ދުނިޔެ

އުޒްބެކިސްތާންގެ ވެރިރަށް ތާޝްކަންދުގައި ބާރުގަދަ ގޮވުމެއް

އުޒްބެކިސްތާނުގެ ވެރިރަށް ތާޝްކަންދުގައި، ގުދަނެއްގައި ބާރުގަދަ އެއްޗެއް ގޮވައި، މުޅި ސަރަހައްދު އަނދާ އަޅިއަށް ވެއްޖެ އެވެ. މި ގުދަން ގޮވާފައިވަނީ ބުރާސްފަތި ދުވަހު ފަތިހުގެ ވަގުތެއްގަ އެވެ.

ލޯކަލް ހަބަރުތައް ބުނާ ގޮތުން މި ގުދަނަކީ ތާޝްކަންދުގެ ވައިގެބަނދަރު -- "އިސްލާމް ކަރިމޯފް އިންޓަނޭޝަނަލް އެއާޕޯޓާ" މާދުރު ނޫން ހިސާބެއްގައި ހުންނަ ގުދަނެކެވެ.

މި ގުދަނުގައި އެހާ ބާރުގަަދަ އެއްޗެއް ގޮވަން މެދުވެރިވި ސަބަބު އަދި ނޭނގެ ކަމަށް ލޯކަލް މީޑިއާތަކުން ބުނެ އެވެ.

ގުދަނުގައި ހުޅުގަނޑު ފަޅައިގެން ދިއުން ހަބަރުތަކުން ސިފަކުރަނީ ކެމިކަލް ބޮމެއް ގޮވުމާ އެއްފަދައިންނެވެ. އާދައިގެ ހާލަތެއްގައި މިފަދަ ގޮވުމެއް ނުގޮވާނެ ކަމަށް ސަލާމަތީ އޮފިސަރުން ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ގުދަނަކީ މަސައްކަތްތެރިންނަށް ދޫކޮށްފައި އޮންނަ އިންޑަސްޓްރިއަލް ޒޯނެއްގައި ހުންނަ ގުދަނެކެވެ. މިހެންކަމުން ގުދަނުގައި ހުންނާނެ ކަމަށް ބޮޑަށް ބެލެވެނީ ކެމިކަލާއި ދަވާދު އަދި މިފަދައިން މަސައްކަތްތެރި ސިނާއަތްތަކަށް ބޭނުންވާނެ މާއްދާތަކެވެ.

މި ހާދިސާގައި މީހަކު މަރުވިކަން އަދި ރިޕޯޓެއް ނުކުރެ އެވެ.

އުޒްބެކިސްތާންގެ ހެލްތު މިނިސްޓްރީ ބުނާ ގޮތުން އަލިފާނުގެ ސަބަބުން އެތައް ބަޔަކު ވަނީ ފިހިފަ އެވެ. އަދި ފަރުވާދިނުމަށް މި މީހުން ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށްވެސް ޓެލެގްރާމް މެސެޖެއްގައި މިނިސްޓްރީން ބުންޏެވެ.

ގުދަން ގޮވުމުގެ ސަބަބުން އެ ސަރަހައްދުގެ ވަރަށް ބޮޑު ބަޔަކަށް ގެއްލުން ވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. ފިހާރަތަކާއި ގެދޮރުގެ ބިއްލޫރިތައް ތަޅައިގެން ގޮސް ހިމުންވެފައިވާ ކަމަށް ވެސް ވެއެވެ. މި ގޮވުމުގެ އަސަރު 20 މޭލު ދުރަށް އިހްސާސްކުރެވުނު ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުންޏެވެ.

މިއީ އެއާޕޯޓަށް އަސަރުކުރާ ހިސާބުގައި ގޮވި ގޮވުމެއް ނަމަވެސް ފްލައިޓްރޭޑާ24 ދައްކާ ގޮތުން ތާޝްކަންދުގެ އެއާޕޯޓަށް މާބޮޑު އަސަރެއް ނުކުރެ އެވެ. މިހެންކަމުން އެއާޕޯޓްގެ އޮޕަރޭޝަންތައް ހުއްޓާލާފައެއް ނުވެ އެވެ.