އިލެކްޝަންސް ކޮމިޝަން

މަޖިލީހުގެ ދާއިރާތައް ކަނޑައެޅި ގޮތުގެ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް އާންމުކޮށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

މި ރިޕޯޓްގައިވާ ގޮތުން އަންނަ އަަހަރު އިންތިހާބު ކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހަ ގޮނޑި އިތުރުވެ އެވެ.

މިހާރު ހިނގަމުންދާ 19 ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ 87 މެންބަރުންނެވެ. ކުރިއަށް އޮތް މަޖިލީހަށް ހަ ގޮނޑި އިތުރުވާނަމަ 93 މެންބަރުން އިންތިހާބުކުރަން ޖެހޭނެ އެވެ.

20 ވަނަ މަޖިލީހަށް އިތުރުވާ ހަ ދާއިރާ

  • ހުޅުމާލެ މެދު ދާއިރާ
  • ހުޅުމާލެ އުތުރު ދާއިރާ
  • ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
  • ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
  • ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)
  • ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ގެންނަ ބަދަލާ އެކު އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަންޏެވެ.

އިލެކްޝަންސް ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުން ބައެއް އިންތިހާބީ ދާއިރާތަކުގެ ނަމަށްވެސް ބަދަލު އައިސްފައިވެ އެވެ. އެގޮތުން ހުޅުމާލެ ދާއިރާގެ ނަން "ހުޅުމާލެ ދެކުނު ދާއިރާ" އަށް، ގުރައިދޫ ދާއިރާގެ ނަން "މާފުށި ދާއިރާ" އަށް، ތ. ގުރައިދޫ ދާއިރާގެ ނަން "ގުރައިދޫ ދާއިރާ" އަށް އަދި ފޭދޫ ދާއިރާގެ ނަން "ފޭދޫ ދެކުނު ދާއިރާ"ގެ ނަމަށް ބަދަލުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށެވެ.