ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފުގެ ފޮޓޯއެއް ނަގައި އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކްރިމިނަލް ކޯޓުން ސިޓީއެއް މެދުވެރިކޮށް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.
ގާޒީ ބާރީގެ ފޮޓޯއެއް ނަގާ އިންޒާރުދޭން މަސައްކަތް ކޮށްފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކްރިމިނަލް ކޯޓް ހުންނަ ޖަސްޓިސް ބިލްޑިން ކައިރީ އޮންނަ ގޯޅިގަނޑެއްގައި ތެރެއިންނެވެ. ގާޒީ ބާރީއަށް އިންޒާރުދީފައިވާ ކަމަށް ބުނަނީ ސައިކަލުގައި ދިޔަ މީހެކެވެ.
ކްރިމިނަލް ކޯޓުން ފުލުހުންނަށް ހުށަހެޅި ސިޓީގައި، އެ ސައިކަލްގެ ނަންބަރު ވެސް ޖަހާފައިވެ އެވެ. ސިޓީގައި ބުނެފައިވާ ގޮތުގައި، އެމީހާ ވަނީ "ކަލޭ ފޮޓޯއެއް ނަގަން އެބަ ޖެހޭ. ކަލޭމެން ގާޒީން ކަންތައް ކުރާގޮތް އަހަރެމެންނަށް އެނގޭ. ކަލޭ ހަދާއެއްޗެއް ހަދާ! ކަލޭގެ ފޮޓޯ ނަގާނަން" މިހެން ބުނެ ގާޒީ ބާރީއަށް އިންޒާރުދީފަ އެވެ.
ގާޒީ ބާރީ ވަނީ ސައިކަލުގައި ދިޔަ މީހާ ގާޒީ ބާރީގެ ނުރުހުމުގައި ފޮޓޯ ނަގައި އިންޒާރުދީފައިވާތީ އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފައެވެ. ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ވިޔަސް އެ މީހާއާ މެދު ފިޔަވަޅު އަޅައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދެއްކެވި ވާހަކައެއްގެ ސަބަބުން އޭނާގެ މައްޗަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވުމުން ގާޒީ ބާރީއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.