އަބްދުލް ބާރީ ޔޫސުފް

ބަންދު މުއްދަތު ޖަހާނީ އިސް ގާޒީ ބާރީ ކަމަށް ހަމަޖައްސައިފި

ކުރިމިނަލް ކޯޓުގައި ބަންދުގެ މުއްދަތު ޖެހުމުގެ ކަންކަން ދެން ކުރިއަށް ގެންދަވާނީ އެ ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ކަމަށް ހަމަޖައްސައިފި އެވެ. އެ ނިންމުން ނިންމަވާފައިވަނީ އިސް ގާޒީގެ ހައިސިއްޔަތުން ގާޒީ ބާރީއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

އެ ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކް އަވަސްއަށް މިއަދު ވިދާޅުވީ، ބަންދު ޖެހުމުގެ ކަންކަން ކުރިއަށް ގެންދާ ސެކްޝަނަކީ އަބަދުވެސް އެއިރަކު އެ ހުންނަވާ އިސް ގާޒީއެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ސެކްޝަނެއް ކަމަށެވެ. އަދި ބަންދު ޖެހުމުގެ ކަންކަން ކުރައްވާނީ އަބަދުވެސް އެއިރަކު ހުންނަވާ އިސް ގާޒީ އަންގަވާ ގޮތަށް ކަމަށެވެ.

މަނިކް ވިދާޅުވީ، ބައެއް ފަހަރަށް އިސް ގާޒީ އަމިއްލަފުޅަށް ބަންދުގެ މުއްދަތު ޖެހުމުގެ ކަންކަން ކުރައްވާއިރު، އެހެން ގާޒީންނާ ހަވާލު ކުރައްވައިގެން ވެސް އެ މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް މިވަގުތު ބަންދުގެ މުއްދަތު ޖެހުމުގެ ކަންކަން ކުރައްވަމުން ގެންދަނީ އިސް ގާޒީ ކަމަށް މަނިކް ވިދާޅުވި އެވެ.

ބަންދުގެ މުއްދަތު ޖެހުމުގެ ސެކްޝަނަކީ އިސް ގާޒީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ސެކްޝަނަށްވާތީ، މީގެ ކުރިން ވެސް އެ ކޯޓުގެ އިސް ގާޒީން އަމިއްލަފުޅަށް ބަންދުގެ މުއްދަތު ޖެހުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވެ އެވެ.