ފޭސްބުކަކީ އެންމެން ބޭނުންކުރާ ވަސީލަތެކެވެ. ދުނިޔޭގެ އެތަން މިތަނުން އެތައް މިލިއަން ބަޔަކު ގުޅުވާލައިދޭ މި ބޮޑު ނެޓްވޯކް ތެރޭގައި އެކި އެކި ހިޔާލުތައް އެނބުރެމުން ފެތުރެމުން ދެ އެވެ.
އެގޮތުން އެންމެ ބޮޑަށް ފެތުރޭ ވާހަކަތަކުގެ ތެރޭގައި މުސްލިމް ގައުމުތަކުން ހުޅަނގުގެ ގައުމުތަކަށް ހިޖުރަކުރާ މުސްލިމުންގެ ވާހަކަ ފާހަގަކޮށްލެވެ އެވެ. ބޮޑެތި ބައެއް ގައުމުތަކުން ފާޅުގައި މުސްލިމުންނަށް ހިމާޔަތް ނުދޭނެކަން ދަނީ އިއުލާނު ކުރަމުންނެވެ. އެގޮތުން އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޕޮލިޓީޝަން ޑޮނަލްޑް ޓްރަމްޕް އެ ގައުމަށް މުސްލިމުން ވަނުން މަނާކުރުމަށް ގޮވާލުމުން ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް މިވަނީ މުސްލިމުންނަށް ހިތްވަރުދީ އިސްލާމުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ކަމަށް ބުނެފަ އެވެ.
ޒަކަބާގް އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވަނީ މިނިވަންކަމާއި ދެކޮޅަށް ދޭ ހަމަލައިގެ ގެއްލުން އެންމެނަށް ވެސް ވާނެ ކަމަށާއި އެހެން ކަމުން މުސްލިމުންގެ ހައްގުތައް ވެސް ރައްކާތެރިކޮށްދޭން ޖެހޭ ކަމަށެވެ.
"އަހަރެން ބޭނުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މުސްލިމުންގެ ހައްގުތައް ރައްކާތެރިކޮށްދޭން އަހަރެންގެ އަޑުވެސް އުފުލަން. ޕެރިހަށް ދިން ހަމަލާއާއި ބޮޑެތި ބައެއް ބާރުތަކުން މުސްލިމުންނަށް ކުރާ ނަފްރަތުން އަހަންނަށް އިހުސާސް ކުރެވެނީ މުސްލިމުން ނިކަމެތިވެ ބިރުގަނެފައިވާ މިންވަރު،" ޒަކަބާގް ބުންޏެވެ. "އަހަންނަކީ ޔަހޫދީއެއް. އެކަމަކު އަހަރެންގެ މައިންބަފައިން އަހަންނަށް ދަސްކޮށްދިނީ ހުރިހާ ދީނެއްގެ ހިމާޔަތުގައިވެސް އަހަރެމެން މަސައްކަތް ކުރަން ޖެހޭނެކަން. އެމީހުންގެ ހައްގުތައް ހޯދައިދޭން ޖެހޭނެކަން. އެ ހަމަލާއަކީ ސީދާ އަހަރުމެންނަށް އަމާޒުކޮށްގެން ދިން ހަމަލާއަކަށް ނުވިއަސް. މިނިވަންކަމާއި ދެކޮޅަށް ދޭ ކޮންމެ ހަމަލާއަކުން އެއްމެނަށްވެސް ގެއްލުންވާނެ،"
ޒަކަބާގް ބުނީ ފޭސްބުކްގެ ވެރިޔާގެ ހައިސިއްޔަތުން އެންމެހާ މުސްލިމުންނަށް ބުނެލަން ބޭނުމީ ފޭސްބުކުން މުސްލިމުންގެ ހައްގުތައް ހޯދައިދޭން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި މުސްލިމުންނަށް ރައްކާތެރި އަމާން ތަނަކަށް ފޭސްބުކް ވާނެ ކަމަށެވެ.
"އަހަންނަށް ދަރިއަކު ލިބުމަކީ އުއްމީދު އާލާވެ ދިރިއުޅުމަށް ލިބޭ ހިތްވަރެއް. އެހެން ނަމަވެސް ނަފްރަތަކީ ހަލާކުވެފައިވާ ފާރުގަނޑެއް އިތުރަށް ފާރުވެ ހަލާކުވުން ކަހަލަ ކަމެއް. އެހެންވީމަ އެއްވެސް މީހަކު އުއްމީދު ކަނޑާލައިގެން ނުވާނެ. އެންމެން އެކީގައި ގުޅިހެން މަސައްކަތް ކުރަން ފެށީމަ އެބައެއްގެ ކިބައިގައި ހުރި ރަނގަޅު ކަންތައްތައް ފެންނާނީ. އޭރަށް އަހަރުމެން މިއުޅޭ ދުނިޔެ ރަނގަޅު ތަނަކަށް ހެދޭނެ" ޒަކަބާގް އޭނާގެ ޕޭޖުގައި ލިޔެފައިވެ އެވެ.