވެކަން ސައުންނަށް އަންގަން ބޭނުންވިއެވެ. އެހެންނަމަވެސް ޒަމީރު އެކަމާއި ކުރީ އިންކާރެވެ. އެހީތެރިކަމެއް ނެތް ހަޔާތުގައި އެކަން ހިއްޞާ ކުރަން ހުރި ފަރާތާއި މެދު އުއްމީދެއް ނެތެވެ. އެފަރާތަށް ބަރޯޞާ ވުމުގައި އޮތީ ކޮންފައިދާއެއްތޯ ހިތާހިތާ ސުވާލު ކުރެވެމުން ދިޔައެވެ. އެކަމުން އާލިޔާއަށް ލިބެނީ އިތުރު ހިތް ދަތިކަމެއް ކަމަށް ގަބޫލުކުރެވުނެވެ. ވަރި ނުކޮށް އުމުރަށް ގައިދުކޮށްފައި އިނުމަކީ ބޭނުންވާ ގޮތެއްނޫނެވެ. ތެޔޮ ހުސްވަމުންދާ ބައްތިއެއްގެ ކަނިކޮޅު އަލުން ތެޔޮ އަޅައިގެން ދިއްލުމަކީ މިހާރު އާލިޔާ ބޭނުންވާ ގޮތެއްނޫނެވެ.
މިޒަމާނުގައި ދާން ބޭނުން ކޮންމެ މިސްރާބަކަށް ދިއުމުގެ މަގުވަނީ ފަހިވެފައެވެ. އެކަކު އަނެކަކަށް ޓަކައި ހަޔާތް ގުރުބާން ކުރުމުގެ ފަލުސަފާ އަކި ސީރީނާއި ފަރުހާދު އަދި ލައިލާ އާއި މަޖުނޫނުގެ ފަލުސަފާއެވެ. އެފަދަ މީހުންނަށްޓަކައި އެވިސްނުން ރަނގަޅެވެ.
ލޯތްބަކީ އެކަކަށް ޓަކައި އަނެކަކު އެކަނިން ފިދާވުން ކަމަކަށް ނުދެކުނެވެ. ދެފަރާތުން ހަމަހަމަކަމާއި އެކުގައި ހިއްޞާވާން ޖެހޭނެ އުފަލެއް ކަމުގައި އާލިޔާ ދެކުނެވެ. އެކަކު އެކަނިން ކިތަންމެ ވަރަކަށް ލޯބިވީ ނަމަވެސް ދެން ހުރި ބައިވެރިޔާ ލޯބި ނުވާނަމަ ގަދަކަމުން ހޯދޭނެ އުފަލެއް ނެތެވެ. ލޯބިވާ މީހައަށް ޓަކއި ތިމާ އެކަނިން އުމުރު ހުސްކުރުމަކީ މޮޔަކަމެކެވެ. ލޯބިވާ މީހާ އެހެން ހަޔާތަކުން ދުނިޔަވީ ހުރިހާ އުފަލެއް ހޯދަމުން ދާއިރު ލޯބިވާ މީހާ އެނބުރި އަންނާނެ ކަމުގެ އިންތިޒާރުގައި އުމުރު ނަގާލަނީ ނުވިސްނޭ މީހުން ކަމުގައި ދެކުނެވެ.
ލޯބި ނުލިބުނަސް އެހެން މީހެއްގެ ހަމްދަރުދީގެ ހިޔަލުގައި އާ ހަޔާތެއް އާރާސްތު ކޮށްފައި ވަނީ ކިތައް މީހުން ހެއްޔެވެ؟ އެކަމާއި ފުންކޮން ވިސްނާލަމުން އާލިޔާ މާނޭވައެއް ލިއެވެ. އަނެއްކާ ވެސް ހިޔާލުގެ ފުންކަނޑަށް ފީނަމުން ދިޔައެވެ. އާލިޔާ އެކަނި ލޯބީގައި ޖަލިޔާ ޖަހަޖަހާ ވަރުބަލި ވެގެން މާކަނޑުގެ މެދުގައި އޮޔާ ދާކަށް ބޭނުމެއް ނުވިއެވެ. ހިތް ވަރާއި އެކުގައި ދުނިޔެއައި ކުރިމަތިލައި ކުދިންނަށް ޓަކައި ތެދުވުމުގެ ވިސްނުން އާލާކުރިއެވެ. އުފެދެމުން ދިޔަ ސުވާލުތަކާއި މެދު ފުންކޮން ވިސްނާލިއެވެ. ޖަވާބަކާއި އެކުގައި ނަތީޖާ އެއް ބޭނުންވިއެވެ. މައްސަލައިގެ ހައްލު ބޭނުންވިއެވެ.
އެންމެފަހުން އެހުރިހާ ސުވާލަކަށް ލިބުނީ އެންމެ ޖަވާބެކެވެ. އުއްމީދެއް ނެތް ހަޔާތެއްގެ ބައިވެރިއެއްގެ ގޮތުގައި އުމުރުގެ ދުވަސްތައް ގުނުމަކީ ބުއްދިވެރިކަމެއް ނޫންކަމުގައެވެ. ތަދުބީރުތައް ކިތަންމެ ފޮނި ނަމަވެސް ތަގުދީރުގެ ގަލަމުން ލިޔެވިފައިވާ ނިޔާ ބަދަލު ކުރުމަކި ކުޅަދާނަ ކަމެއް ނޫނެވެ. އެކަން ޖެހޭނީ ގަބޫލު ކުރާށެވެ. ދިރިއުޅުމުގެ މިހަޔާތަކީ އަވާމެންދުރެއް ނޫންކަމަށް ދެކެން ބޭނުން ނުވި ނަމަވެސް އެހަޤީގަތް ޖެހޭނީ ހިތުން ރުހުމުން ބަލައި ގަންނާށެވެ.
އެންމެފަހުން ޚުދު އާލިޔާ ސައުންގެ ހަޔާތުން ނުކުތުމަށް ނިންމިއެވެ. ވަރިވާން އެދި އާލިޔާ ފޯމްލިއެވެ. އެ އިރު ސައުން ވެސް ވަނީ ފޯމް ލައިފައެވެ. ދެފަރާތުގެ އެދުމަކަށް ވާތީ ކޯޓުން މާބޮޑު ހިފެހެއްޓުން ތަކެއް ނެތި އެދޭ ގޮތަށް މައްސަލަ ނިންމައި ދިނެވެ. ދިރިއުޅުން އެހެން ގައުމަކަށް ބަދަލުވުމާއި، ދެމީހުންގެ ރުހުމުގައި ވަކިވާ ވަކިވުމަކަށް ވާތީ އެކަން މަނާކުރާކަށް ބޭނުންމެއް ނުވިއެވެ. އަދި ކުދިން ތިބީ ފުރަތަމަ އަނބިމާހާގެ ކަމަށް ވެފައި ކުދިންނެތް މީހާ ވަކިވެ ދާން ބޭނުންވި ހާލަތުގައި ކޯޓުން އެކަމަކަށް މާބޮޑު ބާރުތަކެއް އަޅާކަށް ބޭނުމެއް ނުވިއެވެ. އެސަބަބު ތަކަށްޓަކައި ދެމީހުން ވަކިވުން މަނާކުރާ އުޒުރު ތަކެއް ނެތްކަމަށް ދެކުނެވެ. އެކަން ކޯޓުން މަގުބޫލު އުޒުރެއްގެ ގޮތުގައި ބަލައިގަތެވެ.
ނަމަވެސް ... އެއްކަމެއް ކޯޓު މަރުހަލާގައި އާލިޔާ ސިއްރު ކުރިއެވެ. އާލިޔާ އިނީ ބަލިވެތޯ ކުރެވުނު ސުވާލަށް ސާފު ޖަވާބު އެނގުނު ނަމަވެސް އިންގޮތެއް ނޭނގޭ ކަމަށްބުނެ ޖަވާބު ދިނެވެ. ވަރި ސާބިތު ވުމާއި އެކުގައި އާލިޔާގެ ހިތަށް ތަދުވި ނަމަވެސް އަޅުވެތިކަމުން މިނިވަން ކަމަށް އާދެވުނުކަމުގެ ފޮނި އިހުސާސް ވެރިވަމުން ދިޔައެވެ. ލޮލުން އޮހޮރެމުން ދިޔައި ފޮނި އަދި ހިތި ކަރުނައެކެވެ.
އެހުރިހާ ކަމެއް އާލިޔާ ކުރަމުން ދިޔައީ މަންމައަށް ނޭނގި ސިއްރުންނެވެ. އެއްވެސް ހާލަތެއްގައި ސައުންނާއި އަލިޔާ ވަކިވާކަށް މަންމަ ނޭދެއެވެ. ކޮންމެސް ދުވަހަކުން އާލިޔާ ކައިރިއަށް ސައުން އަންނާނެ ކަމަށް މަންމަ ތަކުރާރުކޮށް ބުނެ ހިތްވަރު ދެމުން ދިޔައެވެ. "ވަރި" އެލަފުޒަކީ މަންގެ ކުރު ހަޔާތުގައި ތަޖުރިބާ ކޮށްފައިވާ ލަފުޒަކަށް ނުވާތި އިންކާރު ކުރެވެނީ ކަމަށް އާލިޔާ ދެކުނެވެ.
