އަބްދުއްރަހީމް އަބްދުﷲ

އިންތިގާލީ ކޮމިޓީގެ ވެރިޔަކަށް އަދުރޭ

ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެކުލަވާލާފައިވާ އިންތިގާލީ ކޮމިޓީގެ ވެރިޔަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހަމަޖައްސައިފި އެވެ.

އިދިކޮޅު ޕީޕީއެމް އިން މިއަދު ބުނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބީ ރައީސް އެކުލަވާލެއްވި އިންތިގާލީ ކޮމިޓީގެ ވެރިޔަކަށް އަބްދުއްރަހީމް ހަމަޖައްސަވައި ގާނޫނުގައިވާ ގޮތުގެ މަތިން އެކަން ސިވިލް ސާވިސް ކޮމިޝަނަށް އަންގަވާފައިވާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތުން އެކުލަވާލި އިންތިގާލީ ކޮމިޓީގެ ވެރިޔަކަށް ހަމަޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރު އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ. އިންތިހާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާގުޅޭ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއްގެ އެހީތެރިކަންވ ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން ވަނީ ދީފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 108،500 ވޯޓެވެ. ވާދަވެރި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ 126،842 ވޯޓް ހޯއްދަވާފަ އެވެ