ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ މެސެޖު: އަވަހަށް ނިކުމެ ވޯޓުލާ

ހުރިހާ ރައްޔިތުންވެސް އަވަހަށް ނިކުމެ ވޯޓުލުމަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ މީގެކުޑައިރުކޮޅެއް ކުރިން އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ގާނޫނީ ޒިންމާއެއް ކަމަށާއި އެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރަށް ވޯޓުލުމަށް ލަސްނުކޮށް ވީހާވެސް އަވަހަށް ވޯޓުލުމަށް ދިޔުމަށާއި ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ދިޔުމަށްވެސް މުއިއްޒު އެދިވަޑައިގެންނެވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.