ކުދިންނާއި އެކުގައި ސައުން ވޭތުކުރަމުން ދަނީ ހިތް ހަމަޖެހޭ ތަނަވަސް ދިރި އުޅުމެކެވެ. ނަމަވެސް އާލިޔާގެ ވަކިވުމުން ހިތަށް ލިބެމުންދާ ވޭނީ އުދާސް ތަކަށް ލިބޭ އެއްވެސް ލުޔެއްނެތެވެ. އެފަދަ ވަގުތުތަކުގައި އާލިޔާގެ އެފްބީ ހާވާ ކޮޅާލުމަކީ ސައުން މަދުން ނަމަވެސް ކުރަމުން އަންނަ ކަމެކެވެ. ބައެއް ފަހަރަށް އާލިޔާގެ ސްޓޭޓަސްތައް ކިޔާލުމުން ހިތުގައި ނޭނގޭ ރިހުމެއް އުފެދެމުން ދިޔައެވެ. މާނަފުން ބަސްތަކުން ފަށުވިކޮށް ގެތެމުން ގޮސްފައިވާ ކޮންމެ ސްޓޭޓަސް އެއްގެ ތީރު އަމާޒު ވަނީ ސައުންނަށެވެ.
މިއަދުވެސް ސައުން ސިކުނޑިއަސް ހަމަޖެހުމެއ ހޯދާލާއި އާލިޔާގެ ހަނދާން ތަކުން ހިތަސް ތަދުވަމުންދާ ފެށުމުން އެފްބީއިން އާލިޔެ ބައި ހާވާލިއެވެ. ފުރަތަމަ ނަޒަރުން ސައުންގެ ވިންދު ގަނޑު ކޮށްލިއެވެ އެކި ލަފުޒު ވަކި ވަކީން ތަކުރާރުކޮށް ކިޔާލިއެވެ. "މައިވަންތަކަމުގެ އިހުސާސްއަކީ ފޮނި އިހުސާސްއެކެވެ. އެހެނަސް... މަންމައަށް މާއާފްކުރާށެވެ" އެސްޓޭޓަސްގެ ސަބަބުން ސައުންގެ ލޭގެ ހިނގުމުގައި އާދަޔައި ޚިލާފު ޖަޒުބާތެއް އުފަންވަމުން ދިޔައެވެ. ސައުންގެ މުޅި ވިސްނުން މޮޔަ ކުރުވަމުން ދިޔައެވެ. ވަކިވެ ދިޔަ ނަމަވެސް ލޭގެ ގުޅުމެއް ނުކެނޑިވާކަމުގެ އިހުސާސްއާވިއެވެ.
ޖަވާބު ބޭނުންވާ އެތައް ސުވާލެއް ސިކުނޑިއަށް ޖަމާވަމުން ދިޔައެވެ. ރޭގަނޑާއި ދުވާލު އެއް ސުވާލެއް ހިތުގައި ވިކަމުން ދިޔައެވެ. "އާލިޔާ އަނެއްކާ އިނީ ބަލިވެ ބާއެވެ؟" ސިކުނޑި ވަރުބަލިވާ ވަރަށް ވިސްނަން ވަނީ މަޖުބޫރުވެފައެވެ. އާލިޔާގެ ކަންތައްތައް ސީދާ ސާފުކޮށް އެނގޭނެ އެކަކީ ނަވާލު ކަމަށް ވާތީ ކޮންމެސް ގޮތަކުން ނަވާލުއާ މުއާމަލާތު ކުރަން ގަސްތު ކުރިއެވެ. އެސްޓޭޓަސް އާލިޔާ އަޕް ކުރި ތާ ތިންވަނަ އަށްވީ ދުވަހު ނަވާލު އަށް ސައުން ގުޅިއެވެ. އެ ވާހަކަ ދެއްކިއެވެ. އެކަމަކު ނަވާލު ސީދާ ސައުންނަށް ދޮގު ހަދާ އޮޅުވާލިއެވެ. އާލިޔާ ނުދެކޭތާ ކިތަންމެ ދުވަހެއް ވީކަމާއި ފޯނުން ވެސް ނުގުޅާ ކަމަށް ބުންޏެވެ. ނަވާލުގެ އެޖަވާބުން ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެންމެފަހުން އާލިޔާއަށް ގުޅަން މަސައްކަތް ކުރިއެވެ. އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. ކުރިން އާލިޔާ ބޭނުންކުރި ނަމްބަރަކީ މިހާރު ބޭނުން ކުރާ ނަމްބަރެއް ނޫނޭ ބުނި ހިސާބުން އެކަން ވެސް ނާކާމިޔާބު ވިއްޔޭ ހިތަށް އެރިއެވެ.
