ދުނިޔެ

ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި މާސްއަށް ދެވޭވަރު ވާނެ: އީލޮން މަސްކް

ސްޕޭސްއެކްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު -- އީލޮން މަސްކް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަތަރު ވަރަކަށް އަހަރު ތެރޭގައި އޭނާގެ ކުންފުނިން މާސްއަށް ޖައްވީ އުޅަނދުތަައް ފޮނުވޭވަރު ވާނެ އެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބަކޫގައި އޮތް އިންޓަނޭޝަނަލް އެސްޓްރޮނޯޓިކަލް ކޮންގްރެސްގައި، ވީޑިއޯ މެދުވެރިކޮށް ބައިވެެރިވެ ވަޑައިގެން ވާހަކަދައްކަވަމުން މަސްކް ވިދާޅުވީ އިންސާނުންނާ ނުލައި ސްޕޭސްއެކްސްގެ އުޅަނދުތައް މާސްއަށް ދަތުރުކުރާ ވަގުތު ކައިރިވަމުން އަންނަ ކަމަށެވެ.

މަސްކް ވިދާޅުވި ގޮތުގައި އިންސާނަކު މާސްއަށް ފޮނުވުމަށް -- ފުރަތަމަ ފޮނުވަން ޖެހެނީ ފުން ޖައްވުގައި އިންސާނުން ދަތުރުކުރަން ކަމުދާ އުޅަނދުފަހަރެވެ. އެއީ އުޅަނދުތައް އެހާ ދުރަށް ދަތުރުކޮށް ދާއިރު އޭގެ ތަބީއަތަށް އަންނަ ބަދަލު އުނގެނުމަށް ކަމަށްވެސް މަސްކް ވިދާޅުވި އެވެ.

އީލޮން މަސްކްގެ ސްޕޭސްއެކްސްއިން މާސްއަށް އިންސާނުން ފޮނުވުމަކީ މިހާރުވެސް އަޖުމަބަލަމުން ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ އިތުރުން -- ދުނިޔޭގައި ދަތުރުފަތުރު ކުރުމުގެ ނިޒާމަށް އިންގިލާބީ ކުރިއެރުންތަކެއް އީޖާދުކުރުމަކީ ވެސް މަސްކް ކުރިމަތިލައްވައިގެން އުޅުއްވާ ގޮންޖެހުމެކެވެ.

މަސްކް ވިދާޅުވީ އޭނާގެ ކުންފުނިން އުއްމީދީ ދަތުރުތައް ވިޔަފާރިއަށް ހުޅުވާލާއިރު، އެމެރިކާގެ ލޮސްއެންޖަލިސްގައި ހުންނަ މީހަކު ހެނދުނު ނާސްތާއަށް ފަހު މެންދުރުގެ ކެއުމަށް ލަންޑަނަށް ދެވޭނެ ކަމަށެވެ. އަދި ސިންގަޕޫރުގައި ރޭގަނޑުގެ ކެއުން ފުރިހަމަކުރުމަށްފަހު ނިދާ ގަޑިއަށް އެނބުރި ލޮސްއެޖަލީސްއަށް ދެވޭނެ ކަމަށެވެ.

އިންސާނުންގެ ދަތުރުފަތުރަށް އީލޮން މަސްކްގެ ސިކުނޑީގައި ވަރަށް ގިނަ ރޭވުންތައް ގެންގުޅުއްވަ އެވެ. އޭގެ ތެރޭގައި "ހައިޕާލޫޕް" އޭކިޔާ ޕްރޮގްރާމެއް ވެސް ހިމެނެ އެވެ. އަދި އިންސާނުންނަށް މިހާތަނަށް ހާސިލުކުރެވިފައި ނެތް ކިތަން ޓެކްނޮލޮޖީއެއްގެ ވާހަކަވެސް މަސްކް ދައްކަވަ އެވެ.

މި ހުރިހާ ކަމަކަށް ވުރެ މަސްކްއަށް މުހިންމީ އޭނާ ޖައްވީ ކުޑައިގެ ދަށުން އިންސާނަކު މާސްއަށް ފޮނުވުމެވެ. މި މަސައްކަތްތަކުގައި އޭނާ ވަނީ ވަރަށް ގިނަ ހޯދުން ހޯއްދަވައި އިންޖިނޭރުންނަށާއި ސައިންސްވެރިންނަށް ކޮންޓްރެކްޓްތައް ދެއްވާފަ އެވެ.