ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ މިނިވަންކަމަށް އިހްތިރާމު ކުރުމަށް އިންޑިއާގެ ކިބައިން އެދިވަޑައިގެންފި

ދިވެހިރާއްޖޭގެ ސިޔާދަތީ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް ދިވެހި ރައްޔިތުން ނިންމި ނިންމުމަށް އިހްތިރާމުކޮށް އެކަމުގައި އެއްބާރުލުން ދިނުމަށް އިންޑިއާގެ ކިބައިން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު މިކަމަށް އެދިވަޑައިގަތީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މިއަދު އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ދެ ބޭފުޅުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު ގައެވެ. މިބައްދަލުކުރެއްވުމުގައި އިންތިހާބީ ނައިބް ރައީސްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ބައްދަލުކުރެއްވުމުގައި ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާގެ ރިޔާސީ ދައުރުގައި އިންޑިއާ އެކު އޮންނަ ގުޅުން ސިޔާދަތީ އިހްތިރާމުގެ އަސާސްތަކުގެ މައްޗަށް އިއާދަކުރައްވައި، ޒަމާނުއްސުރެ އިންޑިއާއާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ހާއްސަ ގުޅުން ހަރުދަނާކުރައްވައި އިތުރު އާ ހަރުފަތަކަށް ގެންދިއުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާދަތީ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް ދިވެހި ރައްޔިތުން ރިޔާސީ އިންތިހާބުގައި ނިންމެވި ނިންމެވުން ތަކުރާރުކުރައްވަވައި އެ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އުއްމީދު ކުރައްވާ ކަމުގައިވެސް އިންތިހާބީ ރައީސް ވިދާޅުވި އެވެ.

އިންޑިއާ ސަފީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވެވު އެވެ. އަދި ދިވެހިރާއްޖޭގެ ސިޔާދަތީ މުސަތަގިއްލުކަމަށް ފުރިހަމައަށް އިހުތިރާމު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވެވައި، ލޯނުތައް އަދާކުރުމުގައި ފަހި ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށް މަޝްވަރާކުރުމަށް ތައްޔާރަށް ތިއްބެވި ކަމުގައިވެސް ވިދާޅުވި އެވެ.