ފިނިޕޭޖް

"ޕޯ ޕެޓްރޯލް: ދަ މައިޓީ މޫވީ"އަށް ބޮޑު ތަރުހީބެއް

މަޝްހޫރު ކުޑަކުދިންގެ އެނިމޭޓަޑް ސީރީޒް "ޕޯ ޕެޓްރޯލް"ގެ މައްޗަށް ހަދާފައިވާ ދެވަނަ ފިލްމަށް ބޮކްސް އޮފީހުގައި ދަނީ ރަނގަޅު ރިވިއު އާއި ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ޕެރެމައުންޓް ޕިކްޗާޒްގެ ނިކަލޯޑިއަން މޫވީސް އާއި ސްޕިން މާސްޓާސް އިން ޕްރޮޑިއުސްކޮށްފައިވާ "ޕޯ ޕެޓްރޯލް: ދަ މައިޓީ މޫވީ" ރިލީޒްކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

މި ފިލްމް ރިލީޒްކުރުމާއެކު ކާމިޔާބު "ސޯ" ފްރެންޗައިޒްގެ "ސޯ އެކްސް" އާއި "ދަ ކްރިއޭޓާ" އަދި "ޑަމްބް މަނީ" ވަނި ފަހަތަށް ޖައްސާލާފަ އެވެ. ތޭރަ މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ސޯ އެކްސް" އަށް 33.2 މިލިއަން ލިބިފައިވީއިރު 80 މިލިއަން ޑޮލަރަށް ހެދި "ދަ ކްރިއޭޓާ" އަށް އަދި ލިބިފައިވަނީ 35.3 މިލިއަން ޑޮލަރެވެ. އަދި 30 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޑަމްބް މަނީ" އަށް ލިބިފައިވަނީ 8.7 މިލިއަން ޑޮލަރެވެ.

މީގެ ބަދަލުގައި "ޕޯ ޕެޓްރޯލް: ދަ މައިޓީ މޫވީ" އަށް ފުރަތަމަ ފަސް ވަރަކަށް ދުވަހު އުތުރު އެމެރިކާގެ މާކެޓުން 25.3 މިލިއަން ޑޮލަރު ލިބިފައިވީއިރު، ބައިނަލްއަގްވާމީ މާކެޓްތަކުން މި ފިލްމަށް 24.4 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެހެން ކަމުން 30 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމަށް މި ކުޑަ ދުވަސް ކޮޅުގެ ތެރޭގައި 49.8 މިލިއަން ޑޮލަރު މިވަނީ ލިބިފަ އެވެ.

އަދި 26 މިލިއަން ޑޮލަރުން ހެދި "ޕޯ ޕެޓްރޯލް"ގެ ފުރަތަމަ ފިލްމު"ޕޯ ޕެޓްރޯލް: ދަ މޫވީ" އަށް ފުރަތަމަ ދުވަސް\ކޮޅު ބޮކްސް އޮފީހުގައި ސިކުއެލްއަށްވުރެ ދަށް އަދަދެއް ލިބިފައިވީނަމަވެސް، އެފިލްމަށް މިހާތަނަށް 144.3 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެހެންކަމުން މި ސިކުއެލް ބޮކްސް އޮފީހުން މިއާ ގާތްކުރާ ނޫނީ ބޮޑު އަދަދެއް ހޯދާނެކަމަށް ލަފާކުރެވެ އެވެ.

"ޕޯ ޕެޓްރޯލް: ދަ މައިޓީ މޫވީ" ޑައިރެކްޓްކުރީ މި ފިލްމުގެ ފުރަތަމަ ފިލްމުވެސް ޑައިރެކްޓް ކުރި ކެލް ބްރުންކާ އެވެ.

މި ފިލްމްގައި ޕޯ ޕެޓްރޯލް ސްކޮޑްގެ އަޑު އަޅާފައިވަނީ މެކްކޭނާ ގްރޭސް، ފިން ލީ-އެޕް، ކްރިސްޓިއަން ކޮންވެރީ، ކްރިސްޓިއަން ކޮރާއޮ، ލަކްސްޓަން ހޭންޑްސްޕައިކާ، ކެލަމް ޝޮނިކާ، ނިލަން ޕާތިޕަން އަދި މާސައި މާޓިން އެވެ.

މީގެ އިތުރުން ތަރާޖީ ޕ. ހެންސަން، ރޮން ޕާޑޯ، ކިމް ރޮބަޓްސް މައި ރޯލަށް އަޑު އަޅާފައިވާއިރު ކްރިސްޓިން ބެލް، ޖޭމްސް މާސްޑަން، ކްރިސް ރޮކް، ސެރީނާ ވިލިއަމްސް، ކިމް ކާޑޭޝިއަން އަދި ދަރިފުޅު ނޯތް ވެސްޓް އެހެން ރޯލްތަކަށް އަޑު އަޅާފައިވެ އެވެ.

"ޕޯ ޕެޓްރޯލް" ފިލްމު ސީރީޒްގެ ތިންވަނަ ފިލްމެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ. އަދި މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ 2026 ގައެވެ.