އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަށް އިންތިހާބި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރުހުން އޮތް ކަމަށް ދޭހަވާ ގޮތަށް ރައީސް މުހައްމަދު ނަޝީދު ދެއްކެވީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އެންމެ ބޮޑު އެއް ނޫސް -- ދަ ހިންދޫއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވަނީ 75 އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ރުހުން އޮންނާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވާފަ އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ފިރުޒުލް ވިދާޅުވީ ރައީސް ނަޝީދު އިންޑިއާގެ ނޫހުގައި ދައްކަވާފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެފަދަ ވާހަކައެއް ދެއްކެވުމުގެ ކުރިން ރައީސް ނަޝީދު މަޝްވަރާއެއްވެސް ކުރައްވާފައި ނުވާ ކަމަށާއި އިންތިހާބީ ރައީސްއާ ހަވާލާދެއްވާ ރައީސް ނަޝީދު އެގޮތަށް ވާހަކަދެއްކެވީތީ ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
"އިންޑިއާ ކީއްކުރަން، އެއްވެސް ގައުމެއްގެ ސިފައިންނަކަށް ރާއްޖެއަކު ނުތިބެވޭނެ،" ފިރުޒުލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ވެސް ފިރުޒުލް ވަނީ ޖަވާބު ދެއްވާފަ އެވެ. އެކަމުގައި ފިރުޒުލް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމަކުން ކަންބޮޑުވުމެއް ނެތް ކަމަށާއި، އުއްމީދަކީ އެ ވޯޓުގެ ސަބަބުން އިންތިހާބީ ރައީސް ހުވާ ކުރެއްމުގެ ރަސްމިއްޔާތައް އެއްވެސް ހުރަހެއް އެޅިގެން ނުދިއުން ކަމަށެވެ.
"އެފަދަ ކަމެއް ހިނގަމުން ދިޔަ ނަމަވެސް، ކަނޑައެޅިފައި ހުރި އިންތިޒާމުތަކުގެ ތެރެއިން ހުވާ ކުރުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ތަރުތީބުވެގެން ދާނެ ކަމަށް އުއްމީދު ކުރަނީ" ފިރުޒުލް ވިދާޅުވި އެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތަކީ އެމްޑީޕީ އިން ކުރާ ކަމަކަށްވާތީ ސީދާ އެ މައްސަލައިގައި އިންތިހާބީ ރައީސްގެ ފަރާތްޕުޅުން އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށެވެ.