ކޮލަމް

ދޮގު ވާހަކަތަކުން ރައްޔިތުންނަށް ގެއްލުދިނުން ހުއްޓާލަންޖެހޭ!

Feb 19, 2016

އެޑިޓަރުގެ ނޯޓް: ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބުދުﷲ ޚަލީލަކީ ރައްޔިތުން މަޖިލީހަށް އިންތިހާބުވެ ވަޑައިގަތުމުގެ ކުރިން ވެސް ލިޔުންތެރި ކަމަށް ލޯބި ކުރައްވާ ބޭފުޅެކެވެ. މުޖުތަމައާއި ސިޔާސީ އެކި ކަންކަމުގެ މަޗަށް ހިޔާލުފުޅު ކުރައްވާ ކުރިން ވެސް ޑރ. އަބްދުﷲ ޚަލީލް ލިޔުއްވަ އެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ މުޤައްރިރުވެސް މެއެވެ. މި ލިޔުމަކީ އޭނާ އަމިއްލަފުޅަށް އެދިވަޑައިގެން ލިޔުއްވެވި ލިޔުއްވުމެކެވެ. މި ލިޔުން އަވަސް ސްޓައިލް ގައިޑަށް ފައްތާފައިވީ ނަމަވެސް މީގައިވާ އެހެން އެއްވެސް ކަމަކަށް ބަދަލު ގެނެސްފައެއް ނުވާނެ އެވެ. --


ރާއްޖޭގެ ސިޔާސީ މަޝްރަޙު ހަލަބޮލި ކުރުމަށް ބަޔަކު މަސައްކަތްކުރަމުން ދާއިރު އެމީހުންގެ މަސައްކަތް ހަމައެކަނި އަމާޒު ވެގެންދަނީ މާލޭގެ މަގުތަކުގައި މުޒާހަރާކުރުމާ އަދި ބިރުދެއްކުމުގެ ޢަމަލުތައް ހިންގުމަކަށްނޫނެވެ. މިއާ ޚިލާފަށް، އެފަދަ ފަރާތްތަކުން ދަނީ ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވާ ތަނބުތައް ހަލާކުކޮށް ސުންނާފަތި ކުރުމަށް ރޭވުންތެރި މަސައްކަތްތަކެއް ކުރަމުންނެވެ. މިކަން ސާބިތު ވަނީ ޓުއަރިޒަމް ބޯއިކޮޓް ކުރުމަށް ކުރަމުންގެންދާ މަސައްކަތާއި ހުޅަނގުގެ ޤައުމުތަކުގަ ރާއްޖެ ބަދުނާމްކޮށް ދައްކަމުންދާ ވާހަކަތަކުންނެވެ.

އެއްގޮތަކަށްވެސް ލުއިކޮށް ނެގެން ނެތް ވާހަކަތަކުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ގޮތުން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހައްދުފަހަނައެޅުން އޮތްކަން ދެއްކުމަށް ފަތުރަމުންދާ ވާހަކަތަކާއި، ރާއްޖޭގެ ނަން ޚަރާބުކޮށް ފަތުރަމުންދާ ބުހުތާން ވާހަކަތައް ހިމެނެއެވެ. ހުޅަނގުގެ ޤައުމުތަކުގައި ރާއްޖޭގެ ރައްޔިތުންނަކީ ދީނީ ހައްދުފަހަނައަޅާފައިވާ ބައެކޭ ބުނުމެވެ. ނުވަތަ ރާއްޖޭއިން ޖިހާދުކުރުމަށް ދާ މީހުންގެ ޢަދަދު ދަނީ ގިނަވަމުންނޭ ބުނުމެވެ. މިކަހަލަ ވާހަކަތަކަކީ ރާއްޖެއާއި ދޭތެރޭ ފަތުރުވެރިން ބިރުގަނެ އަދި ރާއްޖެއާއި ދޭތެރޭ ދެކޭ ގޮތް ބަދަލުވެގެން އަންނާނެ ކަންކަމެވެ.

