އޮބިޗުއަރީ

އަމީނާއި އަމިތުގެ ބައްޕަ ނިޔާވެއްޖެ

މާލޭގައި އިއްޔެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާ ދެމުން ދަނިކޮށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ -- އަހްމަދު މަނިކު ރޭ ނިޔާވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަދި ރާއްޖެއިން ޖަޕާނަށް މިވަގުތު ކަނޑައަޅުއްވާފައި ހުންނެވި ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތު އަކީވެސް އަހްމަދު މަނިކުގެ ބޭފުޅެކެވެ.

އަހްމަދު މަނިކު އެކްސިޑެންޓްވީ ހުކުރު ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗް ކުރިމައްޗަށްވާ ގޮތަށް ހުންނަ އޮކްސިޖަން ރެސްޓޯރަންޓާ ހަމައިންނެވެ.

އެކްސިޑެންޓްވީ އުމުރުން 74 އަހރުގެ އަހްމަދު މަނިކު ދުއްވަމުން ދިޔަ ސައިކަލާއި ކާރަކާ ޖެހިގެންނެވެ.

އެކްސިޑެންޓަށްފަހު އަހްމަދު މަނިކަށް ފަރުވާ ދެމުންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫ ގައެވެ. އެކްސިޑެންޓާ ގުޅިގެން އޭނާ ބޮލާއި ނޭފަތް ފަޅައިގެން ގޮސް ސިކުނޑި އަށް ލޭ އެޅިފައިވެ އެވެ.

އަހްމަދު މަނިކުގެ ކަށު ނަމާދާއި ޖަނާޒާ އޮންނާނީ މިއަދު އަސްރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތް -- މަސްޖިދު ޒައިދު ބިން ސާބިތު ގައެވެ.