ރިޔާސީ އިންތިހާބުގައި ގދ. ވާދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓެއް ފަޅާލި މީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 60 ދުވަސް ޖަހައިފި އެވެ.
ވާދޫގައި ބަހައްޓާފައިވާ ފޮށި އެ މީހާ ފަޅާލީ އިއްޔެ ވޯޓުލުމުގެ ވަގުތު ހަމަވި ފަހުން ކަމަށް ބައެއް މީހުންގެ ފަރާތުން އެނގިފައިވެ އެވެ.
ވޯޓު ފޮށި ފަޅާލި ނަމަވެސް އެއްވެސް ވޯޓު ކަރުދާހަކަށް ގެއްލުމެއް ލިބި ނުވަތަ ހަލާކުވެފައެއްވެސް ނުވެ އެވެ.
އުމުރުން 35 އަހަރުގެ މި މީހާ ވޯޓު ފޮށި ފަޅާލީ އައިޑީ ކާޑު ނެތި ވޯޓު ނުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން އެންގުމާ ގުޅިގެން އެކަމާ ރުޅިއައިސްގެންނެވެ.
ވޯޓު ފޮށި ފަޅާލި މީހާ އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރި ނަމަވެސް ކޯޓުން އޭނާގެ ބަންދަށް މުއްދަތު ޖެހީ މިއަދުގެ ވަގުތެއް ގައެވެ.