ހުޅަނގުގެ ޤައުމުތަކުން ރާއްޖެއާއި ދޭތެރެދެކޭ ގޮތް ބަދަލުވުމަކީ އެފަރާތުން އަޅުގަނޑުމެންނަށް ލިބެންޖެހޭ އެހީތެރިކަން މަދުވުމުގެ އިތުރުން، އެޤައުމުތަކުން އަޅުގަނޑުމެންގެ ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިން މަދުވުމަށް މެދުވެރިވާނެ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަން އައުމެވެ. ޓުއަރިޒަމުން ރާއްޖެއަށް ލިބެންޖެހޭ ފައިސާ ނުލިބޭނަމަ ގައުމުގެ އިޤްތިޞާދީ ހިނގުން ދައްވެ، ތަރައްޤީ ހީނަރުވެ، ގައުމުގެ ކުރިމަގަށް ބަނަކަން އަންނާނެކަން އެއީ ޔަޤީން ކަމެކެވެ.

މިފަދަ ނޭދެވޭ ޢަމަލުތަކުގެ އިތުރުން، ގައުމުގެ ފައިނޭންޝަލް ސެކްޓާއަށް ޢަމާޒުކޮށް އެކިފާޑުފާޑުގެ ވާހަކަ ދައްކަމުން ދިއުމަކީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް ރާއްޖޭގެ ރައްޔިތުން ބިކަކުރުމަށް ކުރާ މަސައްކަތެކެވެ.

ގައުމުގެ މާލީ ދާއިރާ ފުޑާލުމުގެ ނިޔަތުގައި ދައްކާ ވާހަކަތަކުގެ ތެރޭގައި، ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބޭންކުތައް ރާއްޖެ ދޫކޮށް ދާ ވާހަކައާއި ފައިސާ ދޮވުމުގެ (މަނީ ލޯންޑަރިންގެ) އަމަލުތަކެއް ރާއްޖޭގައި ހިންގާކަމާއި އެމްއެމްއޭގައި ގޮތް ނޭނގޭ ފައިސާތަކެއް ހުރި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާބުނުތައްތައް ހިމެނެއެވެ.

ނަމަވެސް ހަޤީގަތަކީ ރާއްޖޭގައި ހިންގަމުންއަންނަ ބޭރުގެ އެއްވެސް ބޭންކެއް ރާއްޖެ ދޫކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް ނެތްކަމެވެ. ރާއްޖޭގައި ހުރި ބޭރުގެ ބޮޑެތި ބޭންކްތަކުން މިއަދުވެސް ގެންދަނީ އެބޭންކްތަކުގެ ހިންގުން ފުޅާކުރަމުން ނުވަތަ ނިޗް މާކެޓްތައް ޚިޔާރުކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ހިންގަމުން ގެންދާ އެޗްއެސްބީސީން، މޭ 2014، އިން ފެށިގެން ރީޓެއިލް ބޭންކިންގ ގެ ޚިދުމަތްތައް ދޫކޮށްލުމަށްފަހު، އަމާޒް ހިފާފައިވަނީ ކޯޕަރޭޓް ކަސްޓަމަރުންނާ ދިމާލަށެވެ.

އެދުވަސްވަރު އެބޭންކުގައި ހުޅުވާފަވާ އަމިއްލަ ފަރުދުންގެ އެކައުންޓްތައް ބަންދުކުރުމަށް ކަސްޓަމަރުންނަށް ނޯޓިސް ފޮނުވާފައިވެއެވެ. މިއީ އެޗެއެސްބީސީ ރާއްޖޭގައި ހިންގަމުން ގެންދިޔަ ބިޒްނަސް މޮޑެލްއަށް ގެނެވުނު ބަދަލެކެވެ. މިކަންކަމަކީ ބައެއް ފަރާތްތަކުން މިހާރު ރާއްޖޭގައި ފަތުރަމުންދާ ވާހަކަތަކާ ވަރަށް ތަފާތު ބީރައްޓެހި ނުވަތަ އެއްވެސް ގުޅުމެއް ނެތް ވާހަކަތަކެކެވެ. ބައިނަލް އަގްވާމި މިފަދަ ބޮޑެތި ބޭންކުތައް ރާއްޖޭގައި ފުޅާވެގެން ދިއުމަކީ ގައުމުގެ އިޤްތިޞާދަށް ލިބިގެންދާނެ ފައިދާއެކެވެ. އަދި މިޙިދުމަތް ހުއްޓާނުލާ އެ ބޭންކުން ކުރިއަށް ގެންދާކަމީ އުފާ ކުރަން ޙައްޤު ކަމެކެވެ.

