ފޭސްބުކް އެކައުންޓްތައް ހެކް ކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން އަންނާތީ މިކަމަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން އިލްތިމާސް ކޮށްފި އެވެ.
މިގޮތުން ހެކް ކޮށްފައިވާ ފޭސްބުކް އެކައުންޓް މެދުވެރިކޮށް 'ފްރެންޑްސް ލިސްޓް'ގައި ހުންނަ އެކި ފަރާތްތަކަށް މެސެންޖާ މެދުވެރިކޮށް ފައިސާ ހޯދުން ވަނީ އިތުރުވެފަ އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލް އިން އެދެނީ ފޭސްބުކް މެދުވެރިކޮށް ރައްޓެއްސެއް ނުވަތަ އާއިލާ މެންބަރެއްގެ ނަމުގައި ފައިސާ ފޮނުވުމަށް މެސެޖްކޮށްފިނަމަ، ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން އެހެން ވަސީލަތެއް މެދުވެރިކޮށް އެމީހަކަށް ގުޅާ އެކަން ޔަގީންކުރުމަށް ކަމަަށެވެ.
ސައީދު ވިދާޅުވީ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށް ޔަގީން ކުރުން ކަމަށެވެ. އަދި ފައިސާ ފޮނުވިއްޖެނަމަ ވީހާވެސް އަވަހަށް ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުމަށްވެސް އެދިވަޑައިގެންނެވި އެެވެ.
މީގެ އިތުރުން ބީއެމްއެލްގެ ނަމުގައި އެކައުންޓް އެކްޓިވޭޓް ކުރުމަށް އެދި ފޭކް ލިންކެއް ހިމަނައިގެން އެސްއެމްއެސް ފޮނުވައިގެން ކަސްޓަމަރުންނަށް އޮޅުވާލައިގެން އިންޓަނެޓް ބޭންކިން ޔޫޒަނޭމާއި ފާސްވޯޑްގެ އިތުރުން އޯޓީޕީ ހޯދައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވެސް ހުށަހެޅުން އިތުރުވެފައިވާ ކަން ސައީދު ވަނީ ފާހަގަކުރައްވާފަ އެވެ.
"ބީއެމްއެލް އިން ފޮނުވާ އެސްއެމްއެސްގައި އެއްވެސް ލިންކެއް ނުހިމެނޭނެ. މިގޮތަށް ލިބޭ އެސްއެމްއެސްގައި ހިމެނޭ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކުރަން. އަދި އެއްވެސް ފަރާތަކާ އޯޓީޕީ ހިއްސާ ނުކުރުމަށް ތަކުރާރުކޮށް ދަންނަވަން،" ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން އޮންލައިން ޕޭޖްތަކުން ވިޔަފާރިކޮށްގެން ފައިސާ ދެއްކުމަށްފަހު މުދާ އަދި ފައިސާވެސް އަނބުރާ ނުލިބޭ ކަމުގެ ޝަކުވާ އާއި ކާކުކަން ނޭނގޭ ފަރާތްތަކާ އެކު ޑޮލަރުގެ މުއާމަލާތްކޮށްގެން ފައިސާ ނުލިބިގެން އެ ކަމުގެ ޝަކުވާވެސް ބޭންކަށް ލިބެމުންދާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.