ރައީސް މުހައްމަދު ނަޝީދު

އިންތިހާބީ ރައީސް ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު އަރުވަނީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ފޮނުވުމުގެ ކަންކަން މިއަދު ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އަޅުގަނޑާ މި ފަހުން ޓްރާންސިޝަން އޮފީހުގެ ބޭފުޅުންނާ ވެސް ބައްދަލުވި، އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް ދައުވަތު ފޮނުވުމަށް، މިއަދު މެންދުރުފަހު އަޅުގަނޑު އެ ކަންކަން ކުރިއަށް ގެންދާނަން" ނަޝީދު ވިދާޅުވި އެވެ.

މުއިއްޒުގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވެގެންދާނެ ކަމަށް ބުނެ ދެކެވެނީ ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށްވެސް ނަޝީދު ވަނީ އެ އިންޓަވިއުގައި ވިދާޅުވެފަ އެވެ.

"ބައިނަލްއަޤްވާމީ މީޑިއާތަކުން އަޅުގަނޑުމެންގެ އިންތިޚާބަކީ އިންޑިއާއާއި ޗައިނާއާ ދެމެދު އޮތް އިންތިޚާބެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، ޑރ.މުއިއްޒު އަކީ ވެސް ޗައިނާއަށް ތާއީދުކުރާ މީހެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މީޑިއާތަކުން ވަނީ ސިފަކޮށްފަ. އަޅުގަނޑަކަށް ހިއެއް ނުވޭ މިއީ ހަގީގަތެއް ހުރި ވާހަކަތަކެއް ކަމަކަށް" ނަޝީދު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގެންނެވި އެވެ.