އޭނާ ބޭނުން ވީ ފޮޓޯ ނަގާށެވެ. ޑިޒައިން ކުރާށެވެ. ނަމަވެސް ތަގުދީރުގެ ކުރެހުން މުޅިން ތަފާތެވެ. އޭނާގެ ދިރިއުޅުން ލަވަމުން ގެންދިޔައީ މުޅިން ތަފާތު މިސްރާބަކަށެވެ. މުޅިން އެހެން ދާއިރާ އަކަށެވެ. އެއީ ރާއްޖޭގެ ލޭނާރު ކަމަށްވާ މަސްވެރިކަމާ ދިމާލަށެވެ. އެންމެ ފަހުން އޭނާ އެ ދާއިރާއަށް ނުކުންނެވި އެވެ. އަދި މިހާރު ހުންނެވީ ބޭނުންނުވި ދާއިރާ އެންމެ މަތީގަ އެވެ. މިއީ ރާއްޖޭގެ އެންމެ ބިޔަ މަސް ކުންފުނި، މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އަދްލީ އިސްމާއިލް އެވެ.
"އަޅުގަނޑު އުމުރުގައި ވެސް މަހަށް ދިޔައީ އެންމެ ހަތަރު ފަހަރު. ސްކޫލްގައި އުޅުނު ދުވަސްވަރު އެންމެ ފުރަތަމަ މަހަށް ދިޔައީ. އެ ދުވަހު އުޅުނީ ވަރަށް ހާލުގައި. އެ ދުވަހު އެނގުނު މަސްވެރިން އުޅޭ ހާލު. އެމީހުންގެ ހިތްވަރު،" އަދްލީގެ މަސްވެރިކަމުގެ އަމިއްލަ ތަޖުރިބާއިން ތަންކޮޅެއް "އަވަސް" އާ ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.
އޮޑިފަހަރަށް އަރައި ދޮށި ނޭޅި ނަމަވެސް އަދްލީއަކީ "މާކެޔޮޅެކޭ" ބުނެވިދާނެ އެވެ. އޭނާ އެންމެ ފުރަތަމަ އުޅުއްވީ އެސްޓީއޯގެ އެކްސްޕޯޓް ޑިޕާޓްމަންޓުގަ އެވެ. އެއީ 1986 ވަނަ އަހަރު އެވެ. އުމުރުން އެންމެ 19 އަހަރުގަ އެވެ. އޭގެ ފަހުން އެފްޕީއައިޑީ އާއި މިފްކޯގެ ގިނަ މަގާމުތަކެއްގެ އިތުރުން ކޫއްޑޫގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރެވި އެވެ. ނަމަވެސް މި ހުރިހާ މަގާމެއްގައި މި ދާއިރާއަށް ހިދުމަތް ކުރެއްވިނަމަވެސް، އަދްލީގެ އަސްލު ހިތް އޮތީ ދާއިރާއިން ބޭރުގަ އެވެ.
"ވަޒީފާއެއް ހޯދުމަށް އުޅުމުގެ ތެރޭގައި މިކަން ފެނުނީ. އެކަމަކު އަސްލު އިންޓްރެސްޓް ހުރީ ޑިޒައިން ދާއިރާއަށް. ފޮޓޯގްރަފީއާ ޑިޒައިން ކުރުމަށް. އެ ދާއިރާއިން ވަޒީފާއެއް ހޯދަން އުޅުނީ. މިހާރު އެގޮތަށް ވިސްނާލީމަ ހިނި ވެސް އާދޭ،" އަދްލީ ވިދާޅުވި އެވެ.
އަދްލީއަކީ އާއްމުކޮށް އުޅޭ ވެރިންނާ ތަފާތު ބޭފުޅެކެވެ. އޭނާއަކީ އަމިއްލައަށް އިސްނަންގަވާ އުފެއްދުންތެރި އެކެވެ. މިކަމުން ދޭހަވަނީ އެންމެ ފުރަތަމަ އުޅުއްވި ވަޒީފާއިންނެވެ. އެފްޕީއައިޑީގައި މަސައްކަތް ކުރެއްވި ދުވަސްވަރު އެ ކުންފުނީގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓުގެ ހިންގުމަށް ބޮޑު ބަދަލެއް ގެނެސްދެއްވި އެވެ. އަދްލީގެ ޒުވާނުން ސިކުނޑިން ގެނެސްދެއްވި ކޮމްޕިއުޓަރުގެ އާ ޕްރޮގްރާމް ވެގެން ދިޔައީ ކުންފުނީގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅަކަށެވެ.
"ކަންދިމާވި ގޮތުން ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގައި ހުރެފައި ކޮމްޕިއުޓާ ޕްރޮގްރާމެއް ހަދަން ލިބުނީ. މި ޕްރޮގްރާމް ހެދުމުގެ ތެރޭގައި ޕްރޮކިއުމެންޓުގައި ބޭނުން ކުރުމަށް ސޮފްޓްވެއާއެއް ހެދިން. އެއީ އަލަށް ކޮމްޕިއުޓަރު ޕްރޮގްރާމެއް ހެދިފަހަރު. މި މި ޕްރޮގްރާމް އިމްޕްލިމެންޓް ކުރިން. މީގެން އެފްޕީއައިޑީގެ ޕްރޮކިއުމަންޓް ސިސްޓަމް ކޮމްޕިއުޓަރައިޒް ކުރެވި، އެ ތްރޫކޮށް ޕާޗަސް އޯޑާތައް ހެދުމާއި އެ ހުރިހާ ކަމެއް ކުރެވުނު. އެއީ ވިންޑޯސް ހުންނަ ޒަމާނެއް ނޫން. އެހެންވެ އޭގެ ބޭނުން ވަރަށް ބޮޑަށް ކުންފުންޏަށް ކުރެވުނު. މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް،" އެފްޕީއައީޑީގައި މަސައްކަތް ކުރެއްވި ދުވަސްވަރުގެ ހަނދާން އާ ކުރައްވަމުން، އަދްލީ ވިދާޅުވި އެވެ.
މި މަސައްކަތުގެ އިތުރުން ރާއްޖޭގެ މަސްވެރިނަށް މިއަދު ލިބޭ ބޮޑު އަގު ލިބުމުގެ މުގުލުގައި ވެސް އަދްލީ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދީފަ އެވެ. އެއީ 2006 ވަނަ އަހަރު "ވޯލްޑް ޓޫނާ ކޮންފަރެންސަ" ށް ވަޑައިގެން އިންޑަސްޓްރީގެ އިސްވެރިންނާއެކު ކުރެއްވި ބުރަ މަސައްކަތް ތަކުންނެވެ.
"ކުރިން މަސްވެރިކަމުގެ ދާއިރާގައި ޗެލެންޖުތަކެއް ނެތް. އޭރު ތިން ރުފިޔާ ނޫނީ ހަތަރު ރުފިޔާއަށް މަސް ކިލޯއެއް އުޅުނީ. އަޅުގަނޑުމެން އިސްނަގައިގެން ފުދޭވަރެއްގެ ބޮޑު ހޭދައެއް ކޮށްގެން 2006 ގެ ޓޫނާ ކޮންފަރެންސުގައި ވަރަށް ފުޅާ ދާއިރާއެއްގައި ގޮސްގެން މިއަދު ދޮށީގެ މަސްވެރިކަމުން މި ލިބޭ ރީތިނަން މި ލިބެނީ. އޭރު ކުރެވުނުމަސައްކަތެއްގެ ނަތީޖާ މިއީ،" އަދްލީ ވިދާޅުވި އެވެ.
އަދްލީއަކީ މަސްވެރިކަމުގެ ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން ވެސް ފަރިތަ މޫނެކެވެ. މިއީ އޭނާ ގަބޫލުކުރައްވާ ގޮތުގައި މިދާއިރާއިން ލިބުނު އެއް ކާމިޔާބީ އެވެ.
"އަޅުގަނޑު މި ދާއިރާއަށް އެންމެ ބޮޑަށް ޝައުގުވެރިކަން އުފެދުނު އެއް ކަމަކީ ސޭލްސްގައި އުޅުނުއިރު. ރާއްޖޭގެ މަސްވެރިކަމަކީ ވަރަށް ކުޑަކުޑަ މަސްވެރިކަމެއް. އެކަމަކު ދުނިޔޭގެ ބޮޑެތި ދެކެފަރިތަ ރައްޓެހިން އެބަތިބި. ހާއްސަކޮށް ރާއްޖޭގެ މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަން އެނގުމުން ވަރަށް ބޮޑަށް އެމީހުން އިހުތިރާމު ކުރޭ. މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މަސްވެރިކަމުގައި މިހާ ގިނަ ދުވަހު އުޅެވިފައި ހުރީމަ. މިއީ އަޅުގަނޑު ޕާސަނަލީ ލިބޭ ވަރަށް ބޮޑު އުފަލެއް،" އަދްލީ ވިދާޅުވި އެވެ.
އަދްލީ ވިދާޅުވި ގޮތުގައި 2006 ވަނަ އަހަރު ކުރި ބުރަ މަސައްކަތުން ރާއްޖޭގެ މަސްވެރިކަމަށް އެމްއެސްސީ ސެޓްފިކެޓު ލިބުނު ނަމަވެސް މި ދާއިރާ އޮތީ ގިނަ ގޮންޖެހުން ތަކެއްގެ އަނގަމަތީގަ އެވެ. ސަބަބަކީ ރާއްޖޭން ކުރާ ތިމާވެއްޓާ ރަހުމަތްތެރި ދޮށީގެ މަސްވެރިކަން އެހެން ގައުމުތަކުން ވެސް ކުރުމެވެ.
