ކުށްކުރުން

ދުވަސްވީ މީހަކަށް ހަމަލާދީ ފައިސާ ފޭރުނު މީހާ ބަންދަށް

ހދ. ހަނިމާދޫގައި އުމުރުން 63 އަހަރުގެ ފިރިހެނަކަށް ހަމަލާދީ އޭނާ ޒަހަމްކޮށްލުމަށްފަހު ފައިސާކޮޅު ފޭރިގަނެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.

ފުލުހުން މިއަދު ބުނީ އޭނާގެ ބަންދަށް އިއްޔެގެ ވަގުތެއްގައި މުއްދަތު ޖެހީ ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ.

ޒަހަމްވެފައިވަނީ ގެއެއްގައި އެކަނި ދިރިއުޅޭ އަދި ޖިސްމާނީ ގޮތުންވެސް ނުކުޅެދުންތެރިކަމެއް ހުންނަ އާދަމް ޔޫސުފް ކިޔާ މީހެކެވެ.

ހަނިމާދޫ ބައެއް މީހުން ބުނާ ގޮތުގައި އަންގާރަ ދުވަހުގެ ރޭ 11:45 ހާއިރު ހިނގި މިހާދިސާގައި އާދަމްބެ ގައިގެ އެކި ތަންތަނަށް ހަމަލާދީފައިވަނީ ގޭގައި އޮތް ފިހިގަނޑަކުންނެވެ.

އާދަމްގެ ބޯފަޅާލައި މޫނާއި ކޮނޑަށް އަނިޔާދީފައިވާއިރު ބޮލުން ގިނަ އަދަދަކަށް ލޭފައިބާފައި ހުރި ކަމަށާއި ފިހިގަނޑު ވެސް ހަތަރު ބަޔަށް ބިންދާލާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އާދަމްބެ އަށް ހަމަލާދީފައިވަނީ ހަނިމާދޫގައި ދިރިއުޅޭ ނޭކުރެންދޫއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޒުވާނެކެވެ.

ހަނިމާދޫ ރައްޔިތުންގެ ބަޔަކު އޭނާ އަތުލައިގަނެ ފުލުހުންނާ ހަވާލުކުރީ ހަމަލާއަށްފަހު އޭނާއަށް ގެއަށް އަންނާނެ ކަމަށް ބަލައި ގޭދޮށުގައި ފާރައަށް ތިއްބާ އޭނާ ގެެއަށް އައި ވަގުތުގައި ކަމަށް މައުލޫމާތު ދިން ބައެއް މީހުން ބުންޏެވެ. އެވަގުތު އެ ޒުވާނާގެ ޓީޝާޓްގައި ލޭ ހުރި ކަމަށާއި އަދި އާދަމްބެގެ ގެއިން ފައިސާ ފޭރިގަތުމަށްފަހު މަސްތުވާތަކެތި ގަނެ ބޭނުންކޮށްފައިވާ ކަމަށް އޭނާ ބުނާ ކަމަށްވެސް މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ.