ދުނިޔެ

މިސްރުގެ ސީސީ ތިންވަނަ ދައުރަކަށް ކުރިމަތިލައްވައިފި

މިއަހަރު ޑިސެމްބަރު މަހު މިސްރުގައި އޮންނަ ރިޔާސީ އިންތިހާބުގައި -- ވެރިކަމުގައި މިހާރު ހުންނެވި އަބްދުލް ފައްތާހް އައްސީސީ ތިންވަނަ ދައުރަކަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފި އެވެ.

މިސްރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައިސަކު ހޮވަނީ ކުރިއަށް އޮންނަ ހަ އަހަރަށެވެ. މިހެންކަމުން ސީސީ މިހާރު އަދާކުރަވަމުން ގެންދަވާ ދައުރު 2024 ގައި ހަމަވާނެ އެވެ.

އަބްދުލް ފައްތާހް އައްސީސީ، 68، މިސްރުގެ ރައީސްކަމަށް ވަޑައިގަތީ 2014 ވަނަ އަހަރެވެ. އެއަށް ފަހު 2018 ގައި ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި އެވެ. އޭނާ އެ މަގާމުގައި ހުންނަވާތާ ނުވަ އަހަރު ވަނީ ވެފަ އެވެ.

މި އިންތިހާބުގައި ސީސީގެ އިތުރުން ހަތް ކެންޑިޑޭޓަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. މީގެތެރޭގައި އިދިކޮޅު ލީޑަރު އަހްމަދު އަލްތަންތާވީ އާއި މިސްރުގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ފަރީދު ޒަހްރާން ވާދަކުރައްވާނެކަން މިހާރުވެސް އޮތީ އިއުލާންކުރައްވާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސީސީއަށް ތިންވަނަ ދައުރެއް ދާދި ކަށަވަރެވެ. އާންމު ރައްޔިތުގެ ތެރޭގައި ސީސީއަށް ތާއީދު ވަރަށް ބޮޑު ކަމަށް ހަބަރުތައް ބުނެ އެެވެެ.

ތިންވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ސީސީ އިއުލާންކުރެއްވީ ޓީވީ ޕްރޮގްރާމެއްގެ ތެރެއިންނެވެ.

މިސްރުގައި މިއަހަރު ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ޑިސެމްބަރު 10 އިން 12 އަށެވެ.

ނެޝަނަލް އިލެކްޝަން އޮތޯރިޓީގެ ޗެއާމަން ވަލީދު ހަސަން ހަމްޒާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތީ އިންތިޚާބަށް ދާއިރާތައް ތަރުތީބުކުރުމާއި ކެންޑިޑޭޓުުންނަށް ފުރުސަތު ފަހިކޮށްދެއްވުމަށް އޮތް ދުވަސްތަކެކެވެ.

މަޝްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި މިއީ މިސްރުގައި ރިޔާސީ އިންތިހާބެއް ބާއްވަން އެންމެ ރަނގަޅު ދުވަސްވަރެއް ނޫނެވެ. ސަބަބަކީ މިސްރަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ދަތިތަކާ ހެދި -- އާންމު ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވެދާނެތީ އެވެ.

މި އިންތިހާބުގައި ސީސީ ހޮވި ވަޑައިގެންނެވި ނަމަވެސް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ގައުމުގެ އިގުތިސާދީ ހާލަތެވެ.

ދުނިޔޭގެ މާލީ އިދާރާތަކުގެ ލަފާގެ މަތިން ގައުމުގެ އިގުތިސާދު އިސްލާހު ކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަވަސްކުރުން ރައީސްއަކަށް އިންތިހާބުކުރެވޭ ބޭފުޅަކަށް ވާޖިބު ހާލަތަކަށް އަންނާނެ ކަމަށް އިގުތިސާދީ މާހިރުން ވިދާޅުވެ އެވެ.