ހަބަރު

ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުތައް އާއްމުކޮށްފި

Jan 26, 2015

ހިޔާނާތުގެ ތުހުމަތު ކުރެވިފައިވާ ފަރާތްތަކަށް ހައްޖަށް މީހުން ނުގެންދެވޭ ގޮތަށް، ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުތައް އާއްމުކޮށްފި އެވެ.

"ދިވެހިރާއްޖޭން ހައްޖަށް މީހުން ގެންދިއުމާ ބެހޭ" އުސޫލުގައިވާ ގޮތުން، މިފަދަ އުސޫލެއް އާއްމުކުރުމުގެ މަގުސަދަކީ ދިވެހިރާއްޖެއިން ހައްޖަށް ދާ މީހުންނަށް ރަނގަޅު ހިދުމަތްތައް ލުއި ފަސޭހަގޮތެއްގައި ލިބިދިނުމާއި ދިވެހިރާއްޖެއިން ހައްޖަށްދާ މީހުންގެ ހައްގުތައް ހިމާޔަތްކޮށްދީ، ހައްޖަށް މީހުން ގެންދާ ކުންފުނިތަކުގެ ހައްގުތައް ވެސް ހިމާޔަތް ކުރުމެވެ.

މި އުސޫލުގައިވާ ގޮތުން ރާއްޖޭން ހައްޖަށް ގެންދެވޭނީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށެވެ. އަދި އެ ކުންފުންޏެއްގެ މަގުސަދުގެ ތެރޭގައި ހައްޖަށް މީހުން ގެންދިއުން އޮންނަން ޖެހެ އެވެ.

"... ހައްޖަށް ނުވަތަ އުމްރާ އަށް ގެންދިއުމުގައި އެއްވެސް ފަރުދެއްގެ އަތުން މި އުސޫލާއި އަދި މިނިސްޓްރީން އަންގާ އުސޫލުތަކާ ހިލާފަށް ފައިސާ ނަގާފައިވާ ނުވަތަ ހައްޖު ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ސާބިތުވެފައިވާ ނުވަތަ ތުހުމަތުކުރެވިފައިވާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ނުވަތަ މެނޭޖުމަންޓުގައި ހިމެނޭ އެއްވެސް ކުންފުންޏަކަށް ހައްޖަށް މީހުން ގެންދިއުމަށް މި އުސޫލުގެ ދަށުން ކުރިމަތި ނުލެވޭނެ އެވެ،" ހައްޖަށް މީހުން ގެންދިއުމުގެ އުސޫލުގައިވެ އެވެ.

މި އުސޫލުގައި ވާ ގޮތުގައި ހައްޖަށް މީހުން ގެންދިއުމަށް ހުށަހަޅަން ވާނީ މިނިސްޓްރީން ހައްޖަށް މީހުން ގެންދިއުމަށް އިއުލާނު ކުރުމުންނެވެ.

" ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދަ ހޯދުމަށް އެދެންވާނީ އެކަމަށް ކަނޑައެޅިފައިވާ މަޢުލޫމާތު ހުށަހަޅައި ގެންނެވެ،" އާއްމުކޮށްފައިވާ އުސޫލުގައިވެ އެވެ.