ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނޮވެމްބަރު 5ގެ ކުރިން ގޯތި ހަވާލުކުރާނަން: ރައީސް

މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ ގޯތިތައް މިއަހަރުގެ ނޮވެމްބަރު ފަސްވަނަ ދުވަހުގެ ކުރިން ހަވާލުކުރާނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

އެމްޑީޕީގެ ސޯސަން ޖަގަހައިގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ކަމަށް ބުނެ މިދިޔަ ހުރިހާ ސަރުކާރެއްގައި ދެއްކީ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް މާލޭގެ ރައްޔިތުންނަށް ގޯތި ދޫނުކުރާތާ 40 އަހަރު ފަހުން އެކަން ކޮށްދިނީ މިސަރުކާރުގައި ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ނިންމާފައިވާ ގޮތަށް އެމަނިކުފާނުގެ މި ދައުރުގެ ތެރޭގައި ގޯތި ލިބުނު މީހުންނަށް ނޮވެމްބަރު ފަސްވަނަ ދުވަހުގެ ކުރިން ބިން ވަކިކޮށް ގޯތީގެ ރަޖިސްޓަރީ ހަވާލުކުރާނެ ކަމަށެވެ.

ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ މިހާރު ދޫކުރާ ގޯތިތައް އިމާރާތް ކުރުމަށްޓަކައި ހައުސިން ބޭންކެއް ގެނެސް މާލީ އެހީތެރިކަން ދީގެން ގޯތިތައް ހެދޭނެ ގޮތް ހަމަޖައްސަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ފެށި ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫއުތަކުގެ ތެރެއިން ބައެއް އާންމުންނަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކަށް ހައްލު ހޯދައިދިނީ ވެސް މިސަރުކާރުގައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ގުޅިފަޅު ފްލެޓް ލިބުނު މީހުންގެ ފްލެޓްތައް މިދިޔަ ސަރުކާރުގައި އަތުލީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ކަމަށްވެސް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނިފައިވެ އެވެ. މީގެ ތެރެއިން 18،955 މީހުން ޝަރުތު ހަމަވިއިރު 9،003 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރަމުން ދަނީ ތިން ސައިޒެއްގެ ގޯއްޗެވެ. އެގޮތުން ވަކި ފަރުދަކަށްނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހެޅި އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރެ އެވެ.