ދުނިޔެ

ސާބިއާ ސިފައިން ބޯޑަރުން ބޭލުމަށް ކޮސޯވޯއިން ގޮވާލައިފި

ސާބިއާ ސިފައިން ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި ތިބެގެން ނުވާނެ ކަމަށް ކޮސޯވޯއިން ބުނެފި އެވެ.

ސަރަހައްދީ މިނިވަންކަން ބެލެހެއްޓުމުގެ ކުޅަދާނަކަން ސާބިއާއަށް ލިބިފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މި ދެ ގައުމުގެ ދެމެދުގައި އަނެއްކާވެސް ހަމަނުޖެހުން އުފެދިގެން މިއުޅެނީ މިދިޔަ ހަފްތާގައި ސާބިއާގެ ތިރީހަކަށް ސިފައިން ހަތިޔާރާ އެކު ކޮސޯވޯގެ އަވަށަކަށް ވަދެގަތުމާ ގުޅިގެންނެވެ.

މި ހަމަނުޖެހުންތަކުގައި ފުލުހަކާއި ސިފައިންގެ ދެމީހަކު ވަނީ މަރުވެފަ އެވެ.

ސާބިއާ އާއި ކޮސޮވޯއާ ދެމެދު ހަމަނުޖެހުން ފެށުމާ އެކު ބައިނަލްއަގްވާމީ އިދާރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި ދެ ގައުމުގެ ދެމެދުގައި 2008 ގައި ވަރުގަދަ ހަނގުރާމައެއް ވެސް ވަނީ ހިނގާފަ އެވެ.

އެއަށް ފަހު ނޭޓޯ މެދުވެރިވެގެން ސާބިއަށް ހަމަލާދީ 1999 ގައި ކޮސޯވޯ ވަނީ މިނިވަންކަން އިއުލާންކޮށްފަ އެވެ. ނަމަވެސް ކޮސޮވޯގެ މި މިނިވަންކަން ސާބިއާ އަދިވެސް ބަލައެއް ނުގަނެ އެވެ.

ކޮސޯވޯ ސަަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ސާބިއާގެ މި އަމަލަކީ ކޮސޯވޯ ޖަހައިގަތުމަށް ކުރާ މަސައްކަތެކެވެ.

ސާބިއާގެ ރައީސް އެލެގްޒެންދަރު ވޫޗިޗްއަށް ކޮސޯވޯއިން ގޮވާލާފައިވަނީ އެއްވެސް ޝާރުތެއް ނެތި ސިފައިން ބޯޑަރުން ގެންދިއުމަށެވެ.

ކޮސޯވޯ އަކީ ބަލްކަންގައި ވަށައިގެން ގައުމުތަކުގެ މެދުގައި ތަޅުލެވިފައި އޮންނަ ގައުމެކެވެ. ކޮސޯވޯގެ އުތުރާއި އިރުމަތި ފަރާތުގައި އޮންނަނީ ސާބިއާ އެވެ. ދެކުނު އިރުމަތީގައި އުތުރު މެސަޑޯނިއާ އެވެ. ހުޅަނގު ދެކުނުގައި އަލްބޭނިއާ އެވެ.

މިހެން ކަން އޮތުމުން ކޮސޯވޯއަށް ދަތުރުފަތުރު ކުރެވެނީ ކޮންމެވެސް ގައުމެއްގެ ބޯޑަރު ހުރަސްކޮށެވެ. އެއީ އެއްގަމުން އަދި ވައިގެ މަގުން ކަމުގައި ވިޔަސް އެވެ.

ސާބިއާގެ ފަރާތުން ކޮސޮވޯއަށް ހަމަލާތަކެއް އަރާފާނެ ކަމަށް ޔޫރަޕްގެ ބާރުތަކުން ވެސް ދެކެ އެވެ. ކޮސޯވޯ އުފެދިފައި އެވަނީ ވެސް ސާބިއާގެ ދެކޮޅު ހެދުމާ އެކުވެސް ހުޅަނގުގެ ނުފޫޒުންނެވެ.