އިލެކްޝަންސް ކޮމިޝަން

ކ. ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް ބަދަލުކޮށް ހުރާ ދާއިރާ އުފައްދަނީ

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ނަން، މާފުށި ދާއިރާގެ ނަމަށް ބަދަލުކޮށް، ކ. އަތޮޅުގައި ހުރާ ދާއިރާ އަލަށް އުފައްދާ ގޮތަށް ހަމަޖައްސައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ހަމަޖައްސާފައިވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް ގައެވެ.

މި ރިޕޯޓްގައިވާ ގޮތުން ކުރިއަށް އޮތް މަޖިލީހުގައި އިތުރުވާ ހަ ދާއިރާގެ ތެރޭގައި ހިމެނޭ އެއް ދާއިރާ އަކީ ވެސް ހުރާ ދާއިރާ އެވެ.

މަޖިލީހުގައި ހިމެނޭ މާލެ ސިޓީގެ ދާއިރާތަކާ އެންމެ ގާތުގައިވާ މީހުން ދިރިއުޅޭ ރަށްތައް ހިމެނެނީ ހުރާ ދާއިރާ ގައެވެ. އެގޮތުން ހުރާ ދާއިރާގައި ހިމެނޭ ރަށްތަކަކީ ހުރާގެ އިތުރުން ހިންމަފުށި އަދި ގުޅި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި ގުޅި ހިމެނެނީ ކ. ގުރައިދޫ، މާފުށި ހިމެނޭ ކ. ގުރައިދޫ ދާއިރާ ގައެވެ. އަލަށް އުފައްދާ ހުރާ ދާއިރާގައި ހިމެނޭ ހުރާ އަދި ހިންމަފުށްޓަކީ މިހާރު ހިނގަމުންދާ މަޖިލީހުގައި ތުލުސްދޫ ދާއިރާގައި ހިމެނޭ ދެ ރަށެވެ. ތުލުސްދޫ ދާއިރާގައި މިވަގުތު ހިމެނޭ އަނެއް ދެ ރަށަކީ ތުލުސްދޫއާއި ދިއްފުށްޓެވެ.

ކ. އަތޮޅުގައި ހިމެނޭ ކާށިދޫ ދާއިރާގެ ރަށްތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. މިދާއިރާގައި ހިމެނެނީ ކާށިދޫގެ އިތުރުން ގާފަރެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގައި ގުރައިދޫ ދާއިރާގެ ގޮތުގައި ދެ ދާއިރާއެއް ހިމެނޭތީ މަޖިލީހުގައި އެ ދެ ދާއިރާގެ ނަން ބޭނުންކުރަނީ އެ ދެ ދާއިރާ ނިސްބަތްވާ އަތޮޅުގެ އަކުރު ކުރިއަށް ލައިގެންނެވެ. އެގޮތުން މާލެ އަތޮޅު ގުރައިދޫ ދާއިރާގެ ނަން މަޖިލީހުގައި ބޭނުންކުރަނީ "ކ. ގުރައިދޫ ދާއިރާ"ގެ ނަމުގައެވެ. އަދި ކޮޅުމަޑުލު ގުރައިދޫ ދާއިރާގެ ނަން މަޖިލީހުގައި ބޭނުންކުރަނީ "ތ. ގުރައިދޫ ދާއިރާ"ގެ ނަމުގައެވެ.

އަލަށް އިންތިހާބު ކުރާ މަޖިލީހުގައި ކ. ގުރައިދޫ ދާއިރާގެ ނަން "މާފުށި ދާއިރާ"ގެ ނަމަށް ބަދަލުކުރުމަށާއި، ތ. ގުރައިދޫ ދާއިރާގެ ނަން "ގުރައިދޫ ދާއިރާ"ގެ ނަމަށް ބަދަލުކުރުމަށްވެސް އީސީ އިން ނިންމާފައިވެ އެވެ. ކ. ގުރައިދޫ ދާއިރާގެ ނަން ދެން އިންތިހާބު ކުރާ މަޖިލީހެއްގައި މާފުށި ދާއިރާގެ ނަމަށް ބަދަލުކުރަން ނިންމީ ކ. ގުރައިދޫއަށް ވުރެ މާފުށީގެ އާބާދީ އިތުރުވުމާ ގުޅިގެންނެވެ. މަޖިލީހުގައި އަތޮޅު ތެރޭގެ ރަށްތަކަށް ނިސްބަތްވާ ދާއިރާތަކަށް ނަން ކިޔަނީ އެ ދާއިރާއެއްގައި ހިމެނޭ އާބާދީ އެންމެ ބޮޑު ރަށެއްގެ ނަމުންނެވެ.

އަންނަ އަހަރު އިންތިހާބު ކުރާ މަޖިލީހުގައި ކ. ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް ބަދަލުކުރަން ނިންމުމާ ގުޅިގެން ތ. ގުރައިދޫ ދާއިރާގެ ނަން "ގުރައިދޫ ދާއިރާ"ގެ ނަމަށް ބަދަލުކުރަންވެސް އީސީ އިން ވަނީ ނިންމާފަ އެވެ.