ޑރ. މުހައްމަދު މުއިއްޒު

މިނިވަންކަން ހިމާޔަތްކޮށްދޭނަން: މުއިއްޒު

ވެރިކަން ކުރަން ރައްޔިތުން ފުރުސަތު ދީފިނަމަ ގައުމުގެ މިނިވަންކަން ހިމާޔަތްކޮށްދެއްވާނެ ކަމުގެ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު ނިސްބަތްވާ ޕީޕީއެމް ޕީއެންސީ އިން ގެންދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އަދި އެއީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ތިބި ބައެއް ކަމަށްވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ. ނަމަވެސް ރާއްޖޭގައި އަސްކަރީ ބޭނުމެއްގައި ބޭރުގެ ސިފައިން ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ނިންމާލުމަށް މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މީޑިއާ އަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ރައްޔިތުން އޭނާއަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ރައްޔިތުން އަޅުގަނޑަށް ފުރުސަތު ދީފިނަމަ ހަމަޖެހުން ގާއިމުކޮށްދީ މިނިވަންކަން ހިމާޔަތް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވާ ފަދަ ވެރިކަމެއް ކޮށްދީ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކެމްޕޭންގައި ރާއްޖޭގެ ގިނަ ރަށްތަކަކަށް ވަޑައިގެން ރައްޔިތުންގެ ރޫހު ހުރި ގޮތް ބެލިއިރު އިންތިހާބުގެ ފުރަތަމަ ބުރަށް ވުރެ ދެވަނަ ބުރު އޭނާ ލިބިވަޑައިގަންނަވާ ވޯޓު މާބޮޑަށްވެސް އިތުރުވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. މުހައްމަދު މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަޑައިގަތީ 86،000 ވޯޓެވެ.