އާބަންކޯ

ހުޅުމާލެ ސައުތު ވެސްޓް ހާބަރު ތަރައްގީކުރަން ހަވާލުކޮށްފި

ހުޅުމާލޭގެ ސައުތް ވެސްޓް ހާބަ ތަރައްގީކުރުމުގެ މަޝްރޫއު ޖީޕީއެލް ހޯލްޑިންގްސް ޕަރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ ދަށުން ޑިންގީ ހާބަ، ކޮމާޝަލް ޑިވެލޮޕްމެންޓް އަދި ވެހިކިއުލަ ހާބަ ތަރައްގީކުރުމަށް ހަމަޖެހިފައިވެ އެވެ.

އާބަންކޯ އިން ބުނީ މިވަގުތު މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވަނީ އެންމެ ޖެޓީ ހާބަ އަކަށްވެފައި މި ހާބަ އަކީ އެކަށޭނެ ބޮޑުމިނެއްގެ ހަބަރއަކަށްނުވާތީ ހުޅުމާލޭގެ މި މަޝްރޫއު މެދުވެރިކޮށް ޑިންގީ ގެންގުޅޭ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މީގެއިތުރުން ހުޅުމާލޭގައި މިވަގުތު ކަމް ކާގޯ ވެސަލްއަށް ހާއްސަކޮށްގެން ހާބަ އެއް ނެތުމުން ދިމާވާ ދަތިތަކަށް ވެހިކިއުލަ ހާބަ ތަރައްގީ ކުރުމުން ހައްލު ލިބިގެންދާނެ ކަމަށްވެސް އާބަންކޯ އިން ބުންޏެވެ.

އާބަންކޯ އިން ބުނީ ހުޅުމާލޭގެ ސައުތް ވެސްޓް ހާބަ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޕާކިން ޒޯނެއް ތަރައްގީ ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. މީގެ ސަބަބުން މާލެ ސަރަހައްދުގައި އުޅަނދު ޕާކް ކުރުމަށް ދިމާވެފައިވާ ގޮންޖެހުމަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބިގެންދާނެ ކަމަށް އާބަންކޯ އިން ބުނެ އެވެ. އެގޮތުން ކާރު، ސައިކަލްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ޕާކިން ސްޕޭސް ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި ކޮމާޝަލް ޑިވެލްޕްމަންޓަށް ތަފާތު ސްޕޭސެސްތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.