ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ ތަރައްގީއަށް ފުރިހަމަ އެއްބާރުލުން ދޭނަން: ސްރީލަންކާ

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސްރީލަންކާއިން ދީފި އެވެ.

ސްރީލަންކާއިން މި ޔަގީންކަން ދިނީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާދަމް މަޒްވަރީ ޖައުފަރު ސާދިގު، އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ އަރިހަށް ކުރެއްވި ޒިޔާރަތުގަ އެވެ.

މި ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު އާއި ސްރީލަންކާ ސަފީރު ދެއްކެވި ވާހަކައިގައި ލަންކާ އާއި ރާއްޖެއާ ދެމެދު އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުންތައް ފާހަގަކުރެއްވި އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުވުމުގައި ލަންކާގެ ސަފީރު ދެއްކެވި ވާހަކައިގައި ވަނީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.