ރާއްޖެ ކުޅިވަރު

އީގަލްސްގެ ޗެއާމަންކަން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމަށް ދީފި

ކުލަބު އީގަލްސްގެ ޗެއާމަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އިންތިހާބުކޮށްފި އެވެ.

އެކުލަބުގެ އެންމެ އިސް މަގާމަށް އޭނާ އިންތިހާބުކުރީ މިރޭ ރާނބާ ރެސްޓޯރަންޓްގައި ބޭއްވި އީގަލްސްގެ އިންތިހާބީ ޖަލްސާގަ އެވެ. އެކުލަބުން ބުނެފައިވަނީ ޝިޔާމް ކުލަބުގެ ޗެއާމަންކަމަށް ގެނައުމާމެދު އުފާކުރާ ކަމަށެވެ.

ފުރަތަމަ ޑިވިޝަނުގައި މިދިޔަ ދެ އަހަރު ރަނގަޅު ކާމިޔާބީ އެއް ހޯދި އީގަލްސް އަށް ޗެއާމަނަކު މި ހަމަޖެއްސީ އެ މަގާމު ހުސްކޮށް އޮންނަތާ އަހަރެއްހާ ދުވަސް ފަހުންނެވެ. އީގަލްސްގެ ޗެއާމަންކަމުގައި އެންމެ ފަހުން ހުންނެވީ ވެލެންސިއާގެ އެއް މުއައްސިސް ހިޔަލީ މުހައްމަދު ރަޝީދެވެ.

ނަމަވެސް ކުއްލިގޮތަކަށް މިދިޔަ އަހަރު ހިޔަލީ މަގާމުން ވަކިކުރުމަށް ފަހު އީގަލްސް ހިންގަމުން އައީ ޗެއާމަނަކު ނެތި އެވެ. ދުވަސްކޮޅެއްގެ މެދުކެނޑުމަކަށް ފަހު އީގަލްސް ފުރަތަމަ ޑިވިޝަނަށް އައުމަށްފަހު އެކުލަބުގެ ޗެއާމަންކަން އެންމެ ފުރަތަމަ ކުރީ ސަރަނގު އާދަމް މަނިކެވެ.

އަންނަ ސީޒަނަށް ތައްޔާރުވާން ކުލަބުތަކުން މަސައްކަތް ކުރާއިރު އީގަލްސް އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހަވާލުވި ދެ ވަނަ ކުލަބެވެ. މީގެ ކުރިން ވިކްޓަރީގެ ޗެއާމަންކަމާ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު ހަވާލުވީ މި މަހު ކުރީކޮޅު އެވެ.