ކްރިމިނަލް ކޯޓް

ޖަޒީލް 15 މަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

Mar 7, 2022

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމުގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ) އާއި އިތުރު މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މ. ހަނީކޯބް، އަހްމަދު ޖަޒީލް 15 މަހަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ޖަޒީލްގެ މައްޗަށް ހުކުމްކުރީ 15 މަހާއި އަށް ދުވަހަށް އޭނާ ޖަލަށް ލުމަށެވެ.

ޖަޒީލް ދެ މީހަކަށް ހަމަލާދީފައިވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދެ ދައުވާގެ އަދަބަކީ ކޮންމެ ދައުވާ އަކަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

އޭނާގެ އަދަބު ކުޑަވީ ދެ މީހުންނަށް ހަމަލާދިނުމުން ވަކިވަކިން ކުރި ދެ ދައުވާއަށް ކޯޓުގައި އެއްބަސްވެ ކުށަށް އިއުތިރާފްވުމުން ކޮންމެ ދައުވާއެއްގެ އަދަބުން ދެ ދަރަޖަ ދަށްކޮށް ގާޒީ ހުކުމްކުރުމުންނެވެ.

އެމްޑީޕީގެ އޮފީސް ތެރޭގައި މަންދީ އާއި އެހެން މީހަކު ހުއްޓާ ޗޭނުގަނޑަކުން ޖަހާ މަންދީ ބޯފަޅާލައި ދެވަނަ މީހަކަށް، ޖަޒީލް ހަމަލާދީފައިވަނީ މިދިޔަ ސެޕްޓެމްބަރު ދެވަނަ ދުވަހު އެވެ.

ޖެހިގެން އައި ދުވަހު ފުލުހުން ޖަޒީލް ހައްޔަރުކުރި ނަމަވެސް ބަންދުގައި ދުވަސްކޮޅަަކު ބެހެއްޓުމަށްފަހު ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

ޖަޒީލް، އެ މީހުންނަށް ހަމަލާދިނީ އޭނާ އަށް މުސާރަ ނުދީ ހިފެހެއްޓުމުންނާއި އެ މީހުން، އޭނާއާ ދިމާކުރާތީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ޖަޒީލް ބުނެފައިވެ އެވެ.