މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގޯތި ރަޖިސްޓްރީ ދޫކުރުން ސީއެޗްއެސްއީގެ ކުރީގެ އިމާރާތަށް

ބިންވެރިޔާ ސްކީމުގެ ދަށުން ރައްޔިތުންނަށް ދޫކުރި ގޯތީގެ ރަޖިސްޓްރީ ދެން ހަވާލުކުރާނީ ކުރީގެ ސީއެޗްއެސްއީ އިމަރާތުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިނ މިނިސްޓްރީން ބުނާ ގޮތުގައި ވޭތުވެ ދިޔަ ދުވަސް ތަކުގައި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށް ގެންދިޔަ ގޯތި ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް، މާދަމާ އިން ފެށިގެން ކުރިއަށް ދާނީ ކުރީގެ ސީއެޗްއެސްއީ އިމާރާތުގަ އެވެ.

މާލެ ސަރަހައްދުން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ދޫކުރަން ފެށީ މިދިޔަ އޮގަސްޓް 27 ގައެވެ.

މި ސްކީމުގެ ދަށުން ގޯޗަށް ހުށަހެޅި 97 އިންސައްތަ މީހުންނަށް ސަރުކާރުން ވަނީ ގޯތި ދީފަ އެވެ. މީގެތެރެއިން ހުޅުމާލޭން ގޯތި ލިބޭ މީހުންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތްތައް ވެސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނިފައިވެ އެވެ. މީގެ ތެރެއިން 18،955 މީހުން ޝަރުތު ހަމަވިއިރު 9،003 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރަމުން ދަނީ ތިން ސައިޒެއްގެ ގޯއްޗެވެ. އެގޮތުން ވަކި ފަރުދަކަށްނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހެޅި އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރެ އެވެ.