ހަބަރު

އަޑުބަރޭ މިނިވަންކުރަން އެމްޑީޕީ އިން ގޮވާލައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފުގެ ފޮޓޯއެއް މަގުމަތިން ނަގައި އިންޒާރުދިން ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ތުލުސްދޫ ދާއިރާގެ ރައީސް އަދި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ) ހައްޔަރުކުރި ކުރުން އެމްޑީޕީއިން ކުށްވެރިކޮށްފި އެވެ.

އަޑުބަރޭ ހައްޔަރުކޮށްފައިވަނީ، ރޭ 12:45 ހާއިރު އެވެ. އަމީނީމަގު ހެޕީ މާކެޓު ކައިރިން އަޑުބަރޭ ހައްޔަރުކުރީ ކޯޓު އަމުރު ދެއްކުމަށްފަހު އެވެ. ގާޒީ ބާރީއަށް އިންޒާރު ދިން މައްސަލަ ފުލުހުން ބަލަން ފަށާފައިވަނީ އިއްޔެ ކްރިމިނަލް ކޯޓުން، ސިޓީއަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަނޑިޔާރެއްގެ ފޮޓޯ ނެގުމަކީ ޖިނާއީ ކުށަކަށް ނުވާއިރު ފޮޓޯއެއް ނެގިކަމަށް ބުނެ ކޯޓު އަމުރު ނެރެގެން ދަންވަރު މީހުން ހައްޔަރު ކުރަމުންދާ ދިއުމަކީ އިންތިހާއަށް ކަންބޮޑު ކަމެއް ކަމަށެވެ. އަދި އެކަމަކީ ރައްޔިތުންނަށް ބިރުދެއްކުމަށް ހިންގާ ގައިރު ގާނޫނީ އަމަލެއް ކަމަށް އެމްޑީޕީއިން ވަނީ ބުނެފަ އެވެ.

"މިކަން މިހެން އޮތްއިރު، އިނދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި، އެ ޕާޓީތަކުގެ އިސްވެރިންނަށާއި، ނޫސްވެރިންނަށާއި، މަދަނީ ޖަމިއްޔާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހަމަލާދީ އަދި އެފަރާތްތަކަށް ތަކުރާރުކޮށް ފޮނުވަމުންދާ މަރުގެ އިންޒާރުތަކުގެ އެއްވެސް މައްސަލައެއް މިހާތަނަށް ބަލައި ތަހްގީގް ހިންގާފައި ނުވާކަން ކަންބޮޑުވުމާއިއެކު ފާހަގަކުރަމެވެ. އަދި އެމައްސަލަތައް ނުބަލައި، ފަނޑިޔާރެއްގެ ފޮޓޯއެއް ނެގިކަމަށްބުނެ ދަންވަރު ކޯޓު އަމުރު ނެރެގެން މީހުން ހިފާ ހައްޔަރުކުރާކުރުމުން އެނގެނީ، އެހެން ރައްޔިތުންނަށް ދެމުންދާ ހަމަލާތަކާއި މަރުގެ އިންޒާރުތައް ތަހުގީގުކޮށް ނުބަލަނީ ގަސްތުގައިކަމެވެ." ބަޔާނުގައިވެ އެވެ.

އެމްޑީޕީއިން ބުނީ، ފަނޑިޔާރެއްގެ ފޮޓޯއެއް ނެގުންފަދަ ޖިނާއީ ކުށަކަށްނުވާ ކަންކަމުގައި ކޯޓު އަމުރު ނެރެގެން ދަންވަރު މީހުން ހިފާ ހައްޔަރުކުރާއިރު، ޖިނާއީ ބޮޑެތި ކުށްތައްކަށްވާ އެހެން މައްސަލަތައް މިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ނުބެލި ހުންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެއީ އިންސާފުގެ ހަމަހަމަކަމެއް ނެތްކަމާއި ނާއިންސާފާއި ރައްޔިތުންނަށް ބިރުދެއްކުން އިންތިހާއަށް ގޮސްފައިވާކަން ހާމަވާ ކަމެއް ކަމަށް އެމްޑީޕީއިން ވަނީ ބުނެފަ އެވެ.

"ގާޒީ އަބްދުލްބާރީ ޔޫސުފްގެ ފޮޓޯއެއް މަގުމަތިން ނެގިކަމަށްބުނެ ނުވަތަ އެފޮޓޯ ނެގުމަކީ އިންޒާރުދިނުން ކަމަށްބުނެ ގައިރު ގާނޫނީ ހައްޔަރަކުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ތުލުސްދޫ ދާއިރާގެ ރައީސް އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ) ވަގުތުން މިނިވަންކުރުމަށް އެމްޑީޕީ އިން ގޮވާލަމެވެ،" އެމްޑީޕީއިން މިއަދު ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

އަޑުބަރޭ ވަގުތުން ވަގުތަށް ދޫކޮށްލުމަށް އެމްޑީޕީއިން ގޮވާލާފައިވާއިރު އޭނާގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ތިން ދުވަސް ޖަހާފަ އެވެ.