ކޮންމެ ގޮތެއް ހަދާފަ ނަމަވެސް އާލިޔާގެ ޚަބަރެއް ނުލިބޭހާ ހިނދު ސައުންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ގޭގައި ވެސް ގިނަވަގުތު ބޭނުންވަނީ އެކަހެރި ވާށެވެ. ވިސްނުމުގައެވެ. މިޝްކާއަށް ސައުންގެ ފުށުން އާދަޔާއި ޚިލާފް ބަދަލު ތަކެއް ފާހަގަ ކުރެވެން ފެށިއެވެ. ކަންކަމުގައި ރުންކުރުވުން އާއްމުވިއެވެ. މިޝްކާ ކައިރިއަށް އަންނަ ކޮންމެ ފަހަރަކު އެހެންކަމެއްގެ ތެރެއަށް ގެއްލި ގަޔާ ނުވާގޮތް ފެންނަމުން ދިޔައެވެ. ކުދިންނާއި އެކުގައި ހޭދަ ކުރާ ވަގުތު މަދުވެ ގޭން ބޭރުގައި ވަގުތު ހޭދަ ކުރުން އާއްމު ވަމުން ދިޔައެވެ.
އެންމެ ފަހުން މެސެންޖާރ މެދުވެރިކޮށް އާލިޔާގެ ހާލު އަހުވާލު އޮޅުން ފިލުވުމުގެ ސައުޤު އާލާވިއެވެ. ގުޑު މޯރނިންގ، ގުޑްނައިޓަކުން ފެށުނު މެސެޖުތައް ދިގުވާން ފެށިއެވެ. އެއިން އެންމެ މެސެޖަކަށް ވެސް އާލިޔާ ރިޕުލައި ނުކުރުމުން އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބުނެވެ. މާޔޫސްވުން ފިޔަވާ އިތުރު ކަމެއް ނުވިއެވެ.
އާލިޔާއަށް ސައުންގެ މިމެސެޖުތައް ފާހަގަ ކުރެވުނު ހިސާބުން ސައުން ބްލޮކް ކޮށްލިއެވެ. ސޯސަލު މިޑިޔާއިން އެއްކޮށް ވަކިވިއެވެ. ދެވަނަ ފަހަރަށް ސައުންގެ ޝިކާރަ އަކަށް ނުވުމަށެވެ. ލޯބީގައި އާވާރާ ނުވުމަށެވެ. ހަޔާތުގެ ނައު އައްސޭރިއެއް އަތުނު ޖެހިގެން، އޮޔާ ގޮސްދާނެތީއެވެ. މަންޒިލެއްނެތި މަގުގެއް ލިދާ ހަޔާތަކަށް ވެދާނެ ކަމުގެ ބިރަށް ޓަކައެވެ. ނެގި ގާގަނޑަށް ބޮލިއެރުމަކީ އޮންނަ އުސޫލަކަށް އެކަން އެގޮތަށް ވުމަކަށް އާލިޔާ ނޭދެއެވެ.
ދުވަސްތަކާއި މަސްތައް ފައިބައިގެން ދަނި ދުލުން ބަސް ބުނާހާ އަވަހަށެވެ. އާލިޔާ ދިޔައި ވިހޭގެއަށް ބޭނުންވާ ހުރިހާ ތައްޔާރިއެއް ވަމުންނެވެ. ޑޮކުޓަރުންގެ ލަފަޔާ އިރުޝާދަށް އާލިޔާ ތަބާވަމުން ދިޔައެވެ. އާލިޔާއަކީ ނޯމަލު އަންހެނުންނަށް ވުރެ ސީރިއަސް ހާލަތެއްގައިވާ މީހަކަށް ވާތީއެވެ. ބަލިވެ އިނުމުގެ ސަބަބުން ލޭމަތިވުމަށް އެ އޮންނަ ފުރުޞަތު ހަނިކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަމުން ދިޔައެވެ. ހިތުގެ ބަލި މީހެއްގެ ގޮތުގައި ނޯޓިސް ކުރެވުނު ހިސާބުން ޑޮކުޓަރުންގެ ސަމާލުކަން އާލިޔާއަށް ދެގުނަ އިތުރު ކުރިއެވެ. (ނުނިމޭ)