"އަޅުގަނޑުމެން ކޮމްޕީޓް މި ކުރަނީ ދާ އަޅައިގެން މަސް ގަންނަ ފަރާތްތަކާ. އަޅުގަނޑުމެންގެ އަތުގައި ވޮލިއުމް އޮތީކީއެއް ނޫން. މިހާރު މާހައުލު ކުޑަވެގެން އައި އައުމާއިއެކު ވަރަށް ޗެލެންޖާސްތަކެއް އެބަހުރި. ދޮށީގެ މަސްވެރިކަމަށް ޗެލެންޖު ކުރާނެ ބަޔަކު ވެސް އެބަ އުޅޭ. އިންޑޮނޭޝިއާ ކަހަލަ ގައުމުތަކުން ދޮށީގެ މަސްވެރިކަން ބައިވަރު ކުރޭ. ޕޯލް އެންޑް ލައިން މަސްވެރިކަމޭ ކިޔާފައި އެބަ މަސް ވިއްކާ. ބޮޑެތި ކުންފުނިތަކުން ބޭނުމެއް ނުވޭ ދޮށީގެ މަސްވެރިކަމޭ ކިޔައިގެން މަސް ގަންނާކަށް،" އަދްލީ ވިދާޅުވި އެވެ.
ގިނަ މީހުންގެ ވިސްނުމުގައި ރާއްޖޭގެ މަސްވެރިކަމުގައި ބޭނުންކުރާ އޮޑިފަހަރު ބޮޑު ވެގެން ދިއުމަކީ މަސްވެރިކަމަށް ލިބުނު ކުރިއެރުމެކެވެ. ނަމަވެސް އަދްލީ ގަބޫލު ކުރައްވާ ގޮތުގައި މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ރާއްޖޭގެ މަސްވެރިކަމަށް އެންމެ "ފައްކާ" ސައިޒަކީ 80 ފޫޓުގެ އުޅަނދު ފަހަރެވެ.
"އަޅުގަނޑުމެންގެ ހިސާބުތަކުން ދައްކާ ގޮތުގައި މިހާރުވެސް 80 ފޫޓުގެ ދޯންޏަކުން މަސް ބޭނީމަ އެލިބޭ ނަފާ ނޫނީ މަދުން މަސްބާނާ ދުވަސްވަރު އެފޯޑު ކުރުން މާބޮޑަށް ވެސް ރަނގަޅު 80 ފޫޓުގެ އުޅަނދު ފަހަރު. އެހެންވީމަ އައި ބަދަލުގެ ތެރޭގައި ދޯނި ފަހަރު ބޮޑު ވެގެން ލިބުނީ ގެއްލުން،" އަދްލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮޑިފަހަރު ބޮޑެތިވި ނަމަވެސް މަސްވެރިކަމަށް ބޭނުންވާ މުހިންމު އާލާތްތައް ދޯނި ފަހަރުގައި ގާއިމް ކުރެވިފައެއް ނެތެވެ.
"ދޯނި ފަހަރު ބޮޑުވެގެން އައިއިރު ދޯނި ފަހަރަކު ނެތް އެކަށީގެންވާ ގޮތެއްގައި މަސް ރައްކާ ކުރެވޭނެ ނިޒާމެއް. މިސާލަކަށް އާރްއެސްޑްބަލިއު ސިސްޓަމެއް ނެތް. އެކަމަކު ދޯނި ފަހަރުގައި އެބަހުރި ވަރަށް ރަނގަޅަށް އެކޮމޮޑޭޝަން ނިޒާމެއް. މި ފިކުރު ބަދަލުކޮށްލަން އެބަޖެހޭ،" އަދްލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސްވެރިކަމަށް ޒުވާނުން ނުނިކުތުމަކީ މަސްވެރިކަމަށް އޮތް ބޮޑު ނުރައްކަލެކެވެ.
"ވިލިނގިލީގައި ބޭއްވި މަސްވެރިންގެ ދުވަހެއްގައި މައްސަލައެއްގެ ގޮތުގައި ނެގި ދޯނި ފަހަރުގައި ބިދޭސީން އުޅޭ މައްސަލަ. އެކަމަކު މީގެ ދެތިން ހަތަރު މަސް ކުރިން އަޅުގަނޑު ދިޔައިން ތިނަދު އަށް. މިހާރު އިވޭ ވާހަކައަކީ މިހާރު ބޭނުންވޭ ދޯނި ފަހަރަށް ބިދޭސން. ދޯންޏެއްގައި ފަސް ވަރަކަށް މީހުން ގެންގުޅެން. ދިވެހިންނެއް ނުލިބެޔޭ! މިއީ އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ޒުވާނުން މަސްވެރިކަމާ ދުރަށް ދާތީ. މިއީ ބޮޑު މައްސަލައެއް،" އަދްލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސްވެރިކަމަކީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެކެވެ.
"އަޅުގަނޑު ނުދަންނަވާނަން މަސްވެރިކަމުން ލިބޭ ނަފާ މަދެކޭ. މަސްވެރިކަމުގެ މޫސުމެއްގައި 17 ޓަނުން 12 ޓަނުން މަސް ބާނާ. ރަނގަޅު އާމްދަނީއެއް ވެސް ލިބޭ. މިއީ އުޅެން ރަނގަޅު ދާއިރާއެއް،" އަދްލީ ވިދާޅުވި އެވެ.