ކުލަބު އީގަލްސްގެ ވައިސް ޗެއާމަނަކަށް ރައްޔިތުންގެ މަޖިލީހުގެ އދ. މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އިންތިހާބުކޮށްފި އެވެ.
ނިއުރޭޑިއަންޓްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އީގަލްސްގެ ވައިސް ޗެއާމަނަކަށް ހަމަޖެއްސީ ރޭ ބޭއްވި އެކުލަބުގެ އިންތިހާބީ ޖަލްސާގަ އެވެ. މި ޖަލްސާގައި ކުލަބުގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.
ގައުމީ ޓީމާއި ނިއުރޭޑިއަންޓުގެ ފޯވަޑް ލައިނުގައި މޮޅަށް ކުޅެ، ފަހުން ވެލެންސިއާ އާއި ވީބީ އަށް ވެސް ކުޅުނު ޓޮމް އެންމެ ފަހުން ފުޓްބޯޅައިގެ ތެރެއިން ފެނުނީ އަމިއްލަ ރަށް މަހިބަދޫގެ ފުޓްބޯޅަ ޓީމު އުފައްދައިގެން އެ ޓީމު ހިންގެވުމުގަ އެވެ. ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެން މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅުނު މަހިބަދޫ މިހާރު ވަނީ ރެލިގޭޓްވެފަ އެވެ.
އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) ރޭ ވިދާޅުވީ އީގަލްސްގެ ވައިސް ޗެއާމަނަކަށް ޓޮމް ހަމަޖެއްސުމުން މިހާރު އެކުލަބުގައި ދެ ވައިސް ޗެއާމަނުން ތިބޭނެ ކަމަށެވެ. އެއީ ޓޮމް އާއި މުހައްމަދު ތައުފީގެވެ. މީގެ ތެރެއިން ތައުފީގަކީ އީގަލްސް އުފެއްދީއްސުރެ ކުލަބަށް ހިދުމަތްކޮށްދީ ގިނަ ދުވަސްތަކެއްވަންދެން ޗެއާމަންކަން ވެސް ކުރެއްވި ބޭފުޅެކެވެ.
މުފާ ވިދާޅުވީ ކުލަބުގެ އެންމެ އިސް ދެ މަގާމަށް މަޖިލިސް ދެ މެމްބަރުން ގެނައީ އެބޭފުޅުން އެކަމަށް ޝައުގުވެރިކަން ހުރުމުން ކަމަށެވެ.
އީގަލްސްގެ ޗެއާމަންކަމުގައި ކުރިން ހުންނެވީ ވެލެންސިއާގެ މުއައްސިސް ހިޔަލީ މުހައްމަދު ރަޝީދެވެ. 2014 ވަނަ އަހަރު ޗެއާމަންކަމާ ހަވާލުވި ހިޔަލީ މިދިޔަ އަހަރު އިސްތިއުފާދެއްވުމުން ރެއާ ހަމައަށް އީގަލްސްގެ ޗެއާމަންކަން އޮތީ ހުސްކޮށެވެ.
"އެހެންވީމަ މިއީ ކުރީގެ ބޯޑު. އަހަރުމެން ހެދި ގޮތަކީ ރޭގެ ބައްދަލުވުމުގައި ޗެއާމަނަކު ހޮވީ. ދެން ވައިސް ޗެއާމަނެއް އިތުރުކުރީ. މިހާރު ބޯޑުގައި ތިބޭނެ ޖުމުލަ 11 މީހުން. މި ބޯޑު ދެމިއޮންނާނީ 2018 އަށް." މުފާ ވިދާޅުވިއެވެ.
މިދިޔަ ދެ އަހަރު އީގަލްސް ވަނީ ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ވާދައެއްކޮށްފަ އެވެ. 2014 ވަނަ އަހަރުގެ ގައުމީ ފައިނަލްގައި ކުޅެ މިދިޔަ އަހަރުގެ ދިވެހި ލީގުގެ ތިން ވަނަ އެ ޓީމު ވަނީ ހޯދައިފަ އެވެ.