ރާއްޖޭގައި ހިންގަމުން ގެންދާ ބޭންކްތަކުގެ ތެރެއިން، އެޗްއެސްބީސީއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ބޮޑު ޓެކްސްއެއް ދައްކަމުން ގެންދާ ބޭންކެވެ. އެހެންވީމަ މިބޭންކު އަދިވެސް ރާއްޖެއަށް ޚިދުމަތްދިނުމުގައި އޮތްކަން އެއީ އަޅުގަނޑުމެން ފާހަގަ ކުރަން ޖެހޭ ކަމެކެވެ.

ދެން އޮތީ އެމްއެމްއޭގަ ގޮތް ނޭނގޭ ފައިސާތަކެއް ހުރިކަމަށް ދެކެވޭ ވާހަކަތަކެވެ. މި ވާހަކަ ދައްކަމުން ގެންދަނީ އެމްއެމްއޭގެ މަޢުލޫމާތުތައް އެނގޭ ނުވަތަ އެނގިފައިވާ ފަރާތެއްކަން މީޑިއާގައި ދޭ އިންޓަވިއުތަކުން ނުވަތަ ދޭ މަޢުލޫމާތުތަކުން ހާމަވެއެވެ. 2015 ވަނަ އަހަރުގެ ޑިސެންބަރ މަހުގެ ނިޔަލަށް އެމްއެމްއޭގަ ރިޒާވްގެ ގޮތުގަ ހުރި ފައިސާގެ ޢަދަދު 594 މިލިއަން ޑޮލަރަށް އަރައެވެ. މިއީ ރާއްޖޭގެ ގާތްގަނޑަކަށް ތިން މަސް ދުވަހަށް ބޭނުންވާވަރުގެ ރިޒާވްއެކެވެ. އެމްއެމްއޭއަށް ފައިސާ ވަންނަނީ ވަރަށް ގިނަ މަރުހަލާތަކެއް ނިމި، އެފައިސާ އެއީ ކޮން ގޮތަކުން އެމްއެމްއޭއަށް ލިބޭ ފައިސާ އެއްތޯ އިންގިގެންނެވެ. އެމްއެމްއޭގަ ހުންނަ ގްރޮސް ފަންޑުގެ ތެރޭގަ ހިމެނޭ ފައިސާއަކީ އެމްއެމްއޭގަ ދައުލަތުން ބަހައްޓާފަ ހުންނަ ފައިސާއާއި އެމްއެމްއޭގެ ފަންޑުގަ ހުންނަ ފައިސާއާއި ބޭންކުތަކުން ރިޒާވް ގެ ގޮތުގަ ބަހައްޓާ 10 ޕަސެންޓް އެވެ. ކޮންމެ ބޭންކަކުން ބަހައްޓަން ޖެހޭ އެމީހުންގެ 10 ޕަސެންޓް ފައިސާ އަދި ބައެއް ބޭންކުތަކުން އެމީހުން އެކްސެސް ފަންޑުގެގޮތުގަ ބަހައްޓާފައިސާ އެއީ އެމްއެމްއޭގެ ގްރޮސް ފަންޑުގެ ތެރޭގަ ހިމެނޭ ޢަދަދުތަކެވެ. މިހުރިހާ ބައިތަކެއްވެސް އެމްއެމްއޭގެ ހިސާބުތަކުން ފެންނަން ހުންނާނެއެވެ.

މި ހިސާބުތަކަކީ އެއްގޮތަކަށްވެސް އޮޅިގެން ނުވަތަ ގޮތް ނޭންގި ހުންނަ ފަންޑުތަކެއް ނޫނެވެ. ކޮންމެ ފަރާތަކުންވެސް މީގެ މަޢުލޫމާތުތަކެއް ހޯދަން ބޭނުންވިޔަސް މިއީ ލިބެންހުރި މަޢުލޫމާތެވެ. ނުވަތަ އެމްއެމްއޭގެ މަހު ހިސާބުތައް ނެރޭއިރުވެސް މި ޢަދަދުތައް ފެންނަން ހުންނާނެއެވެ. އެހެންކަމުން، ބައެއް ފަރާތްތަކުން، މިދައްކާ ވާހަކަތަކަކީ ސިޔާސީ ބޭނުމެއް ހޯދުމަށް ސިޔާސީ ފައިދާތަކެއް ނެގުމަށް އެކި ގޮތްގޮތުން އުފައްދައިގެން އުޅޭ ވާހަކަތަކެއްކަމަށް ބެލެވެއެވެ.